"ވަގުތު ބޭކާރުގޮތުގައި ދުއްވައިލުމަކީ މަރަށްވުރެވެސް ނުބައި ކަމެކެވެ. ސަބަބަކީ ވަގުތު ދުއްވައިލުމުން ތިބާ ހެއްދެވި ފަރާތާއި އާޚިރަތާއި ދުރުކުރުވާތީއެވެ. އަދި މަރުގެ ސަބަބުން ތިބާ ދުރުކުރުވަނީ ދުނިޔެއާއި އެތަނުގައިވާ މީސްތަކުންނާއި ކަމުގައިވާތީއެވެ." <އިބްން ގައްޔިމް >

***

"ނޯ...ނޮޓް ނައު...އުރޫޖް އަށް މިވަގުތު ދޮންބެ މުހިންމުވާނެ..." ކެނާން އެހެން ބުނެލީ ފަރަހްގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ފަރަހްގެ މޫނު މައްޗަށް ވެރިވެފައިވީ ރަތް ކުލަ އިތުރުވިއެވެ.

"ވަރަށް ދެރަ....ވަރަށް މަސައްކަތް ކުރެވުނު އެކަމަކު އިޓްސް ހަމަ ގޯޑްސް ވިލް...." ފަރަހް މޫނުމަތީ ކުލަވަރު ބަދަލުކޮށްލިއެވެ. އެމޫނުމައްޗަށް ވެރިކުރުވީ ހިތާމައާއި މޮޅިވެރިކަމުގެ އިންތިހާއެވެ.

ފަރަހްގެ ޖުމްލައާއެކު އަނެއްކާ މަދީނާ އަށް ރޮވެން ފެށުނެވެ. ކެނާން ވިސްނައިދެމުން ދިޔައީ ހިތްވަރު ކުރުމަށެވެ. މަދީނާ ރޯ ތަން ފެނުމުން އުރުޖުވާން އިތުރަށް ބަލިކަށިވާނީކަމުގައި ބުނެދިނެވެ.

ފަރަހްގެ ގަޔަށް ކޮފީ އެޅިފައި ހުރުމުން ސާފުކުރުމަށް ބުނެ މިސްރާބު ޖެހީ ފާޚާނާއާއި ދިމާއަށެވެ. ހަމަ އެވަގުތު އައިސީޔޫ ތެރެއިން ނިކުތް ނަރުސްކުއްޖަކަށް ފަރަހް ފެނުމާއެކު ދުވެފައި ކަހަލަގޮތަކަށް އައިސް އަރާ ހަމަކުރިއެވެ. ފަރަހް ފާޚާނާއާއި ހަމަޔަށް ދެވުމުގެ ކުރިން އެ ނަރުސް ކުއްޖާ ފަރަހްގެ އަތުގައި ހިފުމާއެކު އަތް ފޮޅާލީ ނިކަން ބާރަށެވެ. ކެނާންއަށް އެ މަންޒަރު ފެނުނީ ދުރުން ކަމުގައި ވިޔަސް ހިތަށް ނުތަނަވަސްކަން ވެރިކުރުވީ އެދެމީހުން ދޭތެރޭ ހަމަނުޖެހުން ހިނގަންވީ ސަބަބެއް ނޭގިފައެވެ. އެ ނަރުސް ކުއްޖާ ސަބީހާގެ ޚިދުމަތުގައި އުޅޭތީ ކެނާންއަށް އެ ކުއްޖާ ކުރީއްސުރެ ފާހަގަ ކުރެވިފައިވިއެވެ. ދޫ ދޭގޮތަކަށް ނެތުމުން އެ ނަރުސް ކުއްޖާ ފާޚާނާ ތެރެއަށް ވަދެ ފަރަހް އާއި ކުރިމަތިލިއެވެ.
" އައި ވިލް ރިޕޯޓް ޔޫ....ތިހެންނެއް ނެހެދޭނެ، އަހަރެން ފަރަހް ކުރި ކަންތައްތައް ކިޔައިދޭނަން.." އުލްފާގެ އަޑު ތުރުތުރު އަޅަމުންނެވެ.
އަތް ދޮންނަން ހުރި ފަރަހް ލާނެތް ހިނިގަނޑެއް ޖަހާލިއެވެ. އަދި ރޮވި ފެންކަޅިވެފައިހުރި އުލްފާ ގެ މޫނަށް އަތުގައި ހުރި ފެން އުކާލީ ޖެއްސުމަށެވެ.
"އަވަހަށް ދުވޭ. އެންމެން ކައިރީ ބުނޭ. ކާކު ތިކަހަލަ އާދައިގެ ނަރުސްގަނޑެއްގެ ވާހަކަ ގަބޫލުކުރާނީވެސް..ޑޯންޓް ފޮގެޓް ހޫ މައި ޑޭޑް އިޒް..." ފަހު ޖުމްލަ ފަރަހް ބުނެލީ އިންޒާރެއްގެ ސިފައިގައެވެ. އަބަދުވެސް އޭނާގެ ބައްޕަގެ އާރާއި ބާރުގެ ވާހަކަ އެންމެނަށް ހަނދުމަކޮށްދެނީ ބޮޑާކަމާއެކުގައެވެ.
"ފަރަހް ތީ ހާދަ އިންސާނިއްޔަތު ކަމެއް ނެތް މީހެކޭ...." ރޮމުން އުލްފާއަށް ބުނެވުނެވެ.
"ކަލޭތީ މާ މާތް މީހެއްކަމަށް ހެދޭނެ ކަމެއް ނެތް....މިތާ އުޅޭ ކާޑިޔޮލޮޖިސްޓާ އޮންނަ ގުޅުން މަށަށް ރަނގަޅަށް އެނގެއޭ....އެވެސް އަދި ޗީޓިންގ އޮން ޔޯ ހަޒްބެންޑް އެންޑް ޔޯ ޗައިލްޑް...ތިބުނާ އިންސާނިއްޔަތުކަން މިކަމުން ދައްކަބަލަ......" ފަރަހްގެ ފޯނުން ޖެއްސި ވީޑިއޯއެއް ދައްކަމުން ބުނެލިއެވެ.
ހުރެވުނު ތަން ވެސް އުލްފާއަކަށް ނޭނގުނެވެ. ވަގުތުން ހައިރާންވެ އަނގަ ބަންދުވިއެވެ. ސަބީހާއާއި ދޭތެރޭގައި ފަރަހް ކުރި ކަންތައްތައް އެންމެނަށް އަންގަން ބޭނުންވި ކަމުގައި ވިޔަސް އުލްފާއަށް މަޖުބޫރުވީ މިހާލަތުގައި އަމިއްލަ ނަފްސު ސަލާމަތް ކުރުމަށެވެ. ފަރަހް އަތުގައިވާ ވީޑިއޯއިން އޭނާގެ އަމިއްލަ ހަޔާތް ބަރުބާދުކޮށްލަން ބޭނުމެއް ނުވިއެވެ.
"ދެން ބުނެބަލަ ނިކަން އެންމެން ކައިރީ. ތި އަނގައިން މަށޭ ކިޔައި އެންމެ ބަހެއްވެސް ބޭރުވެއްޖިއްޔާ ނިމުނީ.... އެކަން ދަންނާތި...." ފަރަހް ކޮފީ އެޅިފައިވާ ކޯޓު ބޭލުމަށްފަހު އުލްފާގެ މޫނަށް ޖަހާލާފައި ފާޚާނާ ތެރެއިން ނިކުތީ ތުއި ހިނގުމެއްގައެވެ.
***
މީކާއިލް ނެތުމުންނާއި އަދި ގޭގައި އެކަނި ވެފައި ހުރުމުން މެހެކް އަށް މިއަދު އޭނާގެ މަންމަ ނެތް ކަމުގެ ފުން ހިތާމައިގައި ހުރެވުނެވެ. ޝަމީލާ އަކީ ހިތްހެޔޮ އަދި ދަރީންނަށް އޯގާތެރި މަންމައެކެވެ. ވިސްނަން ބޭނުން ކަމުގައި ނުވިޔަސް ނަބީލާ ދެއްކި ވާހަކަތައް މެހެކްގެ ހަނދާނުން ފިލުވައެއްނުލެވުނެވެ. ނާވިޔާ އަކީ އޭނާގެ ބައްޕަގެ ފުރަތަމަ ލޯބިވެރިޔާ ކަމާއި ޝަމީލާއާއި ކައިވެނި ކުރީ ލޯތްބަކުން ނޫން ކަމުގެ ވާހަކައެވެ. އަހްމަދާއި ޝަމީލާ އުޅުނީ ހަމަޖެހޭ ދިރިއުޅުމެއް ކަމުގައި ވިޔަސް ކުދި ކުދި ސަމާސާކުރުމުގައި ޝަމީލާ އަބަދުވެސް ބުނެލާ އެއްބަހަކަށް ވާނީ އަހްމަދު އޭނާ ދެކެ ލޯބި ނުވާ ވާހަކައެވެ. އަހްމަދު ދުލުން އެތައް ފަހަރަކު ލޯބިވާ ވާހަކަ ހިއްސާކުރެވުނަސް ޝަމީލާ ގެ ދުލުން އެ ކަން އެއީ ދޮގެއްކަމަށް ބުނާ ބުނުން މިހާރުވެސް މެހެކް އަށް ސިފަ ކުރެވެއެވެ. މަޖަލަކަށް ބުނެލާ ބަހެއްކަމުގައި ހަދައިލިޔަސް މިހާރު މެހެކްގެ ހިތް އެކަމާ މެދު ޝައްކުން ފުރުނެވެ. ނާވިޔާގެ ހަގީގަތް ހޯދަން މެހެކްގެ ހިތް ބުނަމުން ދިޔައެވެ.
ގެ ސާފުކޮށް އުޅުމުގެ ތެރޭގައި މެހެކްއަށް އަހްމަދުގެ އެއްޗިހި އަޅާފައި ހުރި ފޮށްޓެއް ތެރެއިން ފެނުނު ހާޑްޑްރައިވެއް ބަލައިލަން ބޭނުންވީ ހަމަ އެ ހިނދުކޮޅު ތެރޭގައެވެ.
***
ސަބީހާގެ އަލިވެފައިވާ މޫނު ހީވީ އަރާމު ނިންޖެއްގައި އޮތްހެނެވެ. އެ މޫނު ފެނުމުން މަދީނާގެ ހިތް ހިތާމައިން ފޯވިއެވެ. ސަބީހާ އަބަދުވެސް ބަހައްޓާ ގާތްކަމާއި ހިތްހެޔޮކަން މަދީނާގެ ހިތުން ފިލައި ނުދާނެއެވެ. އަދި އެންމެބޮޑަށް މޮޅިވެރިވީ އުރުޖުވާން އަށް ކުރާނެ އިހުސާސް ހިތަށް ގެނެވުމުންނެވެ. މަދީނާއާއި ދާދި ކައިރީ މަޑުކޮށްލައިގެން ހުރި ކެނާން ނުރޯން ހިތްވަރު ކުރި ކަމުގައި ވިޔަސް ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެންމެ ފަހުން ދިމާވި ދުވަހުގެ ހަނދާންތައް އާކޮށްލެވުމުން ސަބީހާއާއި އެކު ގިނަ ވަގުތު ހޭދަނުކުރެވުނު ކަމަށްޓަކައިވެސް ދެރަވިއެވެ. އަދި ކުޑައިރު މާޒްވިލާގައި ސަބީހާއެކު ހޭދަކުރެވުނު ދުވަސްތައް ފަނޑު ހަނދާނެެއްގެ ގޮތުގައި ހަނދާނުގެ މަޑިކިލަބުގައި ކޮށްޓައިލިއެވެ.

ޖަނާޒާގެ ތައްޔާރީތަކަށްޓަކާ ސަބީހާ އެމްބިއުލާންސަށް އަރުވައިގެން ގެންދާންވީ ވަގުތު ޖެހުމުންވެސް އުރުޖުވާން އެތަނަށް ދާން ބޭނުން ނުވާކަމުގައި ބުނަމުން ދިޔައެވެ. އަދި ސަބީހާ ގެ މޫނަށް ވެސް ބަލައިލާން ބޭނުން ނުވިއެވެ. ސަބީހާގެ މަރު ގަބޫލުކުރަން ބޭނުން ނުވެފައި ހުއްޓަސް އެކަމާއި ކުރިމަތިލައިގެން ނޫނީ އުރުޖުވާންއަށް އަމިއްލަ ހަޔާތާއިގެން ކުރިޔަށް ނުދެވޭނޭކަން މާޒިމްއަށް ރަނގަޅަށް ވިސްނެއެވެ. ސަބީހާ ސަހަރާއަށް ގެންދެވުނު އިރު އެތާ އަދި ތިން މީހެއްގެ މޫނު ދެއްކުން އޮތުމުން ކެނާން ނިންމީ ސަބީހާގެ ޖަނާޒާވެސް އެ މީހުންނާ އެކީ ބޭއްވުމަށެވެ. އޭރުން ގިނަ މީހުންނަށް ކަށުނަމާދުގައި ބައިވެރިވެވޭނެތީއެވެ. މާޒިމް އާއި ވާހަކަ ދައްކާލުމުންވެސް އެއީ އެންމެ ރަނގަޅު ގޮތް ކަން ވިސްނުނެވެ. ސަބީހާ ދަންނަ އެތައް ބައެއް އައި ކަމުގައިވިޔަސް މާޒިމް އާއި ކެނާންއަކަށް ގިނަ މީހުން ދެނެގަންނާކަށް ނޭނގުނެވެ.
މި ދުނިޔޭގެ ހަޔާތަކީ ހިނދުކޮޅެއްކަން ހަނދުމަކޮށްދެމުންދިޔަ ކާފޫރުވަސް މުޅި އެތަން އެއްވަސް ކޮށްލައިފިއެވެ. އެތައް ބައެއްގެ ރުއިމުގެ އަޑާއި ހިތާމައިގެ އަޑުތަކަށް ފަނޑުކަމެއް ނެތެއެވެ. އެ ހުރިހައި ހަލަބޮލި ކަމެއްގެ ތެރޭގައި އުރުޖުވާން ހުރީ އެސްފިޔަވެސް ޖަހައިލާން ނޭނގިފައެވެ. ގަބުވެފައި ހުރެވުނީ ހިތާމައާއި ކުރިމަތިލާނެ ހިތްވަރެއް ހިތުގައި ނެތުމުންނެވެ. އެންމެ ފަހު ސިކުންތު ކޮޅުގައި ގައިގައި ނެތް ހިތްވަރެއްލާފައިވެސް މާމަގެ މޫނު ބަލައިލަން ޟަމީރު ވިސްނައިދިނެވެ. ސަބީހާ ގެ މޫނުގައި އެ ނާޒުކް އަތުން ފިރުމާލީ ނިކަން ލޯބިންނެވެ. އަދި މާމައަށް ގޮވާލެވުނީ އެ އަރާމު ނިދިން ހޭލާ އެންމެ ފަހަރަކު ނަމަވެސް ތެދުވެ އޭނައާއި ވާހަކަދެއްކުމަށް އެދިއެވެ. އުރުޖުވާން އަތުގައި ހިފަހައްޓާލައިގެން ހުރި މާޒިމްގެ ލޯ ވެސް ކަރުނުން ތެންމާލީ ހަމަ އެހިނދުކޮޅުގައެވެ.
"މާމާ....އުރޫޖް އެކަނި ކޮށްފަ ނުދޭ...ޕްލީޒް" އުރުޖުވާންގެެ ކޯތާފަތް ސަބީހާގެ ކޯތާފަތާއި ކައިރިކޮށްލަމުން ބުނެލީ އާދޭހާއެކީއެވެ. ސަބީހާގެ އަތުން ވީއްލަން ބޭނުން ނުވެފައި ހުއްޓަސް އެ ވަގުތު ޖެހުނެވެ. ހުރިހާ މަޚުލޫގެއްގެވެސް ޙައްޤުވެރި ފަރާތަކީ މާތް ﷲ ކަން ހިތައް ވެރިވީ އެ ހިނދުކޮޅުގައެވެ.
***
އާދަމް ހުރީ މިސްކިތު ބޭރުގައި ކަށުނަމާދަށް ދިޔަ މީހުންނަށް ބަލަހައްޓައިގެންނެވެ. އޭނަގެ ތުންފަތުގައި ނުލަފާ ހިނިތުންވުމެއް ވިއެވެ. ފޯނު ރިންގު ވުމުން އަވަހަށް ފޯނު ނަގައި ވީޑިޔޯ އިން އެ މަންޒަރު ދައްކާލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު