19 އަހަރު ފަހުން 'ބްލެކް' ނެޓްފްލިކްސްއަށް

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބްލެކް" 19 އަހަރު ފަހުން ސްޓްރީމިންއަށް ދޫކޮށްލައިފިއެވެ.

އަމީތާބު ބައްޗަން އަދި ބަތަލާ ރާނީ މުކަރުޖީ ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ، ވަރަށް އާދަޔާ ހިލާފު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު "ބްލެކް" ނެޓްފްލިކްސްއިން މިހާރު ސްޓްރީމްކޮށްލެވޭއިރު ފިލްމު ސްޓްރީމިންއަށް ދޫކޮށްލުމުގެ އެއް ދުވަސް ކުރިން ސަންޖޭގެ ފުރަތަމަ ވެބް ސީރީސް "ހީރާމަންޑީ"ގެ ޓީޒާ ވެސް އާއްމުންނަށް ވަނީ ދައްކާލައިފައެވެ. ފިލްމު "ބްލެކް" ނެޓްފިލްކްސްއިން ސްޓްރީމްކުރަން ފެށި ޚަބަރު އިއުލާނު ކުރަމުން ސަންޖޭ ބުނެފައިވަނީ ފިލްމުގެ ދެ ކެރެކްޓަ ކަމަށްވާ ދެބްރާޖާއި މިޝޭލްގެ ދަތުރަކީ ވަރަށް ގިނަ ބަޔަކަށް އިބުރަތަކަށްވި ދަތުރެއް ކަމަށެވެ.

ފިލްމު 19 އަހަރު ފަހުން ބަލައި މީހުންނަށް މި ފިލްމުން ހިތްވަރު ލިބުމަކީ ސަންޖޭގެ އެންމެ ބޮޑު އުއްމީދު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފިލްމު "ބްލެކް"ގެ މަންޒަރެއްގައި ފިލްމީ ތަރިން އަމީތާބް ބައްޗަން އަދި ރާނީ މުކަރުޖީ--ފޮޓޯ/ބޮލީވުޑް ހަންގާމާ
ސަންޖޭ ޕްރޮޑިއުސްކޮށް ޑައިރެކްޓު ކުރި މި ފިލްމަކީ 2005ވަނަ އަހަރުގެ ފިލްމު ފެއާގައި އެންމެ ގިނަ އެވޯޑު ހާސިލުކުރި ފިލްމެވެ. ހަމައެއާ އެކު އެ އަހަރުގެ ނެޝަނަލް ފިލްމު އެވޯޑު ހަފުލާގައި ވެސް މި ފިލްމަށް ތިން ކެޓަގަރީއަކުން އެވޯޑު ލިބުނެވެ.

ފިލްމު ރިލީޒްކުރި އަހަރު ބޮކްސް އޮފީހުގައި ފިލްމަށް ޖުމްލަ 15.1 މިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި ވަނީ ލިބިފައެވެ. މި ފިލްމަކީ މިއަދާ ހަމައަށް ވެސް ބަތަލާ ރާނީ މުކަރުޖީއާއި އެކްޓަރު އަމީތާބް ބައްޗަންގެ އެންމެ ފުރިހަމަ އެކްޓިންގް ހުނަރު ދައްކާލެވުނު ފިލްމު ކަމަށް އެ ތަރިން ގަބޫލުކުރެއެވެ.

comment ކޮމެންޓް