ހީނާ ތަހައްމަލު ކުރި ވޭނާއި ހިއްދަތިކަމުން، ބަލި ތަހައްމަލު ކުރާ އެހެން މީހުންނަށް ދިނީ ހިތްވަރެއް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކެންސަރު ބައްޔަކީ މުޅި ދުނިޔޭގައި ވެސް މިހާރު ވަރަށް އާންމުވެފައިވާ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ އަދި ތަހައްމަލު ކޮށްފައިވާ މީހުންގެ އަދަދު، މި ކުޑަކުޑަ ރާއްޖޭގައި ވެސް މިހާރު ވަރަށް ގިނައެވެ.

މިއަދު ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރަމުންދާއިރު، އެ ބަލި ޖެހިފައިވާކަން މީގެ 10 މަސް ކުރިން އެނގުނު، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އެ ބަލީގެ ސަބަބުން ކުރިމަތިލާން ޖެހޭ ކެކުޅުމާއި ވޭނުގެ ވާހަކަތައް ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

އޭނާ ކިޔައިދިން ގޮތުގައި، މިއަދު ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރަމުންދާއިރު އޭނާއަށް ކުރެވެނީ ވަރަށް ތަފާތު އިހުސާސެކެވެ. އެގޮތުން، ބަލި ޖެހިފައިވާކަން އެނގުނު ދުވަހު ކުރެވުނު އިހުސާސްތައް ސިފަކުރަމުން ހީނާ ބުނީ އޭނާގެ ދުނިޔެ ނިމުނުހެން ހީވެ، ނަފްސާނީ ގޮތުން މީހާ ބަލިކަށިވި ކަމަށެވެ.

އެ ހާލަތުގައި ވެސް، ހެއްދެވި ފަރާތަށް ވަކީލުކޮށް ބަލިން ސަލާމަތްވުމަށް ފަރުވާއަށް އަވަސްވެގަތް ކަމަށް ހީނާ ބުންޏެވެ. އެހެން ނަމަވެސް މި ބަލީގައި ހުރި ވޭނެއް އޭރު ނޭނގޭކަން އޭނާ ފާހަގަކުރިއެވެ.

"ކީމޯ އައިވީގެ ކޮންމެ ޑްރޮޕެއް ދިޔައީ އަޅުގަނޑުގެ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހެދިބޮޑުވަމުންދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތައް އައެވެ. މުޅި ހަށިގަނޑު އެއްކޮށް ދުޅަވެ ކާއެއްޗެހީގެ ރަހަ ބަދަލުވެ, ނުކެވި، ބޮލުގެ އިސްތަށިތައްވެސް އިސާހިތަކު ހިނގައްޖެއެވެ. މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި އެހާމެ ރިއްސައެވެ. އަމިއްލަ ނަފްސާމެދު ދެކުނުގޮތް ބަދަލުވިއެވެ،" ހީނާގެ ޕޯސްޓުގައިވެއެވެ.

ފަރުވާއަށް ތިއޭޓަރަށް ވަންނަ ކޮންމެ ހިނދެއްގެ އިހުސާސްތައް ކިޔައިދެމުން އޭނާ ބުނީ ކޮންމެ ފަހަރަކު ވެސް ވަންނަނީ ވަރަށް ހިތް ނުތަނަވަސްކަންމަތީ، ކިޔުނުހާ ހެޔޮ އެއްޗެއް ކިޔައިގެން ކަމަށެވެ. އަދި މަންމައާއި ބައްޕައާއި ދަރިންނާއި ލޯބިވާ މީހުން ފެންނާނެ ކަމުގެ އުންމީދުގައި ކަމަށެވެ.

ކީމޯއަށް ފަހު ރޭޑިއޭޝަނުގައި ވެސް އެއްމަސް ދުވަސް ހީނާ ހޭދަކުރިއެވެ. ދަތި ކަމެއް ނަމަވެސް އެކަން ތަހައްމަލު ކުރީ ވެސް ހިއްވަރާ އެކުކަން އޭނާ ކިޔައިދިނެވެ.

"ކޮންމެ ދުވަހަކު ބާރުގަދަ ރޭޑިއޭޝަންއަށް މީހާގެ ހަށިގަނޑު އެކްސްޕޯޒް ކުރަން ފަސޭހައެއްނޫނެވެ. އެހެންނަމަވެސް އަޅުގަނޑުގެ ޢަޒުމަކަށްވީ ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުމަށެވެ. ބައެއް ދުވަސްދުވަހު ތެދުވާހާ ހިތްވަރު ނެތަސް އަނެއްދުވަހު މަސައްކަތަށް ނުކުންނަނީއެވެ. ބަލިވިޔަސް ގައިގައި ވަރުނެތަސް ޙަރަކާތްތެރިވުން އިތުރު ކުރީއެވެ. ބައްޔާމެދު ޕޮޒިޓިވްކޮށް ވިސްނަންފެށީމެވެ." ހީނާ ކިޔައިދިނެވެ.

ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ ދުރަށްދާން ހިތާއި ސިކުނޑިއާ ދެކޮޅަށް މަސައްކަތް ކުރިކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން ބައްޔާ އެކީ އުޅެން ދަތިނަމަވެސް ވަގުތުތައް މެނޭޖުކޮށް 'ނޯމަލް' ހަޔާތެއް އުޅެވޭތޯ އޭނާ މަސައްކަތްފެށިއެވެ. ނަމަވެސް މިހާރުވެސް އެ ބަލިން ރަނގަޅުވާން ފަރުވާ ކުރަމުންދާކަން ހީނާ ހާމަކުރިއެވެ.

މިހާރު ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށްވެސް އޭނާ ބުނެދިނީ މިއީ ނުރައްކާތެރި އަދި ވޭންދެނިވި ބައްޔެއް ކަމަށެވެ. މާދަމާ ވާނޭގޮތެއް ނޭނގުނު ނަމަވެސް އުންމީދު ކަނޑާނުލަން ހީނާ ހިތްވަރުދިނެވެ. އަދި ކެއްތެރިވެ، އެންމެ ފަހުވަގުތާ ހަމައަށްވެސް މަސައްކަތްކުރަން އެ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް އޭނާގެ އެ ޕޯސްޓުގައި ވަނީ އެދިފައެވެ.

މީގެ އިތުރުން ބަލިން ރަނގަޅު ވާނެ ކަމަށް ވިސްނުން ބައްޓަން ކުރުމަށާއި، ތިމާ ނޫން އެހެން އެއްވެސް މީހަކަށް މި އިހުސާސްތައް ދެނެގަންނަން އުނދަގޫވާނެކަން ވިސްނަން ވާނެ ކަން ވެސް ހީނާ ފާހަގަކުރިއެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ހެއްދެވި ފަރާތަށް ގިނަގިނައިން ދުޢާކުރުމެވެ.

ހީނާއާ އެއްގޮތަށް ކެންސަރުގެ ވޭންތަކާއި ކެކުޅުން ތަހައްމަލު ކުރަމުންދާ މީހުންނަށް އޭނާ ދިނީ ހިތްވަރެވެ. ބުނެދިނީ މި ބައްޔަކީ ވޭންހުރި ބައްޔެއް ނަމަވެސް ހިތްވަރު ކުރުން މުހިންމު ކަމެވެ. އަދި ހަނދާން ކޮށްދިނީ ޝިފާ ދެއްވަނީ ﷲ ކަމެވެ.

comment ކޮމެންޓް