ކޮންމެ އަހަރަކު ރާއްޖޭގައި މަރުވާ މީހުންގެ 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުތަކުގެ ތެރޭގައި ކެންސަރު ބަލި ހިމެނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކޮށްފައިވާ 2020 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން މީހުން މަރުވަނީ ކެންސަރު ބަލީގައެވެ. އެ ބަލީގައި އަހަރަކު 10 މިލިއަން މީހުން މަރުވެއެވެ. އޭގެ ތެރެއިން، 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުން މަރުވާ މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ކެންސަރު ބަލި ކޮންޓްރޯލްކުރުމަށް ބަލީގެ ރެޖިސްޓްރީ ގާއިމުކޮށް "ނެޝަނަލް ކެންސާ ރެޖިސްޓްރީ" ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރެޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން މި ރެޖިސްޓްރީއަށް އަޅައި، ރަޖިސްޓްރީ އަދާހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
"ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް، ޕްރޮސްޓޭޓް ކެންސަރު އިތުރުކަން ފާހަގަކުރެވޭ،" އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
ކެންސަރު ބައްޔަކީ ހަށިގަނޑުގެ ބައެއް ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔާޚިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރެއިން ހިމެނޭ ބައްޔެކެވެ. ކެންސަރު ބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މި ބަލީ ދުރާލާ ދެނެގަނެ، ފަރުވާ ނުހޯދިއްޖެ ނަމަ ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ބަލި ފެތުރެން މަގުފަހިވެއެވެ.