ކޮޓަރިތަކާ ދިމާލަށް ހިނގައިގަތް މައާލްގެ ލޮލުގައި އަޅައިގަތް މަންޒަރާއެކު، އޭނާއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ.

އެތަނުން އެއް ކޮޓަރީގެ ދޮރުގައިވަނީ ލަންޑަންގައިވެސް އޭނާ ކުރަހަން ބޭނުންކުރާ ކޮޓަރީގެ ދޮރުގައިވާ ފަދަ ކުރެހުމެކެވެ. މައާލްއަށް ރާދިންއަށް ބަލާލެވުނެވެ. އޭނާ މަޑުމަޑުން އެކޮޓަރިއާ ދިމާލަށް ހިނގައިގަތްއިރު، އޭނާގެ ސިކުނޑިވަނީ ސުވާލު މާކުތަކުން ފުނިޖެހިފައެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު، އޭނާއަށް އިތުރު ހައިރާންކަމެއް ލިބިގެން ދިޔައެވެ.

ކޮޓަރީގައި މައާލްގެ ކުރެހުންތައް ބަހައްޓާފައި ހުއްޓެވެ. ކުރެހުމަށް ބޭނުންކުރާ ހުރިހާ ސާމާނެއްވެސް އެތަނުގައި ހުއްޓެެވެ. ލަންޑަންގައި ހުރި އޭނާގެ ކުރަހާ ކޮޓަރިއާ އެތަނާ މާ ބޮޑު ތަފާތެއް ނެތެވެ. ހައިރާންކަމާއެކު އޭނާއަށް އަނެއްކާވެސް ބަލާލެވުނީ ރާދިންއަށެވެ. ރާދިން ހިނިތުންވެލާފައި އަތުން އިޝާރާތްކޮށްލީ މިއީ މައާލްއަށް އޭނާ ދިން ހަދިޔާ އެކޭ ބުނާ ފަދަ ގޮތަކަށެވެ. މައާލް ވަށައިގެން ބަލާލިއެވެ. ލޮލުގައި އަޅައިގަތް ކުރެހުމާއެކު، އޭނާއަށް އެ ދިމާލަށް ހިނގައިގަނެވުނެވެ. އެއީ އޭނާ ލޯ އަނދިރިވުމުގެ ކުރިން އެންމެ ފަހުން ކުރެހި ކުރެހުމެވެ. އޭގައިވަނީ ފަހުމާއާއި ޝާކިރުގެ އިތުރުން ރާދިއުއެވެ. ދެންް ކުރަހަން ފަށާފައިވާ އަންހެން ކުއްޖާގެ ކުރެހުން ވަނީ ނުނިމިއެވެ. މަޑުމަޑުން އޭނާ އެ ކުރެހުމުގައި އަތް ޖައްސާލިއެވެ. މާޒީގެ ހަނދާންތައް އާވެ ހިނިތުންވެވުނެވެ. އަނެއްކާވެސް އޭނާއަށް ބަލައިލެވުނީ އެ ކޮޓަރިތެރެއަށެވެ. ޝުކުރުވެރިކަމުގެ ބެލުމަކުން އޭނާ ރާދިންއަށް ބަލާލިއިރު ފެންކަޅިވެއްޖެއެވެ.

"ދިސް އިޒް ފޯ ޔޫ… " ރާދިން އައިސް މައާޅްގެ އަތުގައި ހިފައްޓާލިއެވެ. އޭރު އޭނާގެ ދެލޮލުން އެކަނިވެސް މައާލް ދެކެ ވާ ފުން ލޯބި ފެންނަމުން ދިޔައެވެ.

"ރާދިންތަ މިހުރިހާ އެއްޗެއް ގެނައީ؟" މީހަކު އުކާލީ ކަމަށް އޭނާ ހީކުރި ހުރިހާ ކުރެހުމެއްވެސް އެތަނުގައި ހުއްޓެވެ.

"ވަކި ވުމުގެ ކުރިން، އަހަރެންގެ ފަރާތުން މައާލްއަށް ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުންވީ…" އަސަރުގަދަ ގޮތަކަށް އެހެން ބުނެލާފައި ރާދިން މައާލްގެ ކޯތާފަތުގައި ފިރުމާލިއެވެ. ރާދިން އެ ބުނި ޖުމްލައެއްގެ ސަބަބުން މައާލްގެ ހިތް ބާރަށް ތެޅިގަތެވެ. އަނެއްކާ ރާދިން އެ އުޅެނީ އޭނާ ވަރިކުރަން ހެއްޔެވެ؟ އެހެން ހިތަށް އެރުމުން މައާލްގެ ހިތަށް ބުނެދޭން ނޭނގޭ އުދަގުލެއް ވިއެވެ.

"ރާދިން…" މައާލްއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ރާދިން މައާލްގެ އަނގަމަތީގައި އަތް އެޅިއެވެ. އެއަށްފަހު، އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"އަހަރެންގެ ވާހަކަ އަޑު އަހާލަބަ މާލް. އަހަރެން މާލް ދޫކޮށްލާކަށް ބޭނުމެއް ނޫން. އެކަމަކު.. ކުރިން ވެސް ބުނިހެން، ކުޑަ ދުވަސްކޮޅަކު އަހަރެން މައާލްއާ އެކު ހުރުމުގެ ފުރުސަތު ދީ. އެއަށްފަހު މައާލް ބޭނުންވާ ގޮތަކަށް އަހަރެން ކަންތައް ކޮށްދޭނަން. އެ ހެޔޮ އަހަރެންގެ ހިތަށް ކޮންމެ ފަދަ އަނިޔާއެއް ދީގެންވެސް. އަހަންނަށް އެނގޭހާވެސް އެއްޗަކީ، އަހަންނަށް ނޭނގި ނަމަވެސް، މައާލްއަށް ދެވުނު ވަރުގެ ތަކުލީފެއް އަހަރެންގެ ހިތަށް ނުދޭވެނެކަން. އުމުރު ދުވަހު މާފަށް އެދުނު ނަމަވެސް، މައާލްގެ މާފު ހައްޤުވާވަރުގެ ކުށެއް ނޫން އަހަރެން ކުރީ… އެކަމަކު… ބްލީޒް މީ. އައި ލަވް ޔޫ ސޯ މަޗް…" ރެާދިން އެ ހުރިހާ ވާހަކައެއް ދެއްކީ މައާލްގެ އަނގަމަތީގައި އޭނާގެ ޝާހާދަތް އިނގިލި ޖައްސާލައިގެން ހުރެއެވެ. ރާދިން ބުނާ ކަހަލައެވެ. އަހަރެންގެ ހިތުގެ އަޑު އަހާބަލާށެވެ. މައާލްއަށްޓަކައި އަހަރެންގެ ހިތުގައި ޖަހަމުންމިދާ ވިންދުގެ އަޑު އެންމެ ފަހަރަކު ނަމަވެސް އަހާލަބަލާށެވެ.

"ތެންކިއު… ތެންކިއު ފޯ އޯލް ދިސް. ދިސް މީންސް އަ ލޮޓް." އެ ކޮޓަރިއަށް ބަލާލުމުން އެކަނިވެސް ރާދިން އޭނާއާ މެދު ވިސްނާވަރު މައާލްއަށް އިޙްސާސްކޮށްލެވުނެވެ. ރާދިންގެ ހިތުގައި އެވާ ލޯތްބަށް އޭނާ ފުރަގަސްދޭނީ ކިހިނެއްހެއްޔެވެ؟ ރާދިންްއާ ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް، އޭނާ ދެއްކިނަމަވެސް، ރާދިންގެ ދެލޮލުން އެ ފެންނަ އުންމީދުގެ ކަނި ނިއްވާލަން ކެރޭނީ ކިހިނެއްހެއްޔެވެ؟ ހިތާ ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި އޭނާ ނިމިގެން ހިނގައިދާނެއެވެ. މައާލްއަށް ހީވަނީ ފުންމިން ނޭނގޭ ކަނޑެއްގެ ތެރެއަށް ޣަރަޤުވެގެން ގޮސްދާނެހެންނެވެ.

"ކުރިން ބުނިހެން ޖަސްޓް ލެޓް މީ ބީ ވިތް ޔޫ… އަދި ކުޑަ ކުޑަ ދުވަސްކޮޅަކަށް. ޕްލީޒް ބޭބީ…" މައާލްގެ ނިތުގައި އޭނާގެ ނިތް ޖައްސާލަމުން ރާދިން ބުނެލިއެވެ.

"ޕްލީޒް ސޭ ސަމްތިންގ…" މައާލް އެއްޗެއް ނުބުނުމުން އެ ހުރިގޮތަށް ހުރެ އާދޭހުގެ ރާގެއްގައި ރާދިން ބުނެލިއެވެ. މައާލް އޭނާއަށް އެ ފުރުސަތު ދޭނެކަމަށް ބުނެފައިވީ ނަމަވެސް، އަދިވެސް އިތުރު ޔަޤީންކަން ރާދިން ބޭނުންވާ ފަދައެވެ. މައާލްގެ އާބަހަކީ އޭނާއަށް ވަރަށް މުހިންމު އެއްޗަކަށްވަނީ ވެފައެވެ. ލޯތްބަކީ އިންސާނާގެ ބަލިފައިކަމުގައި މީހުން ބުނެއުޅެއެވެ. ލޯބީގައި ދުވަހަކު ނުވާވަރަށް އިންސާނާ ބަލިކަށި ކުރުވާ ޙާލަތްތައް ކުރިމަތިވާކަމުގައި ރާދިންވެސް އަޑުއަހައެވެ. އެހުރިހާކަމެއްގެ ހަޤީގީ މާނަ އޭނާއަށް ފަހުމް ވަމުން އެ ދަނީ މިހާރު އޭނާގެ ޙަޔާތަށް ކުރިމަތި ކުރުވާފައިވާ ޙާލަތުގެ ސަބަބުންނެވެ.

"ރާދިން…" މައާލް ރާދިންއާ ދުރުވެލިއެވެ. އެއަށްފަހު، އޭނާ ފަސްއެނބުރުނެވެ.

"ކީއްވެ ކުޑަ ދުވަސްކޮޅެއް ބޭނުންވަނީ؟" މައާލްއަށް އެ ސުވާލު ރާދިންއާ ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ ކީއްވެކަން އެނގުނު ނަމަވެސް، "ދުވަސްކޮޅަކު" އެ ލަފުޒު އޭނާއަށް އުނދަގޫ ކުރުވަނީއެވެ. އޭނާ ރާދިންއާ އެކު މުޅި އުމުރަށް އުޅެން ބޭނުންވިނަމަވެސް، ވަކިވުން އެއީ އެމީހުންގެ ތަޤުދީރުގައި ލިޔެވިފައިވާ ގޮތް ހެއްޔެވެ؟ ރާދިންއާ އޭނާގެ ޖަވާޖީ ހަޔާތް ނިކުމަކަށް އަންނަނީހެއްޔެވެ؟ ރާދިންއަކީ އޭނާގެ ޙަޔާތަށް އައި ކުޑަ ދުވަސްކޮޅެއްގެ މެހެމާނެއް ހެއްޔެވެ؟ މައާލްގެ އަޑުން ޝަކުވާގެ އަސަރުތައް ރާދިންއަށް ފާހަގަ ވިނަމަވެސް، އޭނާ އެކަމަށް އިތުރު އެއްޗެއް ނުބުނެއެވެ. އިތުރު ކުށްހީއެއް ކުރަން ބޭނުންނުވާތީއާ ވެސް އެކުގައެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން." އެހެން ހުރެލާފައި އިރުކޮޅެއްފަހުން ރާދިން ބުނެލިއެވެ. މައާލް ބޯ ޖަހާލުމުން ރާދިން ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން މިއުޅެނީ މާދަން ރާއްޖެތެރެއަށް ފުރަން ވެގެން." ރާދިން ބުނެލުމާއެކު، މައާލް އެނބުރި ރާދިންއަށް ބަލާލިއެވެ.

"ކީކުރަން؟ އޮފީސްކަމަކުތަ؟" މައާލް އެހެން އަހާލިއިރު، ރާދިން އެ ދާ ބޭނުން އޭނާއަށް އެނގުނު ނަމަވެސް، އެކަން މައާލް އޭނާގެ މޫނުމަތިން ނުދައްކާ ވޭތޯ މަސައްކަތް ކުރިއެވެ.

"ކުޑަކަމަކު." މައާލްއަށް ދޮގުހަދަން ރާދިންއަކަށް ފަސޭހައެއް ނުވިއެވެ.

"ރާދިން ދާން ބޭނުމިއްޔާ ހަމަ ދާންވީ. އަހަރެން މައްސަލައެތް ނެތް. އެކަމަކު، އަހަރެން ސުވާލެއް ކޮށްލަންތަ؟" މައާލް ރާދިންއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"މައާލް ބޭނުން ކޮންމެ ސުވާލެއް އަހަންނާ ކުރެވޭނެ." ރާދިން ޖެހިލުމެއްނެތި ބުނެލިއެވެ.

"މި ހުރިހާ އެއްޗެއް. މީ ކޮން އިރަކު ރާދިން ކުރިކަމެއް؟" މައާލް ސުވާލުކޮށްލިއެވެ.

"ކުރިންވެސް އަހަރެން ވަރަށް ބައިވަރު އެއްޗެހި ގެނައިން. ދެން މިކަން ކުރަން ނިންމި ހިސާބުން އަހަރެން އެހެން އެއްޗެހި ގެނައި. މައާލްއަށް ކަމުދާ ގޮތަށް މިތަން ޑިޒައިން ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރިން." ރާދިން ޖަވާބު ދިނެވެ.

"ތެންކިއު..." މައާލްއަށް އިސްޖަހާލެވުނެވެ. އޭނާއާ މެދު ރާދިން ވިސްނާވަރު މައާލްއަށް އަންދާޒާކޮށްލެވުނެވެ.

"ވެލްކަމް އެންޑް ތެންކިއު ފޯ އެވްރީތިންގ މާލް." ރާދިން އެހެންބުނެލާފައި މައާލްގެ ނިތުގައި ބޮސް ދީފައި ނުކުތެވެ. މައާލް ވަރަށް ފަރުވާތެރިކަމާއެކު، އޭނާގެ ކުރެހުމަށް ބަލާލިއެވެ. އެއަށްފަހު ދެ ވިސްނުމެއްގައި ހުރި ފަދައަކުން ހުރުމަށްފަހު، ގޮސް، އެ ކުރެހުން ފުރިހަމަކުރަން ބޭނުންވާ ކުލައާއި ސާމާނުތައް ނެގިއެވެ. އެއަށްފަހު، އެ އެއްޗެހި ހިފައިގެން ގޮސް މޭޒުމަތީގައި އަތުރާލާފައި، ގޮނޑީގައި އިށީނދެލިއެވެ. ދެން އޭނާ ކުރެހުން ފުރިހަމަ ކުރަން އަވަސްވެގަތެެވެ. ކުލަ ޖައްސަން ފިހި ކެންވަސްގައި ޖައްސާލާފައި ވެސް މައާލް މަޑުޖެހިލިއެވެ. ތެދުވެލާފައި، އެ އެއްޗެހި ބަހައްޓާފައި އޭނާ ގޮސް ކޮޓަރިން ނުކުމެލިއެވެ.

އޭނާއާއި ރާދިންއާ މީގެ ކުރިން އުޅުނު ކޮޓަރިއަށް ގޮސްފައި މައާލް ކަބަޑުތައް ހުޅުވަން ފެށިއެވެ. އޭނާ ބޭނުންވާ އަލްބަލް ފެނުމުން އެ ހިފައިގެން އަނބުރާ މައާލް ދިޔައީ އޭނާގެ ކުރަހާ ކޮޓަރިއަށެވެ. އަލްބަމް ހުޅުވާލާފައި، އޭނާ އެ ކުރަހާ ފޮޓޯ ހޯދާލުމަށްފަހު އެ ފޮޓޯއަށް ބަލައިގެން ކުރެހުން ފުރިހަމަ ކުރަން ފެށިއެވެ. ނިންމާލާފައި ހިންދެމިލުމަށްފަހު، އޭނާ އެ އަލްބަމްގައި ބާކީ ހުރި ފޮޓޯތަކަށް ބަލަން ފެށިއެވެ. ތަސްވީރުތަކަށް ބަލަމުން ދިޔަ ވަރަކަށް މައާލްގެ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފުޅާވަމުން ދިޔައެވެ. މާޒީގެ ކޮންމެ ދުވަހެއްގެ ހަނދާންވަކި ވަކިން މައާލްގެ ސިކުނޑީގައި ކުރެހެމުން ދިޔައެވެ. އެތައް އިރަކު އެ ހަނދާންތަކުގެ ތެރެއަށް ސިކުނޑި ދޫކޮށްލައިގެން އޭނާއަށް އިނދެވުނެވެ.

****

ރޭގަނޑުގެ ވަގުތެވެ. ރާދިންއަށް އަނޫފްގެ ފޯނު ކޯލެއް ލިބުނެވެ. އަނޫފް އެދުނީ ކޮފީއަކުން ދިމާވުމަށެވެ. ރާދިންވެސް މައާލްގާތު ކަމެއް ބޭނުންވެއްޖެނަމަ އޭނާއަށް ގުޅަން ބުނެފައި އަނޫފްއާ ދިމާކޮށްލަން ދިޔައެވެ. އެމީހުން ދިޔައީ އާއްމުކޮށްވެސް ގޮސް އުޅޭ ކޮފީ ޝޮޕަކަށެވެ.

"ކީކޭ ކިޔާބަލަ." ކޮފީއަކަށް އޯޑަރި ދިނުމުން، ވެއިޓަރު ދިޔުމާއެކު ރާދިން ވާހަކަ ދެއްކިއެވެ. އަނޫފް ރާދިންއަށް ބަލަަހައްޓައިގެން އިންނަން ފެށި ގޮތުން ހީވަނީ ބޮޑު ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭ ހެންނެވެ.

"މަށާ ރައްޔާއާ ރުޅިވެއްޖައިން." އަނޫފް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ.

"ވަޓް…" ލިބުނު ޝޮކާއެކު ރާދިންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އަނޫފްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން، އޭނާ އެ ކުރަނީ ސަމާސާއެއް ނޫންކަން ރާދިންއަށް އެނގުނެވެ. އެހެން ނޫނަސް އަނޫފް އަކީ އެފަދަ ކަންތައްތަކުގައި ސަމާސާކުރާނެ ޒުވާނެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ. އަނޫފް ރައްޔާއާ ރުޅިވި ސަބަބު އެނގެން ރާދިން ބޭނުންވިއެވެ.

"ޔެސް." އަނޫފް ބޯ ޖަހާލިއެވެ.

"އޭނަ ކީއްވެ ކަލޭ ދޫކޮށްލީ؟ ކަލޭ އޭނައާ ހެދި އެވަރުން އުޅުނީމަ ވެސް؟." އަނޫފް ރައްޔާ ދެކެ ލޯބިވާވަރާއި، އަނޫފް ދުވަހަކު ރައްޔާ ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުން ރާދިންއަށް ބުނެވުނެވެ.

"އޭނައެއް ނޫން މަ ދޫކޮށްލީ. މަ އޭނަ ދޫކޮށްލީ." އަނޫފް ބުނެލި ވާހަކައިން ރާދިންއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.

"ކިހިނެއްވީތަ ޑޫޑް؟ ބޮޑުކަމެއް ވީތަ؟" ރާދިން ސުވާލުކޮށްލި ވަގުތު ވެއިޓަރު ދެ ކޮފީ ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ.

"ޝީ ޗީޓެޑް އޮން މީ." ވެއިޓަރު ދިޔުމާއެކު ކޮފީތަށި ނަގާ އެތި ފޮދެއް ބޮައިލާފައި އަނޫފް ބުނެލިއެވެ.

"އޭނ…" ރާދިންއަށް ބުމަ އަރުވާލެވުނެވެ.

"ޔެސް. އޭނަ އެހެން މީހަކާ ގުޅުން ބޭއްވީ. އަހަންނަށް އެކަން ފަޅާއެރީމަ އަހަރެން ބޭނުމެއް ނުވި އޭނައާ އެކީ އުޅޭކަށް، ކިތަންމެ ލޯބިވިޔަސް، އަހަންނަކަށް ދެން ރައްޔާއާ އެކީ ނޫޅެވޭނެ." އަނޫފްއަށް އެހެން ބުނެލެވުނުއިރު، ރާދިންގެ ޙާލަތުގެ މަތިން އޭނާ ހަނދާންނެތީއެއް ނޫނެވެ. އެހެންނަމަވެސް، ޖަޒުބާތުގައި ޖެހުނު ވަރުން އޭނާއަށް އެހެން ބުނެވުނީއެވެ.

"މައާލްއަށްވެސް ވީ ހަމަ ތިހެން." ވައި އަޑުން ރާދިންއަށް ބުނެވުނެވެ.

"ކީކޭ…" ރާދިން ބުނި އެއްޗެއް ރަނގަޅަށް ސާފުނުވުމުން އަނޫފް ސުވާލުކޮށްލިއެވެ.

"އެއްޗެކޭ ނޫން. ދެން ކޮބާ އޭނަ؟" ރާދިން ރައްޔާއާ ބެހޭގޮތުން ސުވާލުކޮށްލުމުން އަނޫފް އަނެއްކާވެސް ބޯލީ ކޮފީ ފޮދެކެވެ.

"އޭނަ ވަރަށް އާދޭސްކުރި. އެކަމަކު… އަހަންނަކަށް ނުވާނެ. އަހަރެން ވީ ލޯބީގެ ބަދަލު އެފަދަ ގޮތަކަށް އޭނަ ދޭނެޔެކޭ އަހަރެން ހިޔެއް ނުކުރަން، އަހަރެން އޭނައަށް އެހާވަރަށް ޓައިމްދީ، ލޯބިވީމަ އެހެރީ އޭނަ ކަންތައް ކުރި ގޮތް. އެމީހަކާ ފޯނުން ވާހަކަ ދެއްކީ އެކަންޏެއް ނޫނޭ ރާދިން،" އެ ހިސާބަށް ބުނެފައި، އަނޫފް، ވާހަކަ މެދުކަނޑާލިއެވެ.

"ކިހާ ދުވަހެއްވެއްޖެ؟" ރާދިން ސުވާލުކޮށްލިއެވެ.

"ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެދާނެ." އަނޫފް ރާދިންއަށް ބަލާލިއެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ސަބަބުން ރާދިންއަށް އައިސްފައި އިން ބަދަލު އަނޫފްއަށް ފާހަގަ ކުރެވުމާއެކު، އޭނާއަށް އެއީ ކީއްވެގެން އައި ބަދަލެއްކަންވެސް އެނގިއްޖެއެވެ.

"ސޮރީ ޑޫޑް." އަނޫފް މާފަށް އެދުނެވެ.

"ނޫނޭ. އިޓްސް އޯކޭ…" ރާދިން ބުނެލިއެވެ.

ދެމީހުން އެތަކެއް އިރަކު ވާހަކަ ދައްކަން ތިއްބެވެ. އެމީހުން ނުކުތް މަންޒަރު އެ ކެފޭ ކައިރީގައި ހުރި ވިޝާމްގެ ލޮލުގައި އަޅއިގަތް ނަމަވެސް ރާދިންމެންނަކަށް ވިޝާމްއެއް ނުފެނެއެވެ.

ރާދިން ގެއަށް އައީ އެގާރަ ވެސް ޖަހާ ބޮޑުވީފަހުންނެވެ. އައިސް އޭނާ މައާލް ކޮބާތޯ ބަލާލިއެވެ. ނިދާފައި އޮތުމުން މައާލްގެ ނިތަށް ބޮސްދީފައި ރާދިން ގޮސް ދަބަސް ތައްޔާރުކޮށްއި ޖައްސާލީ ސޯފާގައެވެ. އެތައް އިރަކު އޭނާއަށް ވިސްނަން އޮވެވުނެވެ. ނިދި ހީވަނީ އެތައް ހާސް މޭލެއްގެ ދުރުގައި ވާހެންނެވެ. އެހެން އޮވެފައި ނިދި ޖެހުނު ވަގުތު ފޯނުން ފަތިސް ނަމާދު ބަންގި ގޮވުމުން ރާދިންއަށް ހޭލެވުނެވެ. ނިދި ބަރުކަން ލޮލުގައި ވީނަމަވެސް، އޭނާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. ނުކުމެ މައާލްއަށް ބަލާލާފައި މައާލް ހޭލިކަން ޔަޤީންކޮށްލާފައި ރާދިން ދިޔައީ މިސްކިތަށެވެ. އޭނާ އައިއިރު މައާލް އޮތީ ނިދާފައެވެ. ފުރަން އޮތީ ހެނދުނު ހަތެއްޖަހާއިރުކަމުން، ރާދިން ކުޑަކޮށް ޖައްސާލީ ހަގަޑިބަޔަށް އެލާރމްކޮށްގެންނެވެ.

***

އެލާރމް ވުމާއެކު ތެދުވި ރާދިން ފެންވަރާލައިގެން ނުކުމެ ދާން ތައްޔާރުވެލިއެވެ. އޭނާ ލީ އަޅިކުލައިގެ ޓީޝާޓަކާއި ސޯޓެކެވެ. އިސްތަށިގަނޑު ސްޓައިލްކޮށްލަމުން އަތުގައި ގަޑިއަޅާލުމަށްފަހު، އޭނާ ސެންޓްވެސް ޖަހާލިއެވެ. އެއާއެކު ކޮތަރިތެރެއަށް މީރުވަހެއް ފެތުރިގެން ދިޔައެވެ. ރާދިން ދަބަސް ކޮނޑުގައި އަޅުވާލައިގެން، ގޮސް މައާލްގެ ކައިރިއަށް ހުއްޓުނެވެ. މައާލްއަށް ގޮވާލަން އުޅެފައިވެސް، ޚިޔާލު ބަދަލުކޮށްލާފައި، ސައިޑް ކަބަޑު ހުޅުވާލާފައި ސްޓިކީ ނޯޓްއަކާއި ގަލަމެއްނެގިއެވެ. އެއަށްފަހު، އޭގައި ނޯޓެއް ލިޔެލާފައި މައާލްއަށް ފެންނާނެހެން ހިއްޕާލިއެވެ. އެއަށްފަހު، މައާލްގެ ނިތަށް ބޮސްދީފައި ގޮސް ކޮޓަރިން ނުކުތެވެ.

އެވަގުތު އޭނާއަށް ފޯނެއް އައެވެ. ގުޅީ މުނީރެވެ.

"ކޮބާ ދަރިފުޅު. ދާން ތައްޔާރުވީތަ؟" މުނީރު އަހާލިއެވެ.

"ލައްބަ. މިހާރު މިދަނީ ދާން."ޖަވާބު ދީފައި ރާދިން ގޮސް ގެއިން ނުކުމެލިއިރު، ޑްރައިވަރު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ރާދިން ކާރަށް އެރުމާއެކު، ޑްރައިވަރު ދޮރުފަތް ލައްޕާލާފައި ގޮސް ކާރަށް އަރާ ދުއްވާލީ އެއް ނަންބަރު ފާލަމާ ދިމާލަށް ދިޔުމަށެވެ.

ފާލަމާ ދިމާލަށް ކާރު ކައިރިކުރިއިރު ލޯންޗް އޮތީ ތައްޔާރަށެވެ. ރާދިން ލޯންޗަށް އަރާ އިށީނދެލުމާއެކު ލޯންޗް ދުއްވާލިއެވެ. މާލެ ފަޅުން ނުކުތުމުން ލޯންޗް ބާރު ސްޕީޑުގައި ކަނޑުގެ ރާޅުތައް ކަފަމުން އޭގެ މަންޒިލަށް ދިޔުމަށްޓަކައި ދަތުުރު ފަށައިފިއެވެ. ކަނޑު މަޑު ނަމަވެސް އިރިއިރުކޮޅަކާ ޖެހިލާ މަޑު ފިނި ވައިރޯޅިތަކުން ރާދިންއަށް އަރާމުވިއެވެ. ރޭގައި ނުނިދުމުގެ ސަބަބުން ވަރުބަލިކަން އިޙްސާސްވަމުން ދިޔަ ރާދިން ދެލޯ މަރާލި ނަމަވެސް، އޭރުވެސް އޭނާގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް ދައުރުވަމުން ދިޔައެވެ. މައާލްގެ އަސްލު ބައްޕަ ފެނުމުން އޭނާ ބުނާނީ ކީކޭކަން ރާދިން ހިތުތެރޭގައި ރާވަމުން ދިޔައެވެ. ތިން ގަޑިއިރުގެ ދިގު ދަތުރަކަށްފަހު، ރާދިން އޭނާގެ މަންޒިލަށް ފޯރައިފިއެވެ. ނެރުން ލޯންޗް ވަދެގެން ދިޔައިރު، އެ ރަށުގެ ހުދު ގޮނޑުދޮށާއި ވިލު އަދި ފަޅުތެރެ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ރަށާ ކައިރީގައި ވެސް ކުދި ކުދި ފަޅުރަށްތަކެއް ހުރުމުން މަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ. މެންދުރުވަމުން ދިޔަ ވަރަކަށް އުދާސްކަން މާހައުލު ހިޞާރުކުރަމުން ދިޔައެވެ. ރާދިން ލޯންޗްގެ ކުރީކޮޅަށް ނުކުމެލިއެވެ. އެއަށްފަހު ކުރިމަތިން ފެންނަމުން ދިޔަ ރަށުގެ މަލަމައްޗަށް އޭނާ ބަލާލިއެވެ. ހިތް އަވަސް ވާން ފެށީ ދެނެވެ. އޭނާ އައި މަގްސަދު ހިތަށް އެރުމާއެކު ފިނިވާގޮތްވިއެވެ. އަވިގަދަކަމުން އޭނާ ދާވެސް ހިއްލަން ފަށައިފިއެވެ. އެތެރެއަށް ވަނުމަށްފަހު، އޭނާ ދަބަސްކޮނޑުގައި އަޅުވާލައިގެން ނުކުމެލިއެވެ. ލޯންޗް ބަދަރަށް ކައިރިކުރުމާއެކު، ރާދިން ލޯންޗުން ފޭބިއެވެ. އެއީ މާ ބޮޑު ރަށެއް ނޫން ނަމަވެސް، ބަނދަރުމަތި ފެންނަނީ ހިތްގައިމުކޮށެވެ. އެާެ ސާފުތާހިރުވެސް މެއެވެ.

އެ ރަށުގައި އޭނާ ހުންނަން ގެސްޓް ހައުސްއަކުން ކޮޓަރިއަށް ނަގާފައި ހުރިނަމަވެސް، އެންމެ ފުރަތަމަ އެތަނަށް ދިޔުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ދެފަރާތް ބަލާލުމާއެކު ހިޔާކޮށްފައި ހުރި ހޮޅުއައްޓެއްގައި ތިބި މުސްކުޅި ފުރައިގެ ދެމީހުން އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، ރާދިން އެ ދިމާލަށް މިސްރާބުޖެހިއެވެ.

"ޢައްސަލާމް ޢަލައިކުމް." އެ ދެމީހުން ކައިރިއަށް ހުއްޓިފައި ރާދިން ސަލާމްގޮވާލިއެވެ. ސަލާމަށް ޖަވާބުދެމުން ރާދިންއާ އެމީހުން ވެސް ވާހަކަ ދެއްކިއެވެ.

"ކީއްކުރާ ކުއްޖެއް؟" އެތަނުން އެކަކު ސުވާލުކޮށްލިއެވެ. ރާދިން އޭނާއައި ބޭނުން ހާމަކޮށްލުމުން، ރާދިން އެ ބުނާ ގެއަކަށް ގެންގޮސްދޭނެކަމުގައި އެމީހުން ބުނެލިއެވެ.

"ހިނގާ ދަމާ." އެހެން ބުނެލާފައި އޭނާއާއެކު އަންނަން އިޝާރާތްކޮށްލާފައި އެކަކު ތެދުވެ ހިނގައިގަތެވެ. ގައިގަނޑަކަށް މިނެޓަކަށް ހާއިރު ތެރޭގައި ރާދިން އެ އަންނަން ބޭނުންވި ގެއާ ހިސާބަށް އާދެވިއްޖެއެވެ.

"މީ އެގެ." އެމީހާ ރާދިންއަށް އެ ގެ ދައްކާލާފައި ހިނގައިގަތުމުން ރާދިން އެގެއަށް ބަލާލިއެވެ. ވަށާފާރު ރާނާފައިވާ އެގޭގެ ދޮރޯށި ހުރީ ހުޅުވާފައިކަމުން އޭނާ ދޮރޯށި ކައިރިއަށް ހުއްޓި ސަލާމް ގޮވާލިއެވެ.

"ވަޢަލައިކުމް ސަލާމް" ސަލާމަށް ޖަވާބު ދެމުން ބޭރަށް ނުކުތީ ގައިގަނޑަކަށް ދިހަ އަހަރުގެ ފިރިހެން ކުއްޖެކެވެ.

"އެއްވެސް ބޮޑު މީހެއް ނޫޅޭތަ؟" ރާދިން ސުވާލުކޮށްލިއެވެ. އެހެން ބުނުމުން ރާދިންއަށް ބަލަން ހުރުމަށްފަހު އެ ކުއްޖާ އެތެރެއަށް ވަނެވެ.

"ކޮން ކުއްޖެއް؟" ގޭގެ ދޮރުން ނުކުންނަމުން ފިރިހެނަކު ސުވާލުކޮށްލިއެވެ. ރާދިން ފެނުމާއެކު އޭނާ ހުއްޓުން އެރިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު