ޓޮމް ހާޑީ ލީޑް ރޯލް ކުޅޭ ކާމިޔާބު "ވެނަމް" ފްރެންޗައިޒްގެ ތިންވަނަ ބައި މި އަހަރު ރިލީޒް ކުރުމަށް ތައްޔާރުވެއްޖެއެވެ.
ވެނަމްގެ ދެ ފިލްމުގެ ކާމިޔާބީއަށް ފަހު ތިންވަނަ ބައެއް އިއުލާނުކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އަލަށް ނެރޭ ފިލްމު ޑައިރެކްޓް ކުރާނީ ސްކްރީން ރައިޓާ ކެލީ މާސެލްއެވެ. ކެލީ ވަނީ 2018 ގައި ނެރުނު "ވެނަމް" އަދި 2021 ގައި ނެރުނު "ވެނަމް 2: ލެޓް ދެއާ ބީ ކާނޭޖް"ގެ ސްރީން ޕްލޭ ލިޔެ، ޓޮމް ހާޑީއާ އެކު މި ދެ ފިލްމް ޕްރޮޑިއުސްކޮށްފައެވެ. "ވެނަމް 3"ގެ ސްކްރީންޕްލޭ ބިނާކުރާނީ ކެލީ އަދި ޓޮމްގެ ވާހަކައެއްގެ މައްޗަށެވެ.
މިއީ ކެލީ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
ވެނަމްގެ ދެ ބައިގެ ކާމިޔާބީއާ އެކު އޮރިޖިނަލް ޕްރޮޑަކްޝަން ކުންފުނިން ފިލްމު އިއުލާނު ކޮށްފައިވަނީ ފުރަތަމަ މި އަހަރުގެ ކުރީ ކޮޅުގައި ރިލީޒް ކުރުމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާރު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މެދުތެރޭގައެވެ.
ތިންވަނަ ފިލްމު ރިލީޒް ކުރުމަށް ތައްޔާރުވާއިރު މި ފިލްމާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަވެފައިކޮށްފައިނުވާއިރު މިހާތަނަށް އަދި އެއްވެސް ޓީޒާއެއް ނުވަތަ ޕްރޮމޯޝަނަލް ކޮންޓެންޓެއް ވެސް އާންމުކޮށްފައެއް ވެސް ނުވެއެވެ. މި ފިލްމުގެ ޕްލޮޓާ ގުޅުވައިގެން މާ ގިނަ ވާހަކަތަކެއް ދައްކާފައި ނުވާއިރު އާ ފިލްމާއެކު މާވެލް ސިނެމޭޓިކް ޔުނިވާސްގެ ބޮޑު ބަޔަކަށް ފްރެންޗައިޒް ވަންނާނެއެވެ.
"ވެނަމް"ގެ ފުރަތަމަ ދެ ފިލްމް ވަނީ ބޮކްސް އޮފީހުގައި ޖުމްލަކޮށް 1.36 ބިލިއަން ޑޮލަރު ހޯދާފަ އެވެ.
"ވެނަމް" އަކީ މާވެލް ކޮމިކްސް ކެރެކްޓާއެއް އަދި ސްޕައިޑާމޭންގެ އެންޓަގޮނިސްޓެކެވެ. އަދި ސްޕައިޑާމޭން ފަދައިން މި ކެރެކްޓާއަކީ ސޮނީ އަދި ޑިޒްނީ-މާވެލް ޔުނިވާސްގެ ޝޭއާޑް ކެރެކްޓާއެކެވެ. މިގޮތުން "ވެނަމް 2: ލެޓް ދެއާ ބީ ކާނޭޖް"ގެ ކްރެޑިޓްސްއަށް ފަހު އަންނަ ސީންގައި ވެނަމް ޑިޒްނީ-މާވެލް ޔުނިވާސްއަށް ދެއެވެ. އަދި "ސްޕައިޑާމޭން: ނޯވޭ ހޯމް"ގެ ކްރެޑިޓްސްއަށް ފަހު އަންނަ ސީންގައި ވެނަމް ސޮނީ ޔުނިވާސްއަށް ދެއެވެ. އެއާއެކު އާ ފިލްމުގައި ބޮޑު ކްރޮސްއޯވާއެއް ފެންނާނެ ކަމަށް ލަފާ ކުރެވެއެވެ.