ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުން ފެނިފައިވާ ބަތަލާ ޕޫނަމް ޕާންޑޭ މަރުވެއްޖެއެވެ.
ބައްތިރީސް އަހަރުގެ ބަތަލާ އިއްޔެ ހެނދުނުގެ ވަގުތެއްގައި މަރުވެފައިވާކަން އޭނާގެ ޓީމުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
ފިލްމު ކުޅުމުގެ އިތުރުން ކާމިޔާބު މޮޑެލް ކުރުމުގެ ދާއިރާގައި ކާމިޔާބު ކެރިއަރެއް އޮތް ޕޫނަމް ޕާންޑޭ މަރުވެފައި ވަނީ ރަހިމުގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
އެންމެ ފަހުން ޕޫނަމް ފެނިފައި ވަނީ ބަތަލާ ކަންގަނާ ރަނާވަތު ހޯސްޓުކުރި ރިއަލިޓީ ޝޯ "ލޮކް އަޕްޕް"އިންނެވެ.
ޕޫނަމްގެ މެނޭޖަރު ނިކިތާ ޝަރުމާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަހިމަށްޖެހޭ ކެންސަރު ބަލި 'ސަވިކަލް ކެންސަ'އަށް ފަރުވާ ހޯދަމުން ދިޔައިރުވެސް ޕޫނަމް ފެނުނީ ވަރަށް ހިތްވަރު ގަދަ މީހެއްގެ ގޮތުގައި ކަމަށެވެ. ޕޫނަމްގެ މަރާއެކު، އޭނާއަށް ތާއީދު ކުރާ މީހުން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުން އަންނައިރު މީގެ ތިން ދުވަސް ކުރިން އިންޑިއާގެ ގޯއާގައި އޮތް ހަފްލާއަކުން ޕޫނަމް ފެނިފައިވާކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ޕޫނަމް ޕާންޑޭ ބައިވެރިވި ރިއަލިޓީ ޝޯ 'ލޮކް އަޕް'ގެ މަންޒަރެއް-- ފޮޓޯ/ބޮލީވުޑް ހަންގާމާ
ޕޫނަމްގެ ކުއްލި މަރާއެކު ބޮލީވުޑްގެ ބައެއް ފިލްމީ ތަރިން ހިތާމަ ފާޅުކުރުމުގެ މެސެޖުތައް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުން ބުނެފައި ވަނީ ރަހިމުގެ ކެންސަރަކީ ކޮންމެ އަންހެނަކު ވެސް ސަމާލުކަން ދޭންވީ ބައްޔެއް ކަމަށާއި ޤަވާއިދުން އެކަމަށް ސްކްރީން ކުރުން މުހިއްމު ކަމުގައެވެ.
ރަހިމަށްޖެހޭ ކެންސަރު 'ސަވިކަލް ކެންސަ'ގައި ޕޫނަމް މަރުވެފައި ވަނީ އިންޑިއާގެ މި އަހަރުގެ ބަޖެޓުގައި ޢުމުރުން ނުވަ އަހަރާ ސާދަ އަހަރާ ދެމެދުގެ އަންހެން ކުދިންނަށް 'ސަވިކަލް ކެންސަ'އަށް ހާއްސަ ވެކްސިން ދިނުމަށް ރާވަމުން އަންނަކަން އެ ޤައުމުގެ ފައިނޭންސް މިނިސްޓަރު އިއުލާނުކުރިތާ އެއް ދުވަސް ފަހުންނެވެ.