ލޫޓަން އިން ބްރައިޓަން ސިއްސުވައިލައިފި

ލޫޓަންއަށް ތިން ލަނޑު ޖަހާދިން އަޑެބަޔޯ އުފާފާޅުކުރަނީ / ފޮޓޯ: ދި ޓެލެގްރާފް

އިންގްލިޝް ޕްރިިމިއާ ލީގުގައި ލޫޓަން ޓައުން އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ލޫޓަން އިން ގިނަ ބަޔަކު ސިއްސުވައިލައިފިއެވެ.

ލޫޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ 0-4 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ބްރައިޓަންއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފެއްދީ ލޫޓަންއިންނެވެ.

މި މެޗުގައި އެލިޔާ އަޑެބަޔޯ ވަނީ ތިންލަނޑު ޖަހައި ހެޓްރިކެއް ހަދައިފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލޫޓަންއަށް މި މެޗުގައި ލީޑު ނަގައިދިނީ މެޗުގެ ފުރަތަމަ މިނެޓްގައި އަޑެބަޔޯއެވެ. އަދި މި ލަނޑު ޖެހިތާ ދެ މިނެޓް ފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ޝިއެޑޯޒީ އޮގްބެނޭ ޖަހާދިން ލަނޑުންނެވެ.

މި މެޗުގައި ލޫޓަންގެ ތިންވަނަ ލަނޑު މެޗުގެ 42ވަނަ މިނެޓްގައި އަޑެބަޔޯ ކާމިޔާބު ކުރިއިރު އޭނާ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ 56ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑުންނެވެ.

މި ހެޓްރިކާއެކު އޭނާ ވެފައިވަނީ އިނގިރޭސި އެންމެ މަތީ ފެންވަރުގައި 1990 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޯވިޗް ސިޓީއާއި ދެކޮޅަށް ލާސް އެލްސްޓްރަޕް ހެޓްރިކް ހެދި ފަހުން ލޫޓަންއަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލޫޓަންގެ ކޯޗް ރޮބް އެޑްވާޑް ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ކުޅެވެނީ ހަމަލާއަށް އިސްކަން ދީގެން ކުޅުމުން ކަމަށާއި މިސީޒަންގައި ޕްރިމިއާ ލީގުގައި ބައެއް ޓީމުތަކާ ދެކޮޅަށް މިކުޅުން ދެއްކިފައިވާ ކަމަށެވެ.

އަދި މިއާއެކު މަޑު ޖައްސާލެވެން ނެތް ކަމަށާއި މި ޓީމު ޕްރިމިއާ ލީގުގައި އޮށްނަން ބޭނުންކަމަށްވާނަމަ މިގޮތަށް ކުރިއަށް ހުރި މެޗުތަކުގައި ވެސް މަސައްކަތް ކުރުން މުހިންމު ކަމުގައި އެޑްވާޑް ހާމަކުރިއެވެ.

ބްރައިޓަންގެ ކޯޗް ރޮބާޓޯ ޑި ޒާބީ ހާމަކުރިގޮތުގައި މި މެޗުގައި އޭނާގެ ކުޅުންތެރިންނަށް އެއްވެސް ވަރަކަށް ކުޅެވިފައިނުވެއެވެ. މި މެޗުގައި އޭނާގެ ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފެންވަރާ ގާތަށް ވެސް ކުޅުން ދެއްކިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

މި ކާމިޔާބީއާއެކު ލޫޓަންއިން މިހާރުވަނީ ކުޅުނު 21 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައަށް ޖެހިލައި ރެލިގޭޝަން ބައިން ވަގުތީ ގޮތުން ދުރަށް ޖެހިފައެވެ. އަދި ބްރައިޓަންވަނީ 22 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައަށް ފަހަތަށް ޖެހިލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު