އިންގްލިޝް ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި އެސްޓަންވިލާ ބައްދަލުކުރި މެޗު، ނިއުކާސްލުން ކާމިޔާބުކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗު ނިއުކާސްލުން ކާމިޔާބު ކޮށްފައިވަނީ 1-3 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ވިލާއިން ބޯޅަ ގެންގުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލުންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ ނިއުކާސްލުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިބުނު ކޯނަރެއްގައި ޑިފެންޑާ ފަބިއަން ޝާއެވެ.
މީގެ އިތުރުން އެ ޓީމުގެ ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓްފަހުން ޖަހައިދިނީ ވެސް ޝާއެވެ. މި މެޗުގައި ނިއުކާސްލްގެ ތިންވަނަ ލަނޑަކީ މެޗުގެ 52ވަނަ މިނެޓްގައި ވިލާގެ އެލެކްސް މޮރޭނޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މެޗުގައި ވިލާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލީ ވޮޓްކިންސްއެވެ. މި ލަނޑާއެކު ވިލާއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް އެ ކަން އެ ޓީމަށް ކާމިޔާބުވާ ގޮތެއްނުވިއެވެ.
މިއީ މި ސީޒަންގައި ވިލާއިން އަމިއްލަ ދަނޑުގައި ކުޅެ ބަލިވި ފުރަތަމަ މެޗެވެ. ހަމައެއާއެކު ނިއުކާސްލްއިން މިވަނީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ނިއުކާސްލްގެ ކޯޗް އެޑީ ހޯވް ހާމަކުރިގޮތުގައި މިއީ ތަފާތު އިހްސަސް ތަކެއް ކުރުވި މެޗެއް ކަމަށެވެ. އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ ވިލާ ފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެ މިފަދަ ނަތީޖާއެއް ނެރެވުމުން ކަމަށް އޭނާ ބުންޏެވެ.
ވިލާގެ ކޯޗް އުނާއި އެމްރީ ހާމަކުރި ގޮތުގައި މި މެޗުގެ ނަތީޖާއާމެދު އޭނާ ހިތްހަމަ ނުޖެހޭކަމަށާއި މި މެޗުގެ ފުރަތަމަ 60 މިނެޓްގައި މޮޅަށް ކުޅެފައިވަނީ ނިއުކާސްލެވެ. ފަހަކަށް އައިސް ލީގަށް ވާދަކުރާ ޓީމުތަކުގެ ލިސްޓަށް އިތުރު ވެގެންދިޔަ ވިލާއަށް މި ނާކާމިޔާބީގެ ސަބަބުން އެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެއެވެ.
މި ކާމިޔާބީގެ ސަބަބުން ނިއުކާސްލް މިހާރު އުޅެނީ ކުޅުނު 22 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ވިލާ މިހާރު އުޅެނީ 22 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.