އާސެނަލް އިން ފޮރެސްޓް ބަލިކޮށް ދެވަނައަށް ކުރިއަށް ޖެހިލައިފި

އާސެނަލްގެ ދެވަނަ ލަނޑަށްފަހު އެޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައިވަނީ 1-2ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ.

ނަމަވެސް މިއާއެކު ވެސް މި މެޗުގެ ފުރަތަމަ ހާފްގައި އާސެނަލަށް ފޮރެސްޓްގެ ޑިފެންސް ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 65ވަނަ މިނެޓްގައި ޖަހައި ލީޑު ނަގައިފައިވަނީ އާސެނަލުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެލެގްޒެންޑަ ޒިންޗެންކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގެބްރިއެލް ޖޭސުސްއެވެ.

އަދި މި ލަނޑު ޖެހިތާ ހަތް މިނެޓްފަހުން ޖޭސުސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލްގެ ލީޑު ފުޅާކޮށްދިނީ ބިކާޔޯ ސާކާއެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ފޮރެސްޓްއިން މިމެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ޓައިވޯ އަވޮނީޔީއެވެ.

މިކާމިޔާބީއާއެކު އާސެނަލްއިން މިހާރުވަނީ ކުޅުނު 22 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ.

އަދި މިއާއެކު އާސެނަލްއިން މިވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ދެމެދުގައި ފަރަގު ވެސް ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ.

ނަމަވެސް ލިވަޕޫލާއި ޗެލްސީ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށް އަނެއްކާވެސް ފަސް ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ލިވަޕޫލަށް ލިބޭނެއެވެ. ކުރިއަށް އޮތް ހަފުތާ ބަންދުގައި އާސެނަލްގެ ދަނޑުގައި ލިވަޕޫލާއި ދެ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވުމުން މި ކާމިޔާބީގެ ސަބަބުން އާސެނަލަށް އިތުރު ހިތްވަރެއް ލިބޭނެއެވެ. މި މެޗުން ބަލިވުމާއެކު ފޮރެސްޓް މި ވަގުތު އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު