ޒުވާން ޚަޠީބު ޕްރޮގްރާމުގެ ބައިވެރިންނާ އިންޓަވިއުކުރުމުގެ ފުރަތަމަ ސެޝަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.
އިންޓަވިއުތަކަށް ފަހު، ބައިވެރިންނަށް އިމާމުކަން ކުރުމާއި ޚުޠުބާ ކިޔުމާ ގުޅޭ ގޮތުން ޚާއްސަ ތަމްރީނެއް ދެވޭނެކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ތަމްރީނު ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ހުކުރު ކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ވަނީ، ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ޒުވާނުންނަށް، އިމާމުވެ ހުކުރުކޮށް ޚުޠުބާ ކިޔުމުގެ ހުއްދަ ދޭން ނިންމައިފައެވެ.
މުޅި ރާއްޖެއަށް ހުޅުވާލި އެ ފުރުސަތާ ގުޅޭގޮތުން ގިނަ ބަޔަކު ގުޅައި، މައުލޫމާތު ސާފުކޮށް، ފޯމު ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި، އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބޭނެ ކަމެކެވެ.
މިނިސްޓަރު ވިދާޅުވީ، އެގޮތަށް ދަރިވަރުންނަށް ހުއްދަ ދޭން ނިންމީ ޒުވާން ޚަތީބުންނާއި އިމާމުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އިމާމުވެ ހުކުރު ނަމާދު ކުރަން ވަކި ސަނަދެއް ބޭނުންވެއެވެ. މިހާރު އެ ހުއްދަ ދޫކުރަނީ އެސްއެސްސީ ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމުން ދަށްވެގެން ސީ ފާސް، ނުވަތަ އަރަބި މީޑިއަމުން ސާނަވީ ދެވަނަ އަހަރުން ފާސްވެފައިވާނަމައެވެ. އަދި، ޤުރުއާނާއި ފިޤުހު ހިމެނޭހެން ގައުމީ ސަނަދުގެ ލެވެލް ތިނަކުން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ.
ނަމަވެސް މި ގެނެވުނު ބަދަލާއެކު ސްކޫލު ނިންމާ ދަރިވަރުންނަށް ވެސް މިހާރު ޚުތުބާ ކިޔުމުގެ ސަނަދު ހޯދޭނެއެވެ.