'ނޯ އެންޓްރީ'ގެ ސީކުއެލްއަށް ވަރުން، އަރުޖުން އަދި ދިލްޖީތު

ފިލްމު "ނޯ އެންޓްރީ2"ގެ ތަރިން-- ފޮޓޯ/ބޮލީވުޑް ހަންގާމާ

މީގެ 19 އަހަރު ކުރިން ޑައިރެކްޓަރު އަނީސް ބަޒްމީ އުފެއްދި ހެއްވާ މަޖާ ފިލްމު "ނޯ އެންޓްރީ"ގެ ސީކުއަލްއަށް އެކްޓަރު އަރުޖުން ކަޕޫރު، ވަރުން ދަވަން އަދި ދިލްޖީތު ދޯސަންޖް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބޮނީ ކަޕޫރު 2005ވަނަ އަހަރު ޕްރޮޑިއުސްކުރި ފިލްމުގެ މުހިއްމު ތަރިންގެ ތެރޭ ސަލްމާން ޚާން، އަނިލް ކަޕޫރު، ފަރުދީން ޚާން، ބިޕާޝާ ބާސޫ، ލާރާ ދައްތާ އަދި ސެލީނާ ޖެއިތުލީ ހިމެނެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި "ނޯ އެންޓްރީ2"ގެ ނަމުގައި އުފައްދާ ސީކުއަލްއަށް އެންމެ ފުރަތަމަ ގެންނަން ނިންމާފައި ވަނީ ކުރީގެ ފިލްމުން ފެނުނު ތަރިން ކަމަށެވެ. އެހެންނަމަވެސް ޑައިރެކްޓަރު އަނީސް ބަޒްމީ ބޭނުންވީ ފިލްމުގެ ކާސްޓު އެއްކޮށް ބަދަލުކޮށްލަން ކަމަށާއި ވަރުންއާއި އަރުޖުން އަދި ދިލްޖީތަކީ ފަހުގެ ކޮމެޑީ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިންކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ވަރުންއާއި އަރުޖުން ކަޕޫރަކީ ހަގީގީ ދިރިއުޅުމުގައި ވެސް ވަރަށް ގާތް ރަހްމަތްތެރިންނަށްވުމުން ފިލްމުން ދެ ތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ "ނޯ އެންޓްރީ2"ގެ އުފެއްދުންތެރިން ވަނީ ބުނެފައެވެ. ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން މި ސީކުއަލްގެ ވާހަކަ ވެސް ތައްޔާރު ކުރާނީ އަނީސް ބަޒްމީ ކަމަށް ޕިންކްވިލާއިން ވަނީ ބުނެފައެވެ.

ފިލްމު 'ނޯ އެންޓްރީ"ގެ މަންޒަރެއްގައި އަނިލް ކަޕޫރު އަދި ސަލްމާން ޚާން-- ފޮޓޯ/އިންޓަނެޓް
މި އަހަރުގެ ޑިސެމްބަރު މަސް ތެރޭ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ނިންމާފައި ވަނީ 2025 ވަނަ އަހަރުއެވެ. އެއީ ފިލްމަށް ވިހި އަހަރު ފުރުމާ ގުޅުވައިގެން ކަމަށް ޕްރޮޑަކްޝަން ޓީމާ ގުޅުންހުރި ފަރާތަކުން ވަނީ ބުނެފައެވެ.

ފިލްމު "ނޯ އެންޓްރީ2"އިން ފެންނާނެ އަންހެން ބަތަލާއިން ކަށަވަރުވިހާ އަވަހަކަށް ފިލްމުގެ ލީޑް އެކްޓަރުންނާ އެކު މި ފިލްމު އިއުލާނު ކުރާނެކަމަށް ޕިންކްވިލާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް