ވާނަން އެކުގައި... 14

"ލައްބަ ބައްޕާ..." ފޯނު ކަންފަތުގައި ޖަހަމުން އާރިޒް ބުނެލިއެވެ.

"ގެއަށް އައިސްބަލަ..." އީސަގެ އަޑުގައި ހަރުކަށިގޮތެއް ހުއްޓެވެ.

********

އާރިޒް ގެއަށް ވަންއިރު އީސަ ހުރީ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރިއިރު، އޭނާ ހުރީ ފުން ވިސްނުމެއްގައެވެ. ހިތްހަމަނުޖެހިފައިވާކަމުގެ އަސަރުތައް މޫނުން ފެންނަން ހުއްޓެވެ. ސޯފާއަށް އިޝާރާތްކޮށްފައި އީސަވެސް ސޯފާގެ އެއްކޮޅުގައި އިށީނެވެ. އާރިޒް އިނީ ޖެހިގެން ހުރި ސޯފާގައެވެ.

"ދަރިފުޅު ތިއުޅޭގޮތް ބައްޕައަށް އެއްގޮތަކަށްވެސް ކަމަކުނުދޭ..." އާރިޒަށް ބަލައިލަމުން އީސަ ބުނެލިއެވެ.

"ތިބުނުއްވީ؟..." އާރިޒް ހައިރާންވެފައި ސުވާލުކުރިއެވެ.

އީސަ އޭނާގެ ޖީބުން ނެގި ތަސްވީރުތައް ކުރިމަތީގައި ހުރި މޭޒުމައްޗަށް ހޫރައިލިއެވެ. ކުޑަދޮރު ހުޅުވާފައި ހުރުމުން ވަޔާއިއެކު އެތަނުން ތަސްވީރެއް އައިސް އާރިޒްގެ ފައި ކައިރިއަށް ވެއްޓުނެވެ. އާރިޒް ތަސްވީރު ނެގިއެވެ. ހައިރާންވެފައި އީސައަށް ބަލައިލިއެވެ. މޭޒުމަތީގައި ހުރި ތަސްވީރުތައް ބެލީ އޭގެ ފަހުގައެވެ. މުޅީންވެސް ލިޝާގެ ތަސްވީރެވެ. ބައެއް ތަސްވީރުތަކުގައި އާރިޒާއި އެކުގައިވެސް ހުއްޓެވެ.

"މީ؟..." އާރިޒް އިނީ ގަބޫލުނުކުރެވިފައެވެ.

"ބައްޕައަށްވުރެ ބޮޑަށް ތީގެ ތަފްސީލް އެނގޭނީ ދަރިފުޅަށް..." ތަސްވީރުތަކަށް އިޝާރާތް ކުރަމުން އީސަ ބުންޏެވެ.

"ބައްޕަ މިހާރު އަޅުގަނޑަށް ފާރަލާންވެސް ފެށީތަ؟..." ޝަކުވާގެ ރާގަކަށް އާރިޒް ބުނެލިއެވެ.

"ތިކަން ހުއްޓާ!..." އީސަ ކުރީ އަމުރެވެ.

"އެއީ ކީއްވެ؟...." އީސަގެ މޫނަށް ބަލައިލަމުން އާރިޒް އަހައިލިއެވެ.

އާރިޒަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމޭ އުމުރުގެ މީހެކެވެ. މައިންބަފައިން އޭނާގެ އެފަދަ ނިންމުންތަކަށް ފާޑު ކިޔައިގެން ނުވާނެއެވެ. ދަރިންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް މައިންބަފައިން ނުފޫޒު ފޯރުވުމަކީ އާރިޒަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ.

"އެއީ..." އީސަ އެއްޗެއް ބުނަން އުޅުނެވެ. މައުޟޫޢު ބަދަލުކޮށްލިހާ އަވަހަށް ރާގުވެސް ބަދަލުކޮށްލިއެވެ. "ހުއްޓާލާށޭ ބުނީމަ ހުއްޓާނީ.... އޭނަ އެނބުރި ގައުމަށް ފޮނުވާލާ..."

އީސަ ދެން ނެގީ ލިޝާގެ ޕާސްޕޯޓާއި ވޮލެޓެވެ. އެ އެއްޗެހިވެސް މޭޒުމައްޗަށް ހޫރައިލިއެވެ. އާރިޒް އިނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އަމިއްލަ ދަރިފުޅުގެ ކޮޓަރިއަށް ވަދެ ޖާސޫސްކުރާނީ ކޮންފަދަ ބައްޕައެއް ހެއްޔެވެ؟ އަމިއްލަ ގޭގައިވެސް އެނާއަށް މިނިވަންކަމެއް ނެތެވެ.

"ވާއު..." ފުން ނޭވާއެއް ދޫކޮށްލަމުން އާރިޒް ބުންޏެވެ. އަބަދުވެސް ބައްޕައަށް އިހުތިރާމުކުރާ އާރިޒްގެ މޫނުން ބައްޕައަށް ކުރި އިހުތިރާމް ގެއްލިފައިވާފަދަ އަސަރުތައް ފެންނަން ހުއްޓެވެ. "ބައްޕަ އަޅުގަނޑުގެ ކޮޓަރިއަށްވެސް ވަނީތޯ؟...."

"އަހަރެން ކަމެއް ކުރަން ބުނާނީ ކިތަންމެ ގޮތަކަށް ވިސްނާފަ...." އީސަ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"މީ މިހާރު ކުޑަކުއްޖެއް ނޫނޭ ބައްޕާ..." ހިތްހަމަނުޖެހިފައިވާ ރާގަކަށް އާރިޒް ބުނެލިއެވެ. "ބައްޕަ އަޅުގަނޑަށް ފާރަލައިގެން ތިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ކުޑަކޮށްވެސް ހިއެއް ނުކުރަން..."

އާރިޒް ތެދުވެގެން ދިޔަ މަންޒަރު ބަލަން އިން އީސައަށް ހިންދިރުވައިލެވުނެވެ. އާރިޒްގެ މަންމަގެ ވަކިވެދިޔުމަށްފަހު، އޭނާ އާރިޒް ބެލީ ނުހަނު ލޯބިންނެވެ. ޝަކުވާއެއް ކުރުމެއް ނެތިއެވެ. ރުޅި އައިސްގެން ބާރަށް އެއްޗެއް ނުބުނެއެވެ. އާރިޒްވެސް އެފަދައެވެ. އަބަދުވެސް ބައްޕައަށް އިހުތިރާމު ކުރެއެވެ. އޭގެ ކުރިން އާރިޒްގެ ދިރިއުޅުމުގެ އެއްވެސް ކަމަކާ ފާޑު ނުކިޔާ އީސައަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އާރިޒަށް ދެރަވާފަދަ ކަމެއް ކުރުމަކީ އީސަ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

މެހެމާނުން ތިބޭ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވުނެވެ. އީސަގެ ނަޒަރު އެދިމާއަށް ހުއްޓުނީ އެތަނުގައި ހުރީ ކާކުކަން އެނގޭފަދައިންނެވެ. ދޮރު ކައިރީގައި މިޖާ ހުއްޓެވެ. އާރިޒް ކޮޓަރިއަށްވަދެ ދޮރު ލެއްޕިކަން ކަށަވަރު ކުރުމަށްފަހު، މިޖާ ކޮޓަރިން ނުކުތެވެ. މަޑުމަޑުން ހިނގާފައި އީސަގެ ކައިރިއަށް ދިޔައެވެ. މިޖާ ހުރީ ހާސްވެފައެވެ.

"އަންކަލް ޕްލީޒް އާރީ ކައިރީ ނުބުނައްޗޭ މި ފޮޓޯތައް ނެގީ މިޖާއޭ..." އާރިޒަށް ވީގޮތް ފެނުމުން މިޖާ ހުރީ ދެރަވެފައެވެ. އާރިޒާއި އޭނާގެ ބައްޕަގެ މެދުގައި މައްސަލައެއް ޖެހުމަކީ މިޖާ ބޭނުންވާ ގޮތެއް ނޫނެވެ. "އެކޮޓަރިއަށް މިޖާ ވަން ވާހަކަވެސް ނުބުނައްޗޭ!... މިޖާ ވަރަށް ދެރަވެއްޖެ..."

"މިޖާ އެކަމާ ނުވިސްނާ... ދެން ދޭ ނިދަން..." އީސަ ތެދުވެގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

"ސޮރީ އާރީ... އިތުރު ޗޮއިސްއެއް ނެތީމަ..." އާރިޒްގެ ކޮޓަރިއާއި ދިމާއަށް ބަލަން ހުރެ މިޖާ ބުނެލިއެވެ.

********

ފިނިފިނި ހެނދުނަކަށް މަރުހަބާ ކިޔަމުން ގެއިން ބޭރަށް ނުކުތް ލިޝާ އާފުރިލިއެވެ. ޖެހެމުންދިޔަ ފިނި ވައި ހަށިގަނޑުގައި ބީހެން ފެށުމުން ލިޝާއަށް ކިނބިހި އެޅެން ފެށިއެވެ. އިސާހިތަކު ރޯގާ ޖެހުނެވެ. ދެއަތް ދެއަތާއި އުނގުޅަމުން ގޮސް ލިޝާ ހުއްޓުނީ ގޭ ކައިރީގައި ބަހައްޓާފައިވާ ކުދި ފުޅިތަކުގެ ކައިރީގައެވެ.

"ކޯއްޗެއް އިންދައިގެން ތިއުޅެނީ؟..." ފުޅިތަކަށް ފެން އަޅަން ހުރި ލިޝާ ފެނުމުން ކައުސަރު ސުވާލުކުރިއެވެ.

"މީ ނޭނގެ ކޮންކަހަލަ އޮށްތަކެއް ކަމެއް... ގޭ ކަބަޑުތެރޭގަ ހުރި އެއްޗެއް... އެނގިދާނެތާ ފަޅާނެ ދުވަހެއް..." ލުއި ހިނިގަނޑެއް ޖަހައިލަމުން ލިޝާ ބުންޏެވެ.

ފަހަކަށް އައިސް ލިޝާ ގިނަގިނައިން ހިނިތުންވާތަން ކައުސަރަށް ފެނެއެވެ. އެކަމާއި ކައުސަރު ނުހަނު އުފާވެއެވެ. އޭނާއަށް ހިނިތުންވެލެވުނެވެ.

"ނުފަޅައިފިއްޔާޔޯ؟..." ކައުސަރު އަހައިލިއެވެ.

"އަހަރެން ދާންވާއިރަށް ފަޅުވާނަން..." ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެ ލިޝާއަށް ބުނެވުނެވެ.

"ތަނަކަށް ދާންތަ ތިއުޅެނީ؟..." ކައުސަރު އަހައިލިއެވެ.

"އާނ... އަދި ހަނދާންނެތިފައޭ މިހުރީ... ރޭގަ ހުންނާނެ ޑޯނަޓް ހަދާފަ... ހިނގާބަލަ..." ކައުސަރުގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނުމަށް ހިނގައިގަންނަމުން ލިޝާ ބުންޏެވެ.

ޑޯނަޓް ތަށި ހިފައިގެން ލިޝާ އައިއިރުވެސް ކައުސަރަށް އިނދެވުނީ ލިޝާގެ މޫނަށް ބަލާށެވެ. ލިޝާގެ މޫނުން ކުރިން ފެނުނު އުފާވެރިކަން މިހާރު ފެންނާކަށް ނެތެވެ.

"ތިވެގެން އުޅޭގޮތް ދައްތަ ކައިރިއަކު ނުބުނާނަންތަ؟...." ކައުސަރު އަހައިލީ މަޔަކު ފަދައިންނެވެ.

ލިޝާ އޭނާގެ ދިރިއުޅުން އަނދާ އަޅިއަށްވިގޮތުގެ ވާހަކަ ކައުސަރަށް ކިޔައިދިނެވެ. އެއީ އަމިއްލަ ހަޔާތުގެ ސިއްރުތައް އޭނާ މީހަކަށް ކިޔައިދިން ފުރަތަމަ ފަހަރެވެ. ޝަފާޒުގެ ވާހަކައާއި، އަކްރަމާއި ކައިވެނިކޮށްގެން ކަންތައް ހިނގިގޮތުގެ ވާހަކައެވެ. އޭނާ ނުކިޔައިދިނީ ހަމައެކަނި އާރިޒްގެ ވާހަކައެވެ. ދެމީހުން ބައްދަލުވީގޮތެވެ. ކައުސަރު އިނީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. ލިޝާފަދަ ކެތްތެރި އަންހެންކުއްޖަކު އެނާގެ މުޅި ހަޔާތުގައިވެސް ނުދެކެއެވެ.

"އެއްގޮތަކަށްވެސް ދެރަވާނެކަމެއް ނެތް..." ލިޝާގެ ބުރަކަށީގައި ފިރުމައިލަމުން ކައުސަރު ބުނެލިއެވެ. "ދައްތައަށް ފެންނަނީ މަންމަމެންނަށް ގުޅަން... ދައްތަވެސް ވާހަކަ ދައްކާނަން... ނަންބަރު ކިޔާ..."

ވަގުތުން މަދީހާއަށް ގުޅަން ކައުސަރު ފޯނު ނެގިއެވެ. ލިޝާ ދެއްކި ވާހަކަތައް އަޑުއަހަން ބޭރުގައި ހުރި އާރިޒް ކުއްލިއަކަށް ގެއަށް ވަނެވެ. މަދީހާއަށް ގުޅުމުގެ ފުރުސަތު ލިޝާއަށް ދޭކަށް އާރިޒް ބޭނުމެއް ނުވިއެވެ. އާރިޒް ފެނުމުން ކައުސަރު އަވަސްއަވަހަށް ތެދުވިއެވެ. ލިޝާވެސް އަނެއް ފަރާތަށް އެނބުރިފައި ދެލޮލާއި މޫނު ފޮހެލިއެވެ. އާރިޒާއި ދިމާއަށް އެނބުރުނުއިރު އޭނާ އިނީ ހިނިތުންވެގެންނެވެ.

"ފަހުން އަންނާނަން އިނގޭ..." ލިޝާ ދިން ޑޯނަޓް ތަށި ހިފައިގެން ހިނގައިގަންނަމުން ކައުސަރު ބުންޏެވެ.

"މިހުރީ އާރިގެ ޑޯނަޓްސް..." ޑޯނަޓް ތަށި ދައްކައިލަމުން ލިޝާ ބުނެލިއެވެ. "މޮޅު ދޯ؟..."

އާރިޒަށް ހިންދިރުވައިލެވުނެވެ. އޭނާގެ ސަބަބުން ލިޝާއަށް ކިތައް އަނިޔާ ލިބިއްޖެ ހެއްޔެވެ؟ އަދިވެސް އާރިޒްގެ ހިތް ނުފުރެނީ ހެއްޔެވެ؟ ކިތަންމެ ދެރަވެފައި އިނދެފައިވެސް އާރިޒް ފެނުމުން ލިޝާ ހިނިތުންވެލާގޮތުން އާރިޒްގެ ހިތް ޒަހަމްކޮށްލައެވެ. ހިތް ފޮތިފޮތިވެފައިވާ ހާލުގައިވެސް ލިޝާ މަސައްކަތް ކުރަނީ އާރިޒް ދެރަނުކުރާށެވެ.

"ބުނެފީމެއްނު ތިގޮތަށް ނުހޭށޭ..." އާރިޒް ދެބުމަ ކައިރިކޮށްލިއެވެ.

ލިޝާ ތެދުވެގެން އައިސް އާރިޒްގެ އަތުގައި ހިފިއެވެ. ފިނިފިނި ދެއަތެވެ. އެންމެ ބީހިލުމަކުންވެސް އާރިޒްގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ.

"ދެން މިހެންތަ ހޭންވީ؟..." މޫނަށް ވައްތަރެއް ޖައްސައިލަމުން ލިޝާ ބުނެލީ މައުސޫމުކޮށެވެ. "ހިނގާބަ ދެން ރަހަބަލަން..."

"ކޯއްޗެއް؟..." ލިޝާގެ މޫނަށް ބަލަން ހުރި އާރިޒަށް އަހައިލެވުނެވެ.

"ޑޯނަޓެއްނު...." ލިޝާ ތުންފިއްތައިލިއެވެ. "ޑޯނަޓް ހަދާފައޭ އެހުރީ..."

ލިޝާ ދާން ހިނގައިގަތުމުން އާރިޒަށް ލިޝާގެ އަތުގައި ހިފައިލެވުނެވެ. މަޑުމަޑުން ގަޔާއި ކައިރިކޮށްލިއެވެ. ދެމީހުންގެ ދެމެދުގައި އެކަށީގެންވާ ހުސްޖާގައެއް އޮތް ނަމަވެސް އެކަކު އަނެކަކުގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން..." ލިޝާގެ މޫނަށް ބަލަން ހުރެފައި އާރިޒް ބުނެލިއެވެ.

"ވެއިޓް..." ލިޝާ ކުއްލިއަކަށް އާރިޒްގެ ވާހަކަ ހުއްޓުވިއެވެ. "ގެސް ކުރަންތަ؟... ލިޝްއަށް އެނގޭ ކީކޭކަން ބުނަން ތިއުޅެނީ..."

އާރިޒްގެ ހިތް ތެޅިގަތެވެ. ލިޝާއަށް ހަގީގަތް އެނގެނީ ހެއްޔެވެ؟ ގަސްދުގައި އާރިޒް ތަޅުވަނީ ހެއްޔެވެ؟ މައުސޫމުކަމަކީ ފަރުދާގެ ކުރިމަތީގައި ލިޝާ ގެންގުޅޭ މޮޅު އުކުޅެއް ހެއްޔެވެ؟

"ތިއުޅެނީ ޖޮބެއް ލިބުނު ވާހަކަ ބުނާކަށްނު..." ލިޝާ ވަރަށް އުފާވެލާފައި ބުނެލިއެވެ.

"އޭނ؟..." އާރިޒް ހައިރާންވިއެވެ. ލިޝާ ދެއްކީ މުޅީން އެހެން ވާހަކައެކެވެ. އޭނާ ހައިރާންވީ، ލިޝާ އެހެން ބުނީ ކީއްވެ ކަމެއް ނޭނގޭތީއެވެ.

"ކުރީދުވަހު ޕޯސްޓުން އައި އެއްޗެއް ކަނޑާލިއިރު އޭގަ އޮތީ ކޯޓަކާ ފަޓުލޫނަކާ..." ލިޝާ ވީގޮތް ބުނެދިނެވެ.

ހައިރާންވެފައި އާރިޒް ހުއްޓާ، ލިޝާ އަނެއްކާވެސް އާރިޒްގެ އަތުގައި ހިފިއެވެ. އާރިޒް ގެންގޮސް ގޮނޑީގައި ބޭންދިއެވެ.

"އިސްވެ ބުނަންދެނޭ މިހުރީ..." އަލަމާރިން ކޮތަޅެއް ނަގައިގެން އައިސް އާރިޒްގެ ކުރިމަތީގައި ހުއްޓެމުން ލިޝާ ބުންޏެވެ. "ޖޮބަށް ދާން ވަރަށް މަސައްކަތް ކުރަންޖެހޭ... ފުރަތަމަ ކަމަކީ ތުނބުޅި ބޭލުން..."

ލިޝާ ރޭޒަރާއި ތުނބުޅި ބާލަން ބޭނުންކުރާނެ ސާމާނު ނެގިއެވެ. ކޯޓު ފަޓުލޫނު ފެނުނީއްސުރެ ލިޝާ ހުރީ އެކަމަށް ތައްޔާރުވެ އެއްޗެހިވެސް ހޯދައިގެންނެވެ.

"އޯކޭދޯ ތުނބުޅި ބޭލިޔަސް... ޕްލީޒް..." އަކުރުތަކަށް ދަމާލަމުން ލިޝާ ބުންޏެވެ.

އާރިޒް އެއްޗެއް ނުބުނެއެވެ. އެކުއްޖާގެ މައުސޫމުކަމުން އެދޭ އެދުމަކަށް ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ލިޝާގެ މަސައްކަތް ނިމެންދެންވެސް އޭނާއަށް އިނދެވުނީ ކަޅި ޖަހާވެސް ނުލައި އެ އަންހެންކުއްޖާއަށް ބަލާށެވެ. އަޅާލުމާއި އޯގާތެރިކަމަކީ ލިޝާގެ ގައިގައި ހަރުލާފައިވާ އެންމެ ރަނގަޅު ސިފައެވެ. އާރިޒަށް އެންމެ ކަމުދާ ސިފަވެސް މެއެވެ.

"ނިމުނީ..." ލޯގަނޑުން އާރިޒްގެ މޫނު ދައްކައިލަމުން ލިޝާ ބުންޏެވެ. "މިހާރު ހާދަ ހޭންޑްސަމްއޭ..."

އަމިއްލަ މީހާއަށް އައިސްފައި ހުރި ބަދަލު ހުދު އާރިޒަށްވެސް ނޭނގުނެވެ. އޭނާއަށް ބަލަން އިނދެވުނެވެ. އެ ހުރިހާ ދުވަހު ތުނބުޅި ދިގުކޮށްގެން އޭނާ އުޅުނީ އެގޮތް ފަސޭހަވެގެނެއް ނޫނެވެ. އަމިއްލަ ނަފުސާއިމެދު މާބޮޑު ފަރުވާލެއް ނުބަހައްޓަންވެގެނެވެ. އެކަމަކު މިއަދު އަމިއްލަ ނަފުސުގެ މުހިއްމުކަން އޭނާއަށް ވިސްނެން ފަށައިފިއެވެ. ފޫހިވެފައިވާ ދިރިއުޅުންދެކެ ލޯބިވާން ފަށައިފިއެވެ. އެ ހުރިހާ ކަމަކަށް އެހީވާ މީހަކީ ލިޝާއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު