ވާނަން އެކުގައި... 13

ލިޝާގެ ހަބަރެއްނުވެ ފާއިތުވާ ކޮންމެ ދުވަހެއް މަދީހާގެ ހިތް މަރާލައެވެ. އުއްމީދުގެ ވާފަށް ހަނިވަމުން ދިޔައެވެ. ކައިވެނީގެ ފަހު ދުވަހާއި ޖެހެންދެންވެސް މަދީހާއާއި ވާހަކައެއް ދެއްކޭތޯ ލިޝާ މަސައްކަތް ކުރި ހަނދާން އޭނާ ވިއެވެ. ކައިވެނި ހުއްޓުވައިދިނުމަށް އެ ދަރިފުޅުގެ ދެލޯ އެދުނީ ކިތައް ފަހަރު ހެއްޔެވެ؟ އެ ހުރިހާ ކަމެއް ނުފެންނަ ކަމަށް ހަދައިގެން ހުރެވުނު ހަނދާންވުމުން މަދީހާގެ ހިތް ކުދިކުދިވިއެވެ. އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ.

********

ހަނދުވަރުދޭ ރީތި ރެއެކެވެ. ރަށުގެ ހިތްގައިމު ދޮންވެލި ފަސްގަނޑު ހިމެނޭހެން ހަދާފައިވާ ބްލޫ ލައިޓް ރެސްޓޯރެންޓްގައި މީހުން މަދު ވަގުތެކެވެ. މާހައުލު ހަމަހިމޭނެވެ. އަތިރިމަތީގެ ހުދު ފަސްގަނޑުގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގައި ސުމާ އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ އަތިރިމައްޗަށް މަޑުމަޑުން ބީއްސަމުންދިޔަ ރާޅުތަކަށެވެ. ހިތްގައިމު މިޔުޒިކެއް ފަދައިން ރާޅު ބީއްސައިލާ އަޑު ސުމާގެ ކަންފަތަށް އިވިއިވި ހުއްޓެވެ. އެތައް ހިޔާލަކާއި ފިކުރެއް ސުމާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ހަނދުވަރުގެ އަލި ފިޔަވައި އިތުރު އަލިކަމަކަށް ތަނުގައިވީ، ސުމާ އިން މޭޒުމަތީގައި ބަހައްޓާފައިވާ ކުޑަ ފުޅިބައްތިން ތަނަށް އެޅިފައިވާ އޮރެންޖުކުލައިގެ ފަނޑު އަލިކަމެވެ.

"ހާއި..." ޝަފާޒުގެ އަޑު އައީ ސުމާގެ ފުރަގަހުންނެވެ.

"ހާއި..." ޝަފާޒު ފެނުމުން ސުމާ ހިނިތުންވެލިއެވެ. "ހާދަ ލަސްވީ..."

"ވަރަށް ގިނައިރުވެއްޖެތަ މިތާ އިންނަތާ؟..." ކުށްވެރިވެފައިވާ ރާގަކަށް ޝަފާޒް އަހައިލިއެވެ. "ނައްޓާލިތަނާ ސައިކު ހުއްޓިގެން ހިނގާފަ މިއައީ..."

ޝަފާޒް ގޮނޑީގައި އިށީނެވެ. ވޭޓަރަކަށް އަތުން ހަނާއަޅައިލިއެވެ.

"ހަރީރައްތަ މިހާރު ކިހިނެއް؟..." ސުމާ އެހީ ޝަފާޒުގެ މަންމަގެ ވާހަކައެވެ.

"އެކަހަލަ ގޮތެއް... މުޅިއަކުން ރަނގަޅެއްވެސް ނުވޭ..." ޝަފާޒް ދޫކޮށްލީ ފުން ނޭވާއެކެވެ.

"ރަނގަޅުވާނެ އިންޝާﷲ ..." ސުމާ ހިނިތުންވެލިއެވެ.

"ކޯއްޗަކަށް އޯޑަރު ދޭނީ؟..." ވޭޓަރު އައުމުން ޝަފާޒު މެނޫއަށް ބަލަން ފެށިއެވެ. "ދީބަލަ ލަވާޒާ ބްލެކެއް..."

"ނެސްކެފޭ މިލްކް..." ސުމާ ބުނެލިއެވެ.

"ކީއްވެ ކުއްލިއަކަށް މިތަނަށް އަންނަން ބުނީ؟..." ވޭޓަރު ދިޔުމުން ޝަފާޒްގެ ފުރިހަމަ ސަމާލުކަން ސުމާއަށް ހުއްޓައިލިއެވެ.

"އަހަރެން ވިސްނައިފިން އިންޑިޔާއަށް ދާން... ލިޝް އެކަނި އެތަނަށް ދޫކޮށެއް ނުލެވޭނެ..." ޝަފާޒާއި ބައްދަލުކުރި މައިގަނޑު ބޭނުމުގެ ވާހަކަ ސުމާ ބުނެލިއެވެ. "ޝަފް އަހަންނާއެކީ ދާންވީނު... ދެވޭނެތަ؟..."

ލިޝާގެ ހަބަރެއް ނުވެގެން އެންމެ ކަންބޮޑުވާ އެކަކީ ޝަފާޒެވެ. އެކަން ސުމާއަށް އެނގެއެވެ. އޭނާގެ ހުށަހެޅުމަށް ޝަފާޒް ނޫނެކޭ ނުބުނާނެ ކަންވެސް ސުމާއަށް ޔަގީންވިއެވެ.

"އެކޮޅަށް ގޮސްގެން ވަކި ކިހިނެއް ހޯދާނީ؟..." ޝަފާޒު އަހައިލިއެވެ. "ލިޝް ދިޔަ ހިސާބެއް ނޫނީ ހުރި ތަނެއް އެނގޭތަ؟..."

"އަހަރެމެންނަށް ލައްކަ ދުވަހު މިހެން ތިބެވިއްޖެއެއްނު... ފުލުހުންނަކަށް އެކަމެއް ނުވި... ދެން މިޖެހުނީ އަހަރެމެންނާ..." ސުމާގެ މޫނުން ފެނުނީ އައު ޖޯޝެކެވެ. "އަހަރެން ވަރަށް މައުލޫމާތު ހޯދައިފިން... ލިޝް ހުރި ތަނުގެ ފޮޓޯއެއް އަހަރެންގެ އަތުގަ އެބައޮތް..."

ސުމާ އޭނާގެ ފޯނުން ޝަފާޒަށް ތަސްވީރެއް ދެއްކިއެވެ. އެއީ ލިޝާ އޭނާއަށް ފޮނުވާފައިވާ ތަސްވީރެކެވެ.

"ޕިންކްވިލާ...." އިމާރާތުގެ ބޭރުގައި ޖަހާފައިވާ ނަންބޯޑު ކިޔައިލި ޝަފާޒުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ގޫގުލްކޮށްލީމަ ލޮކޭޝަން ލިބިއްޖެ..." އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވާކަން ދައްކައިލަމުން ސުމާ ބުނެލިއެވެ.

"ގުޑް ވޯކް..." ސުމާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ޝަފާޒް ބުންޏެވެ.

ޝަފާޒްގެ އެ އަމަލުން ސުމާއަށް ސިހުމެއް ލިބުނެވެ. ޝަފާޒަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. އެފަދަ ގާތްކަމެއް އޭނާއަށް ޝަފާޒްގެ ފަރާތުން އިހުސާސްކުރެވުނު އެއީ ފުރަތަމަ ފަހަރެވެ. ޝަފާޒަކީ އަބަދުވެސް އަންހެންކުދިންނާއި ހާއްސަ ދުރުމިނެއް ބަހައްޓާ މީހެކެވެ. ކިތަންމެ އެކުވެރިކޮށް އުޅުނަސް އޭނާ ހުންނާނީ އަމިއްލަ އިމުގެ ތެރޭގައެވެ. ލިޝާ ފިޔަވާ އިތުރު އަންހެންކުއްޖަކާއި ދިމާއަށް އިތުރު ނަޒަރަކުން ބަލައިވެސް ނުލައެވެ. ސުމާއަށް ހިނިތުންވެލެވުނީ ކީއްވެކަމެއް ނޭނގުނެވެ.

"ލިޝް... ހަމަ ކުޑަ ދުވަސްކޮޅަކަށް ހިތްވަރުކޮށްލަދީ... އަހަރެން މިދަނީ ލިޝް ބަލާ... ލިޝް އެންމެ ލޯބިވާ މީހާވެސް ގޮވައިގެން..." ހިތާއިހިތުން ވާހަކަ ދައްކަމުން ދިޔައިރު، ސުމާގެ އުއްމީދު ވަނީ އައުވެފައެވެ.

********

އާރިޒް އައިސް ގެއަށް ވަންއިރު، ލިޝާ އިނީ ބޮޑު ތައްޓެއްގައި އެއްޗެއް މޮޑޭށެވެ. ލިޝާގެ މޫނާއި ހެދުމުގައި ފުށް ހޭކިފައި ހުއްޓެވެ. ހާމައަށް ދޫކޮށްލާފައި އޮތް އިސްތަށިގަނޑު މޫނަށް ގޯނާކުރާތީ އުނދަގޫވެގެން ދެކޮނޑު އަރުވައިލައެވެ. ކޮނޑުގެ އެހީގައި އިސްތަށިގަނޑު ރަނގަޅުކޮށްލެވޭތޯ އުޅުނެވެ. ކޮންމެ ސިފައެއްގައި ލިޝާ ހުއްޓަސް، އާރިޒަށް އެކުއްޖާ ފެންނަނީ މައުސޫމު ކުޑަ ކުއްޖެއް ފަދައިންނެވެ. ނުހަނު ލޯތްބެވެ. ހިތާއިހިތުން ތައުރީފު ކުރެވެއެވެ.

"ހެލްޕް މީ..." އާރިޒް ފެނުމުން ލިޝާ ގޮވައިލިއެވެ. ބޮލުގެ އިސްތަށިގަނޑު އައްސާލަދޭން އެދުނެވެ.

"އޭނ؟..." އާރިޒް ހުރީ ގަބޫލުނުކުރެވިފައެވެ. ލިޝާ އެފަދަ ކަމެއް އާރިޒް ލައްވާ ކުރުވުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އޭނާ އިމްތިހާނުކުރުން ހެއްޔެވެ؟

"އެއޮތީ ވޫލުކޮޅު..." ގޮނޑިއަށް އިޝާރާތް ކުރަމުން ލިޝާ ބުންޏެވެ.

އާރިޒް ވޫލުކޮޅު ހިފައިގެން އައިސް ލިޝާގެ ފުރަގަހުގައި ހުއްޓިލިއެވެ. ގަދަކަމުން ދެއަތް އުފުލައިލިއެވެ. އާރިޒްގެ ހަބަރެއްނުވެ ގިނައިރުވެގެން ލިޝާ މޫނު މައްޗަށް އުފުލާލަމުން ފަހަތުގައި ހުރި އާރިޒްގެ މޫނަށް ބަލައިލިއެވެ. ވަގުތަކީ އިސްތަށިގަނޑު އެއްސުމަށް އާރިޒް ކުޑަކޮށް ގުދުވެލި ވަގުތެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކެއްގެ މޫނަށް ހުއްޓުނީ ނުހަނު ކައިރިންނެވެ.

"ސޮރީ އިނގޭ... އަތް ހަޑިކޮށް އޮތީމަ..." ލިޝާ ތުން ފިއްތައިލިއެވެ.

"އޭނ؟...." އާރިޒަށް ބުނެވުނެވެ.

އާރިޒްގެ މޮޔަކަމަށް މަލާމާތް ކުރަމުން ލިޝާ ލުއި ހިނިގަނޑެއް ޖަހައިލިއެވެ. ލިޝާ ހޭ އަޑު އާރިޒަށް އިވުނު އެއީ ފުރަތަމަ ފަހަރެވެ. ހީލާއިރު ހިތް ހަލާކުކޮށްލާފަދަ ޖާދޫއެއް އެ އަޑުގައި ވިއެވެ. އާރިޒްގެ ހަރަކާތް ހުއްޓުނެވެ. ފިނިވެގެން ލިޝާގެ ކުޑަކުޑަ ނޭފަތާއި ދެކޯތާފަތުގައި މަޑު ރަތްކަމެއްވާއިރު، ތުންފިއްތާލިލެއް ލޯބިކަމުން އާރިޒްގެ ހިތަށް ޒަލްޒަލާއެއް ގެނުވިއެވެ. އެއްވެސް މޭކަޕެއްގައި ނުވާ އިރުވެސް ލިޝާ ރީއްޗެވެ. ތުންފަތް ހުންނަނީ މަޑު ފިޔާތޮށި ކުލައެއްގައެވެ. މޫނާއި ތުންފަތްވެސް އޮމާނެވެ. އެފަދަ ރީތި އަންހެންކުއްޖެއްގެ މޫނުން ކޮންމެ ގުނަވަނެއްގައި ފިރުމާލަން ހިތް ނޭދޭނީ ކޮން ފިރިހެނެއް ހެއްޔެވެ؟ ހިއްސުތައް ހަމައަށް ހުރި ހަމަ ކޮންމެ މީހަކުވެސް އެފަދަ ބީހިލުމަކަށް ބޭނުންވާނެއެވެ. އާރިޒްގެ މޫނަށް ވެރިވި އަސަރުތައް ލިޝާއަށް ނުފެނުނީ، ބުނަން ބޭނުންވި ވާހަކަތައް ބުނެފައި އޭނާ އިސްތިރިކޮށްލުމުންނެވެ.

އާރިޒް މަޑުމަޑުން ލިޝާގެ އިސްތަށިގަނޑުގައި ދެއަތުން ހިފެހެއްޓިއެވެ. އިސްތަށިގަނޑު ކުޑަކޮށް މައްޗަށް އުފުލާލުމަށްފަހު ވޫލުކޮޅު އައްސަން ފެށިއެވެ. ހާމަވެގެންދިޔަ ލިޝާގެ އޮމާން ކަނދުރާ ނޫން ތަނަކަށް އާރިޒަކަށް ނުބެލުނެވެ. ނުބަލަން އުޅުނަސް އާރިޒްގެ ދެލޯ އޭނާގެ އަމުރަށް ކިޔަމަނެއް ނުވެއެވެ. ލިޝާއަކީ އާރިޒްގެ ހައްގަކަށް ހެދުމަށް ހިތް ގޮވަން ފެށިއެވެ. ވޫލުކޮޅު އައްސާ ނިމުނުއިރު އާރިޒްގެ އިހުސާސްތައް ކޮޅުންލާން ކައިރިވަނީއެވެ. ފުން ނޭވާތަކެއްލަމުން އަމިއްލަ ނަފުސު ހަމައަކަށް އެޅުވޭތޯ އޭނާ މަސައްކަތްކުރިއެވެ.

"ތޭންކޫ..." އާރިޒް ކުޑަކޮށް ދުރަށްޖެހިލުމުން، ކުރިއަށްވުރެ މައުސޫމުކޮށް ލިޝާ ބުނެލިއެވެ.

އާރިޒް އެއްޗެއް ނުބުނެ ގެއިން ނުކުންނަން ހިނގައިގަތެވެ. އަމިއްލަ ނަފުސުގެ މައްޗަށް ޝައިތާނާ ގަދަވެގަންނަން ފުރުސަތު ދޭކަށް އާރިޒް ބޭނުމެއް ނުވިއެވެ. ލިޝާގެ ކުރިމަތީގައި އާރިޒްގެ އިހުސާސްތައް ކޮޅުންލަނީ އޭނާ ބިރުގަންނަ ދަރަޖައަށެވެ. އެންމެ ރަނގަޅުގޮތަކީ ލިޝާގެ ނަޒަރުން ދުރަށް ދިޔުމެވެ.

"ދަނީތަ؟..." ލިޝާ އަވަސް އަވަހަށް އަހައިލިއެވެ. "ދެންމެއެއްނު ތިއައީ..."

"ނުދާންވީތަ؟..." ދާކަށް އާރިޒްވެސް ބޭނުމެއް ނުވެއެވެ.

"ކައުސަރު ދައްތަ ކިޔައިދިން ރެސިޕީއަކަށް ޑޯނަޓް ހަދަންވެގެން މިއުޅެނީ.... ހިނގާބަލަ މި ފުށްގަނޑުން ޑޯނަޓް ހެދޭތޯ ދެމީހުން ޓްރައިކުރަން..." ލިޝާ އެދުނެވެ. "މާ ގިނައިން ކަންނޭނގެ މި ފުށް މޮޑެވުނީ.... މިހާރު ކުޑަކޮށް ތަތްކަން ފިލައިފި..."

އާރިޒް އަތްދޮވެލައިގެން އައުމުން ފުށްގަނޑު މޮޑެން އެހީވާން ލިޝާ އެދުނެވެ. އާރިޒް ދެކޮޅެއް ނުހަދައެވެ. ދެމީހުންގެ އަތް އެކަކު އަނެކެއްގެ އަތުގައި ބީހިލިއެވެ. އެއީ އާރިޒްގެ ހިތް އެދުނުގޮތެވެ.

"މަޑު ދޯ؟..." ލިޝާ އަހައިލިއެވެ.

"އޭނ؟..." އާރިޒް ހީކުރީ ލިޝާގެ އަތުގެ ވާހަކަ އެހީ ކަމަށެވެ.

"ފުށްގަނޑު..." ލިޝާ ދެލޮލުގެ އިޝާރާތުން ފުށްގަނޑު ދައްކައިލިއެވެ.

ލިޝާގެ މޫނުން މާ ބޮޑު އަސަރެއް ނުފެނުނަސް، އާރިޒަށް އެތައް ގޮތެއް ވިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އާރިޒް ކުއްލިއަކަށް ފުށްގަނޑާއިއެކު، ލިޝާގެ އަތުގައި ހިފެހެއްޓިއެވެ. އަތަށް ފިތައިލިއެވެ.

"ތީ ލިޝްގެ އަތޭ..." ލިޝާ ހީގަތެވެ.

ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓުނެވެ. އާރިޒް ލިޝާއަށް ބެލީ، ބޭބެއަކު ކޮއްކޮއަކަށް ބަލާފަދަ ނަޒަރަކުން ނޫނެވެ. އެކަން ނޭނގޭހާ ލިޝާ މޮޔައެއް ނޫނެވެ. ލިޝާގެ ހިނިތުންވުން ގެއްލުނެވެ. އާރިޒްގެ ހިތުގައި އޮތް އެއްޗެއް އޭނާއަށް ފެނުނު ކަހަލައެވެ. އާރިޒްގެ ދެލޮލަށް ގެއްލިފައި އޭނާ ހުއްޓާ، އާރިޒް ލިޝާއާއި ގާތަށް ޖެހިލިއެވެ. ރީތިކޮށް އޮތް އަތުން ލިޝާގެ މޫނާއި ނޭފަތުގައި ހޭކިފައި ހުރި ފުށްތައް ފޮހެލަދިނެވެ. ނުހަނު ލޯބިންނެވެ. އެއަށްފަހު ކޯތާފަތުގައި ފިރުމައިލިއެވެ. މަޑުމަޑުން އަތް ތިރިއަށް ގެނެސް ލިޝާގެ ތުންފަތުގައި ބޮޑުވައި އިނގިލިން ފިރުމައިލިއެވެ. ލިޝާ ހުރީ ކަޅި ޖަހާލަންވެސް ނޭނގިފައެވެ. އާރިޒްގެ އެ އަމަލުން އޭނާގެ ނޭވާ އަވަސްކުރުވިއެވެ. ހިތުވިންދު އަވަސްވިއެވެ. ދެމީހުންގެ ނަޒަރު ވަނީ އެކަކު އަނެކަކަށް ހުއްޓިފައެވެ. ވާހަކަތައް ބަދަލުކުރެވެމުންދިޔައީ ނަޒަރުންނެވެ.

އާރިޒްގެ ފޯނު ރިންގްވާން ފެށިއެވެ. އޭނާއަށް ހަމަހޭވެރިކަންވީ ދެނެވެ. އަވަސް އަވަހަށް ލިޝާއާއި ދުރަށްޖެހިލާފައި ފޯނު ނެގިއެވެ. އިސްކްރީނަށް އަރާފައި އޮތީ އޭނާގެ ބައްޕަގެ ނަމެވެ. ލިޝާއަށް އަވަސް ނަޒަރެއް ދީފައި އާރިޒް އަވަހަށް ބޭރަށް ނުކުތެވެ.

ފުށްތަކާއިއެކު ލިޝާއަށް އޭނާގެ މޭގައި އަތް ޖައްސައިލެވުނެވެ. ގޮނޑިއަށް ތިރިވިއިރުވެސް އޭނާގެ ނޭވާ ހަމައަކަށް ނޭޅެއެވެ. އާރިޒްގެ މޫނުން ފެނުނު އަސަރުތައް ލިޝާއަށް ސިފަވަނީއެވެ. އެއީ ލޯބި ނޫން އެހެން ކޯއްޗެއް ހެއްޔެވެ؟ އެ އަސަރުތައް ކުރިން އޭނާއަށް ޝަފާޒުގެ މޫނުންވެސް ފެނިފައިވެއެވެ. އެހެނަސް ތަފާތަކީ، އެހާ ގާތުން އާރިޒް ފެނުމުން އެ ކުރެވޭ އިހުސާސް އޭނާއަށް ޝަފާޒުގެ ފަރާތުން އިހުސާސްކުރެވިފައި ނުވާކަމެވެ.

"މީ ކޮންކަމެއް؟... އަހަރެން މޮޔަވަނީތަ؟.... އެއީ އަހަރެންގެ ބޭބެ... އަހަރެން މިހެން ދެކިގެން ނުވާނެ..." ލިޝާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

އަމިއްލަ ނަފުސު ހަމައަކަށް އެޅުވުމަށް އެކަނި އިނދެ ވާހަކަ ދެއްކިޔަސް، އޭނާއަށް އާރިޒާއިމެދު ތަފާތު ގޮތަކަށް ދެކެވެން ފެށިއެވެ. އެއީ އާއިލީ ގުޅުމެއް ނުވަތަ އެކުވެރިކަމެއް ނޫނެވެ.

"ލައްބަ ބައްޕާ..." ފޯނު ކަންފަތުގައި ޖަހަމުން އާރިޒް ބުނެލިއެވެ.

"ގެއަށް އައިސްބަލަ..." އީސަގެ އަޑުގައި ހަރުކަށިގޮތެއް ހުއްޓެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު