ވާނަން އެކުގައި... 12

ލިޝާ ގެއަށް އައީ ގެއިން އާރިޒް ފެނިދާނެކަމަށް ވިސްނައިގެނެއް ނޫނެވެ. އަކްރަމާއި ބައްދަލުވެ ހިނގި ހާދިސާއާއި ގުޅިގެން ލިޝާގެ މޫނުމަތި ވަނީ މިލާފައެވެ. ވަރުބަލިކަން ފެންނަމުންދިޔަ މޫނުން ދޭހަކޮށްދިނީ އަރާމަކަށް ބޭނުންވެފައިވާ ވަރެވެ. އާރިޒް ކާމޭޒު ކައިރީގައި އިންދާ ފެނުމުން ލިޝާއަށް ހިނިތުންވެލެވުނެވެ. ވެފައިވާ ވަރުބަލިކަން ފިލައިދިޔަހެން ހީވިއެވެ. ދަބަސް އެނދުމަތީގައި ބާއްވާފައި އަވަސް އަވަހަށް އައިސް އާރިޒަށް ޖޫސްތައްޓެއް ގިރައިދިނެވެ.

********

"ކުކުޅުކޮޅު ހޫނުކޮށްލަދެންތަ؟... އޭރުން މީރުވާނީ..." އޯގާތެރި ރާގަކަށް ލިޝާ އަހައިލިއެވެ.

އާރިޒް އިނީ އަޖައިބުވެފައެވެ. މުޅި ދުވަހު ބުރަ މަސައްކަތުގައި އުޅެފައި އައިސް، އަމިއްލަ ބަނޑުހައި ހޫނުކަން ފިލުވުމުގެ ބަދަލުގައި ލިޝާ އުޅެނީ އާރިޒަށް ކާންދޭށެވެ. ހިނިތުންވެގެން ހުއްޓަސް، ލިޝާގެ އިހުސާސްތައް އެވަގުތު ހުންނާނެގޮތް އާރިޒަށް އެނގުނީ އަކްރަމް އަނިޔާކުރި މަންޒަރު ފެނުނީމައެވެ. ކައުސަރުގެ ގައިގައި ބައްދާލައިގެން ހުރެ ލިޝާ ރުއި މަންޒަރު އާރިޒްގެ ލޮލަށް ސިފަވިއެވެ. އެކަމަކު، އާރިޒްގެ ކުރިމަތީގައި ލިޝާ އަކީ އުފަލުން ފޮޅިފައި ހުންނަ މަލެއް ފަދައެވެ. އާރިޒްގެ ހިތުގައި ޝަކުވާ އުފެދުނީ އޭނާގެ ކުރިމަތީގައި ލިޝާ އަމިއްލަ އިހުސާސްތައް ފޮރުވާތީއެވެ. އަކްރަމްގެ އަނިޔާއިން ލިޝާގެ ހަށިގަނޑު ޒަހަމުވާނޭކަން އާރިޒަށް ކަށަވަރެވެ.

އެތެރެއިން އާރިޒްގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އެފަދަ ނާޒުކު އަންހެންކުއްޖަކަށް އަކްރަމް އަނިޔާ ކުރީތީއެވެ. އަކްރަމަކީ ނުބައިކަން ހައްދުފަހަނަ އަޅާފައިވާ މީހެކެވެ. ޖާހިލުކަން ބޮޑެވެ. އެއީ ކުރިން އާރިޒް ވިސްނާނުލި ކަމެކެވެ. ބަދަލުހިފުމުގެ ރޫހު ހިތުގައި އޮތްލެއް ބޮޑުކަމުން، އެހެން ކަމަކާއި ވިސްނާލަން އޭރު އޭނާ ބޭނުންވެސް ނުވީއެވެ. އަކްރަމްގެ ހަޔާތަށް ލިޝާ ގެންދިޔުމުގެ ފަހަތުގައި ހުރީ އާރިޒެވެ. އެކަމަކު މިއަދު އެކަމާ އާރިޒް އުފަލެއް ނުވެއެވެ. ބަދަލުހިފުމުގެ ރޫހު ހިތުން ފިލައިގެން ނުދިޔަކަމުގައިވިޔަސް މެއެވެ. ލިޝާގެ ހަށިގަނޑަށް އަކްރަމް ދިން ކޮންމެ އަނިޔާއެއްގެ ބަދަލު އޭނާ އަކްރަމަށް ދޭނެއެވެ.

"ވަރަށް އަވަހަށް ހޫނުކޮށްލާފަ ދޭނަން..." ލިޝާ ތަށި ނަގަން އުޅުނެވެ.

އާރިޒް ލިޝާގެ އަތުގައި ހިފެހެއްޓިއެވެ. ދަމާފައި ގެންގޮސް ފާރުގައި ޖެއްސިއެވެ. ލިޝާ ހުރީ ދެލޯ ބޮޑުވެފައެވެ. ކުއްލިއަކަށް އާރިޒް ކަންތައް ކުރި ގޮތުން ނަގަންވީ މާނައެއް ނޭނގުނެވެ. ޖެހިލުންވިއެވެ. އެކަމަކު ދުރަށްޖެހޭކަށް ނޭނގުނެވެ. އާރިޒްގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ. ކަޅުކަންގަދަ ދެބުމަ ވަނީ ގޮށްޖެހިފައެވެ.

"ތީ އެއްވެސް އެއްޗެއް ނުވިސްނޭ ކުއްޖެއްތަ؟.... އޭނ؟..." އާރިޒްގެ ބަރު އަޑުގައި ވަނީ ނުރުހުމެވެ.

"ސޮރީ..." ކުރެވުނީ ކޮން ކުށެއްކަން ނޭނގޭ ހާލު، ރޮވިފައި ލިޝާ ބުންޏެވެ.

"ފޯ ވަޓް؟..." އާރިޒް ކުރިއަށްވުރެ ބޮޑަށް ލިޝާއާއި ގާތަށް ޖެހުނެވެ.

އާރިޒް ފުންކޮށް ލަމުންދިޔަ ނޭވާގެ އަސަރު ލިޝާއަށް އިހުސާސްކުރެވެމުން ދިޔައެވެ. ދެމީހުން ތިބީ އެކަކު އަނެކަކާއި ނުހަނު ކައިރީގައެވެ. އެ ގައިގޯޅިކަން ދެ ހިތުގައި އެހެން އިހުސާސެއް އުފައްދަމުން ދިޔައެވެ.

"ކުކުޅުކޮޅު..." ދެލޯ ބޮޑުކޮށްލައިގެން ހުރެ ލިޝާއަށް ބުނެވުނީ އެހިސާބަށެވެ.

އާރިޒް ލިޝާގެ އަތުގައި ހިފެހެއްޓިއެވެ. އަތް މައްޗަށް އުފުލާލައި ފާރުގައި ޖެއްސިއެވެ. އެފަހަރުވެސް ލިޝާ ސިހުނެވެ. އެކަމަކު ދިފާއުގައި އެއްވެސްކަމެއް ނުކުރެއެވެ.

"އަމިއްލަ ހަށިގަނޑުގަ ޒަހަމެއް ހުރިކަން ނޭނގޭވަރުގެ ކުޑަ ކުއްޖެއްތަ މީ؟..." ލިޝާގެ އުޅަނބޮއްޓާއި ދިމާއިން މަށައިގެން ގޮސްފައިވާ ޒަހަމަށް ބަލައިލަމުން އާރިޒް ބުންޏެވެ. ޒަހަމު އާރިޒް ހީކުރި ވަރަށްވުރެ ބޮޑެވެ.

"މިތަނުން ގުޑިވެސް ނުލާތި!..." ލިޝާއާއި ދުރަށްޖެހިލަމުން އާރިޒް ބުނެލިއެވެ.

އާރިޒް ބޭސްފޮށި ހިފައިގެން އައި އިރުވެސް ކުޑަ ކުއްޖަކަށް އަދަބެއް ދީފައި ހުރި ފަދައިން ލިޝާ ގުޑިވެސް ނުލައި ހުއްޓެވެ. އަތްވެސް އާރިޒް އުފުލިގޮތަށް މައްޗަށް ހިއްލައިގެންނެވެ. ނުތަނަވަސްކަމުގެ ތެރެއިންވެސް އާރިޒަށް ހެވުނެވެ. ކޮންފަދަ މައުސޫމުކަމެއް ލިބިފައިވާ އަންހެންކުއްޖެއް ހެއްޔެވެ؟ މުޅީންވެސް އޭނާއަށް ފެންނަނީ ލިޝާގެ އެފަދަ ލޯބި ސިފަތަކެވެ. އެފަދަ އަންހެންކުއްޖަކަށް އޭނާ އަނިޔާއެއް ދޭނީ ކިހިނެއް ހެއްޔެވެ؟ ލިޝާ ކުރާ ކޮންމެ ކަމެއް އާރިޒަށް ކަމުދަނީވެސް އަޖައިބެއްފަދަ ގޮތަކަށެވެ. ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް، ލިޝާގެ ސަބަބުން އޭނާގެ ރުޅި ފިނިވެއެވެ. ނުތަނަވަސްކަން ފިލައިދެއެވެ.

ލިޝާގެ ކުރިމައްޗަށް އެރުމުގެ ކުރިން އާރިޒް އަނެއްކާވެސް ދެބުމަ ގޮށްޖަހައިލިއެވެ. ރުޅިއައިސްފައި ހުރިކަން ދެއްކުމުގެ ގޮތުންނެވެ. އެނޫންގޮތަކަށް ލިޝާ އޭނާގެ އަމިއްލަ ނަފުސާއިމެދު ނުވިސްނާނެކަން އެނގޭތީއެވެ.

އާރިޒް ގެނައި ފޮށިން ކަފަކޮޅެއް ނަގައިގެން ލިޝާގެ އަތުގައިވާ ޒަހަމު ސާފުކުރަން ފެށިއެވެ. އަމިއްލަ އެއްވެސް ކަމަކަށް ލިޝާ ސަމާލުކަމެއް ނުދޭއިރު، އާރިޒްގެ ކުދިކުދި ކަންކަމަށް ސަމާލުކަން ދެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ހަދައިލަނީ ނުހަނު ފަސޭހައިންނެވެ.

ލިޝާއަށް ހުރެވުނީ ކަޅި ޖަހާވެސްނުލައި އާރިޒަށް ބަލާށެވެ. އެ ހޫނު ނޭވާގެ އަސަރުން އޭނާގެ ފިނިވެފައިވާ ހަށިގަނޑަށް އަރާމުކަމެއް އިހުސާސްވިއެވެ. އެ ގާތްކަމަށް ހިތް އެދެވުނެވެ. ކަންބޮޑުވެފައިވާ އާރިޒްގެ މޫނުން ފެނުނު އަސަރުތަކުން ފުރަތަމަ ގޯސް މާނައެއް ނެގުނަސް ލިޝާގެ ހިތަށް ފިނިކަން ލިބުނެވެ. އާރިޒް ހުރީ ރުޅި އައިސްފައި ނޫންކަން އެނގުނެވެ. ލިޝާ އުފާވީ އޭނާއަށްޓަކައި އާރިޒްގެ މޫނުން ހާސްކަން ފެނުނީމައެވެ. އެއީ އޯގާތެރިކަމެވެ. އާރިޒްގެ އެސިފަދެކެ އޭނާއަށް ގަޔާވެވުނެވެ. ދެބުމަ ގޮށްޖަހާލައިގެން ހުންނައިރު ކަޅި ޖަހާނުލައި އެމޫނަށް ބަލަން ހުންނަން އޭނާގެ ހިތް އެދުނެވެ. ލިޝާގެ ހިތުގައި ތަފާތު ވިންދެއް ޖަހަން ފެށިއެވެ. އޭނާ އަވަސް އަވަހަށް ލޯ މަރައިލީ އެ އިހުސާސްތަކަށް ނޫނެކޭ ބުނަމުންނެވެ. ބޭބެއެއްގެ ނަޒަރު ފިޔަވައި އިތުރު ނަޒަރަކުން އާރިޒާއިމެދު ދެކޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ލިޝާ ލޯބިވާ މީހާ ހުރީ ރާއްޖޭގައެވެ. ފުރަތަމަ ލޯބި ބަދަލެއް ނުވާނެއެވެ.

"މާ ބޮޑަށް ތަދުވަނީތަ؟...." ލިޝާ ލޯ މަރައިގެން ހުންނަން ފެށުމުން، އޯގާތެރި ރާގަކަށް އާރިޒް އަހައިލިއެވެ. ކުރީގެ ހަރުކަށިކަމެއް އެ އަޑުގައި ނެތެވެ. "މި ނިމުނީ..."

އާރިޒް ލިޝާގެ އަތް ތިރިކޮށްލީ މަޑުމަޑުންނެވެ. އަތުގައި އޮތީ ބެންޑޭޖް އަޅާފައެވެ. އެވަރުން ނިމުނީކީ ނޫނެވެ. ލިޝާ ގެންގޮސް އެނދުގައި ބޭންދިއެވެ. އަދި ފައި ކައިރިއަށް ތިރިވިއެވެ. ލިޝާ ލައިގެން އިން ހަރުވާޅުގެ ކަކުލާއި ދިމާގައި ލޭގެ އަސަރު ހުއްޓެވެ. އާރިޒްގެ ނަޒަރު ލިޝާގެ މޫނުން ކަކުލަށް ހުއްޓުނެވެ.

"ސޮރީ..." ހަރުވާޅުގައި ހިފަމުން އާރިޒް ބުނެލިއެވެ.

އާރިޒް ލިޝާގެ ހުއްދަ ހޯދުމެއް ނެތި ކަކުލާއި ހަމައަށް ހަރުވާޅު އުފުލައިލިއެވެ. ލިޝާވެސް އާރިޒް ހުއްޓުވާކަށް ނޫޅުނެވެ. އޭނާއަށް ދެރަވާނެފަދަ ގޮތަކަށް އާރިޒް ކަމެއް ނުކުރާނެކަން އެނގޭތީއެވެ. އާރިޒްގެ މޫނު ނޫން ތަނަކަށް އޭނާއަށް ނުބެލުނެވެ. އެ ފިރިހެންވަންތަކަމަށް ހިތުގެ އަޑިން ތައުރީފު ކުރެވުނެވެ. ބޭސްއަޅާ ނިންމާފައި އާރިޒް ލިޝާގެ މޫނަށް ބަލައިލިއެވެ. އޭރުވެސް ލިޝާ އިނީ އާރިޒްގެ މޫނަށް ބަލާށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ލިޝާ ރަކިވިއެވެ. އެ މޫނުން ފެނުނީ ކުށެއް ކުރަނިކޮށް ފަޅާއެރުމުން ފެންނާނޭފަދަ އަސަރުތަކެކެވެ.

"މީ ކިހިނެއް ލިބުނު އަނިޔާއެއް؟..." ކަންތައް ވީގޮތް އެނގޭ ހާލުގައިވެސް އާރިޒް ސުވާލުކުރިއެވެ. އޭނާ ބޭނުންވީ ލިޝާ ކޮންމެ ކަމެއްވެސް ހިއްސާކުރާ މީހަކީ އޭނާ ކަމުގައި ވާށެވެ.

"މީ... މި... ގެއަށް އަންނަނިކޮށް ވެއްޓުނީ...." ލިޝާ ދޮގުހެދީ އާރިޒް ހާސްކުރުވަން ބޭނުން ނުވާތީއެވެ.

ދޮގު ހެދުމަކީ ލިޝާއަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު، ތެދު ބުނެގެން އާރިޒް ހާސްކުރުމުގެ ބޭނުމެއް ނެތްކަމުގައި އޭނާއަށް ވިސްނުނެވެ. އާރިޒަށް އޭގެ މާނަ ނެގުނީ ގޯސްކޮށެވެ. ލިޝާއަށް އާރިޒް މުހިއްމު ނުވަނީއެވެ. ކަންކަން ހިއްސާކުރަން ބޭނުން ނުވަނީ އެހެންވެއެވެ. އާރިޒް ހިތްހަމަނުޖެހުނެވެ. އަކްރަމް އެހާ ގޯސް އިރުވެސް، ލިޝާ އޭނާ ދިފާއު ކުރަނީއޭ ހިތް ބުންޏެވެ. އާރިޒް ފުންމައިގެން ތެދުވިގޮތުން ލިޝާ ދިޔައީ ސިއްސައިގެންނެވެ. އާރިޒް ހުރީ ލިޝާއަށް ފުރަގަސްދީގެންނެވެ. އޭނާ ވިސްނަނީއެވެ. ލިޝާގެ ހިތުގެ ހާލު އެނގެން އޭނާ ބޭނުންވެއެވެ. އެކަމަކު އެ ފުރުސަތެއް ނުދެއެވެ.

"މި އެހާ ބޮޑުކަމެއް ނޫނޭ... ދެ ދުވަހެއްތެރޭ ރަނގަޅު ވާނެ... ތަދެއްވެސް ނުވެޔޭ..." ލިޝާ ތެދުވެފައި އާރިޒްގެ ކުރިމައްޗަށް އެރިއެވެ.

"ތަދުވަންޏާ ބުނާނަންތަ؟..." އާރިޒް ދެބުމަ ގޮށްޖަހައިލަމުން ލިޝާއަށް ބަލައިލިއެވެ. "ބަލައިގެން ނޫޅެވެންޏާ ބޭރަށް ނުކުންނަނީ ކީއްކުރަން؟..."

ފަހު ޖުމުލަ ބުނިއިރު އާރިޒްގެ އަޑު މަޑުވެއްޖެއެވެ. ލިޝާގެ މައުސޫމުކަން ފެނުމުން، އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވެގެން ދިޔައީއެވެ. އާރިޒް އަވަސް އަވަހަށް ލިޝާ ހުރި ފަރާތް ނޫން އަނެއް ފަރާތަށް ނަޒަރު ހުއްޓައިލިއެވެ. ލިޝާގެ މައުސޫމުކަން ފެނި ރުޅި ފިނިވެދާނެތީ ބިރުގަތެވެ. ރުޅި އަންނަން އުޅުނަސް ލިޝާގެ ކުރިމަތީގައި އޭނާއަށް ރުޅިއެއް ނާދެވެއެވެ.

"ސޮރީއޭ.... ދެން އުޅޭނީ ބަލައިގެން..." ލިޝާ މަސައްކަތްކުރީ އާރިޒްގެ ރުޅި ފިނިކުރާށެވެ. "މޮޔަ ބޭބެގަނޑު..." ލުއި ހިނިގަނޑަކާއިއެކު ލިޝާ ފަހު ޖުމްލަ ބުނީ ދިވެހިންނެވެ.

އާރިޒް ފާޑަކަށް ބަލައިލީ ލިޝާ ފަހުން ބުނީ ކީކޭތޯ އަހައިލާ ފަދައިންނެވެ. ލިޝާ އަވަހަށް ހިނިގަނޑު ހިންދައިލަމުން އާރިޒްގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. އާރިޒް ކުޑަކޮށް ސިހުނެވެ. ލިޝާގެ އެފަދަ ބީހިލުންތަކުން އޭނާގެ ހަށިގަނޑުގައި ނޭނގޭ އޮއެވަރެއް ދަތުރުކޮށްލައެވެ. ހިތް ލަންބުވައިލައެވެ. ހިތުގެ އެދުމަށް ފުރަގަސްދީދީ އޭނާ ވަރުބަލިވެއްޖެއެވެ. އެ އަންހެންކުއްޖާގެ ހުންނަނީ ކޮންފަދަ ޖާދުވީ ބާރެއް ހެއްޔެވެ؟ އޭނާ ހުއްޓާނީ އާރިޒް ލައްވާ ގޯހެއް ހަދުވާފައެވެ.

"ހިނގާ ދެން ކާން... މިހާރު ތިހުރީ މާ ބޮޑަށް ހައިވެފަ... އާދެބަލަ އިށީންނަން..." ލިޝާ އާރިޒްގެ އަތުގައި ހިފައި ދަމައިލިއެވެ.

އާރިޒަށް ހިނގައިގަނެވުނީ އަމިއްލަ އިހުތިޔާރަކު ނޫނެވެ. ގޮނޑީގައި އިށީނދެވުނުއިރުވެސް އޭނާއަށް ހުރެވުނީ ލިޝާއަށް ބަލާށެވެ. ލިޝާ އަޅައިދިން ހުރިހާ އެއްޗެއް ކެވުނީ ކިހިނެއް ކަމެއްވެސް އާރިޒަކަށް ނޭނގުނެވެ.

********

"ކީކޭތަ ޕޮލިހުން ބުނީ؟..." ނައީމު ފޯނު ބޭއްވިތަން ފެނުމުން މަދީހާ އަހައިލީ ކެތްތެރިކަން ކުޑަ ރާގަކަށެވެ. "ކިހާ ދުވަހެއްތަ މިވަނީ... ކީއްވެތަ ލަސްވަނީ؟..."

"އަދިވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ބުނީ..." ނައީމު އިސްޖަހައިލިއެވެ. "ބޮޑު ގައުމެއްވީމަ ހޯދަން ވަގުތު ނަގާނެ... ފޯނުވެސް އޮތީ ލޮކޭޓް ކުރެވޭގޮތަކަށް ނޫނޯ..."

"ދެން އެތަނުގެ ފުލުހުންވެސް ނެރެންވީނު... ފޮޓޯވެސް ދެވިއްޖެއެއްނު... ދެން ކީއްވެތަ ނުފެންނަންވީ؟... އަނެއްކާ އެމީހުން އެކުއްޖާގެ ދުވަސް ދުއްވާލީބާ... ތަނަކު ވަޅުލާފަވެސް އޮވެދާނެ..."

މަދީހާ ރޯން ފެށިއެވެ. ވެދާނެ އެތައް ކަމެއް ހިތަށް ސިފަވަމުންދިޔަ ވަރަކަށް އޭނާގެ ރުއިން އިތުރުވިއެވެ.

"ކޮންކަހަލަ ވާހަކައެއްތަ މިހާރު ތި ދައްކަނީ؟... ފުލުހުންގެ ތެރޭގަ ކަންކަން ހިނގާގޮތެއް އަހަރެމެންނަކަށް ނޭނގޭނެނު މަދީހާ..." ނައީމު ހިތްހަމަނުޖެހުނެވެ. "އަހަންނަށް ޔަގީން އަހަރެންގެ ދަރިފުޅު ދުނިޔޭގަ ހުރިކަން... މަދީހާވެސް ވިސްނަންވާނީ އެހެން..."

"އެހެންވެއޭ އަހަރެންގެ ހިތް ނުތަނަވަސްވީ... އެކައިވެނި ކުރަން ބާރު ނޭޅުނުނަމައޭ ހިތަށް އަރާ...." މަދީހާއަށް ރުއިން ހުއްޓައެއް ނުލެވުނެވެ. "ލިޝާ އަހަރެން ކައިރިން ދުރަށް ނުފޮނުވުނުނަމަ..."

"ދެން ތިވާހަކަ ދެއްކިޔަސް ކުރެވޭނެ ކަމެއް ނެތެއްނު..." ނައީމުވެސް ހުރީ ސިކުނޑި ސުމަކަށް ގޮސްފައެވެ.

ލިޝާގެ ހަބަރެއްނުވެ ފާއިތުވާ ކޮންމެ ދުވަހެއް މަދީހާގެ ހިތް މަރާލައެވެ. އުއްމީދުގެ ވާފަށް ހަނިވަމުން ދިޔައެވެ. ކައިވެނީގެ ފަހު ދުވަހާއި ޖެހެންދެންވެސް މަދީހާއާއި ވާހަކައެއް ދެއްކޭތޯ ލިޝާ މަސައްކަތް ކުރި ހަނދާން އޭނާ ވިއެވެ. ކައިވެނި ހުއްޓުވައިދިނުމަށް އެ ދަރިފުޅުގެ ދެލޯ އެދުނީ ކިތައް ފަހަރު ހެއްޔެވެ؟ އެ ހުރިހާ ކަމެއް ނުފެންނަ ކަމަށް ހަދައިގެން ހުރެވުނު ހަނދާންވުމުން މަދީހާގެ ހިތް ކުދިކުދިވިއެވެ. އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު