ވާނަން އެކުގައި... 11

ކުރީ ދުވަހެކޭ އެއްގޮތަށް ލިޝާ މަސައްކަތަށް ދިޔައީ އާރިޒަށް ބެހެއްޓި ކާތަކެތީގެ ކައިރީގައި ނޯޓެއް ބާއްވާފައެވެ. އާރިޒްގެ އަމުރަށް ލިޝާގެ ކޮންމެ ހަރަކާތަކަށް ސަޗިން ދިޔައީ ފާރަވެރިވަމުންނެވެ. ސަޗިންގެ ދެލޯ ބޮޑުވީ، ލިޝާ ވަން އިމާރާތް ފެނުމުންނެވެ. ގްރީން ގާޑެން ހޮޓެލްގައި ލިޝާ ކުރަނީ ކީއް ހެއްޔެވެ؟ ތަނުގެ ވެރިޔަކީ އާރިޒެވެ.

********

ސަޗިން ވަގުތުން އާރިޒަށް ގުޅިއެވެ. ތަފްސީލް ދިނެވެ. ދުވަހަކީ ތަނުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް މުވައްޒަފުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައި އޮތް ދުވަހެވެ. ސަޗިންގެ ވާހަކަ ނިމުނުއިރު އާރިޒަށް ހުރެވުނީ ކޮޅަށް ތެދުވެއެވެ. ކައިރީގައި މާނަވް އިންކަންވެސް އޭނާގެ ހަނދާނުގައި ނެތެވެ.

"ކިހިނެއްވީ؟..." މާނަވް ހާސްވީ ދުވަހަކުވެސް ކަންބޮޑުނުވާ ވަރަށް އާރިޒްގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނުނީމައެވެ.

އާރިޒް ގޮނޑިއަށް ވެއްޓިގަތެވެ. ނިތްކުރީގައި އަތް ހިންގައިލިއެވެ. ލިޝާ މަސައްކަތް ކުރަނީ އާރިޒްގެ ހޮޓަލެއްގައި ކަން އެނގިދާނެފަދަ އެއްވެސް ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ލިޝާއަކީ އާރިޒަށް މުހިއްމު މީހެއް ނޫނެވެ. އެކަމަކު، އޭނާގެ ހިތް ބިރުގަތީ ކީއްވެ ކަމެއް ހުދު އާރިޒަށްވެސް ނޭނގުނެވެ. ބަދަލުހިފުން ފިޔަވައި އިތުރު ނިޔަތެއް އޭނާގެ ނެތެވެ. އެކަމަކު، ލިޝާއަށް އޮޅުވާލެވިއްޖެކަމުގެ އިހުސާސުން އާރިޒަށް އަމިއްލަ ނަފުސު ކުށްވެރިކުރެވެން ފެށިއެވެ. އޭނާއަކީ ކާކުކަން ލިޝާއަށް އެނގެން ބޭނުންނުވީ، ލިޝާގެ ހިތް ހަލާކުވެދާނެތީއެވެ. ނޫނެކެވެ. އެކަމާއި އާރިޒް ހާސްވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އާރިޒްގެ މަގުސަދަކީ ލިޝާގެ ހިތް ހަލާކުކޮށްލުމެވެ. ދެރަކޮށްލުމެވެ. އެކަމަށް އެންމެ މޮޅު ގޮތަކީ އާރިޒަކީ ކާކުކަން އެންގުމެވެ. އެކަމަކު، އެގޮތާއި އޭނާގެ ހިތް ނުރުހެނީ ކީއްވެ ހެއްޔެވެ؟

"ތިއުޅޭ ގޮތެއް އަދި ރަނގަޅެއް ނޫން..." މާނަވް އިނީ އާރިޒްގެ ހަރަކާތްތަކަށް ބަލާށެވެ. "ބައްޔެއް ޖެހުނީތަ؟.... ޝައްކު ބަލިތަ؟... ނޫނީ އިޝްގީ ބަލިތަ؟..."

"މިއަދުގެ މީޓިންއަށް ކުޑަ ބަދަލެއް ގެންނަން އެބަ ޖެހޭ...." އާރިޒް ދެއްކީ އެހެން ވާހަކައެކެވެ. "ޔޫ ހޭވް ޓު ޑޫ މީ އަ ފޭވާ..."

"ކޮފީއަކަށްވެސް ތި ނުދެވުނީ..." މާނަވް އަނގަޔަށް ގޮތެއް ހަދައިލިއެވެ.

ކުރިމަތީގައި އިނދެގެން މީހަކު ކިތަންމެ ވަރަކަށް ސަމާސާ ކުރިޔަސް، ސަމާސާކުރުމުގެ ކުޑަވެސް ވިސްނުމެއް އާރިޒްގެ ނުހުންނަނީ ކީއްވެބާއޭ މާނަވްގެ ހިތަށް އެރިއެވެ. އަމިއްލަ ދިރިއުޅުމަށްވުރެ މަސައްކަތް އިސްކުރާ މީހަކު އެނޫނީ އޭނާ ނުދެކެއެވެ.

އާރިޒްގެ ފޯނަށް މެސެޖެއް އައެވެ. ފުލުފުލުގައި ދެތިން މެސެޖު އައުމުން ފޯނަށް ނަޒަރު ހުއްޓައިލަން އޭނާއަށް މަޖުބޫރުވިއެވެ. ސަޗިން ފޮނުވާފައި އޮތީ ހޮޓަލުގެ ލޯންޑްރީބައިގެ ޔުނީފޯމުގައި ލިޝާ ހުއްޓާ ނަގާފައިވާ ތަސްވީރުތަކެކެވެ. ހުދުކުލައިގެ ކުރު ގަމީސްކޮޅަކާއި، ކަކުލާއި ހަމައަށް ހުރި ކަޅު ސްކާޓްކޮޅުގައި ބެގީކޮށްލައިގެން ހުރިއިރު، ލިޝާގެ ދިގު އިސްތަށިގަނޑުގައި އޮތީ ހުޅިއެއް ޖަހާފައެވެ. ކަނދުރާ އޮތީ ހާމައަށް ފެންނާށެވެ. އެ ހެދުމުގައި އެހެން ދުވަސް ދުވަހަށްވުރެ ލިޝާ ރީތިހެން އާރިޒަށް ހީވިއެވެ. ފަހަރަކު ތަސްވީރަކަށް އޭނާއަށް ބެލުނީ ޝައުގުވެރިވެފައެވެ. ބައެއް ތަސްވީރުތައް ކައިރިކޮށްގެން ވަކިވަކިން ލިޝާގެ މޫނަށާއި ކަނދުރާއަށް ބެލިއެވެ. ކޮންމެ ކަހަލަ ހެދުމެއްގައިވެސް ލިޝާ އެހާ ރީތީ ކީއްވެބާއޭ އާރިޒްގެ ހިތަށް އެރިއެވެ. ތަސްވީރުތަކަށް ގެއްލިފައި އާރިޒަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. އޭނާއަށް ހަމަހޭވެރިކަންވީ ސަޗިން ގުޅާތަން ފެނުނީމައެވެ.

"ވަޒީފާ ދީފަ އޮތީ އެއްވެސް ލިޔެކިޔުމަކަށް ނުބަލާ... ތަނުގެ ރޫލްސްއަށް ފޮލޯކުރުމެއް ނެތި... ކިހިނެއްތޯ ހަދަންވީ؟... ވަޒީފާއިން ވަކިކުރަން އަންގަންވީތޯ؟..." ސަޗިން އަހައިލިއެވެ.

"ނޫން ނޫން..." އާރިޒަށް އަވަސް އަވަހަށް ބުނެވުނެވެ.

ސަޗިން އަޖައިބުވީ އާރިޒްގެ އައު ސިފަ ފެނިފައެވެ. އުސޫލުން ބޭރުން ކަންކަން ކުރާނަމަ އެކަމެއް ހުއްޓުވަން އެންމެ ކުރީގައި ހުންނާނީ އާރިޒެވެ. ލިޝާ ވަޒީފާއަށް ނެގީ އުސޫލުން ބޭރުންކަން އެނގޭ ހާލުގައިވެސް އާރިޒް ފިޔަވަޅެއް ނާޅައެވެ. އާރިޒް އެ އަންހެންކުއްޖާއާއި ގަޔާވަނީ ބާއޭ ސަޗިންގެ ހިތަށް އެރިއެވެ.

"އެވާހަކަ އިހަށް ބާއްވާ... ވަރަށް އަވަހަށް ކެބިންއަށް ޖައްސާލަބަލަ..." ސަޗިންގެ ކައިރީގައި އައުމަށް އެދިފައި އާރިޒް ފޯނު ކަނޑައިލިއެވެ.

ސަޗިން އެތެރެއަށް ވަންއިރު މާނަވް ފެނުމުން، އާރިޒަށް ބަލައިލީ ވާހަކަ ދެއްކުމުގެ ހުއްދައަށް އެދޭފަދައިންނެވެ.

"މިއަދުން މިއަދަށް އެބަޖެހޭ ލޯންޑްރީބައިގެ ޔުނީފޯމު ބަދަލުކުރަން..." އާރިޒް އެންގިއެވެ. "ސެކްސަނަށް އަންގާ މުޖުތަމައުއަށް ފެތޭ މިންގަނޑަށް ޔުނީފޯމު އަލުން ފަރުމާ ކުރަން.... މިއަދަށް ނިމެންވާނެ..."

ސަޗިންއެކޭ އެއްވަރަށް މާނަވްއަށްވެސް އާރިޒްގެ ވާހަކައިން ސިހުމެއް ލިބުނެވެ. އެހާ ދުވަސްފަހުން އާރިޒް ޔުނީފޯމުގެ ޝަކުވާ ކުރީމައެވެ. މުޅީންވެސް ކުރިން ނުކުރާ ކަންތަކެވެ.

"ލައްބަ ސަރ..." ދެބަސްވާން ސަޗިން ބޭނުމެވެ. ޔުނީފޯމު ބަދަލުކުރުމަކީ ހަރަދު ބޮޑު، އުނދަގޫ ކަމެކެވެ. ވަގުތު ނަގާނެއެވެ. އެކަމަކު އެފަދަ ކަމެއް ދުވަހުން ދުވަހަށް ނިންމުމަކީ ވާނެ ކަމެއް ނޫންކަން އެނގޭއިރުވެސް ސަޗިންއަކަށް ދެކޮޅެއް ނުހެދުނެވެ. ވެރިމީހާގެ އަމުރަށް ކިޔަމަންވެގެން އެތަނުން ނުކުތެވެ.

"ކިހިނެއްވީ ކުއްލިއަކަށް ޔުނީފޯމު ބަދަލުކުރަނީ؟..." މާނަވް އަހައިލިއެވެ.

"އެ ޔުނީފޯމު ހުރީ މީހަކު ލާން ކަމުދާ ކަހަލަ ގޮތަކަށް ނޫން.... މިއުޅެނީ ފެޝަން ޝޯވްއަކަށް މީހުން ހޮވާކަށް ނޫނެއްނު... މުޅި ހަށިގަނޑު ދައްކައިގެން..." ވާހަކަ ދައްކަމުން ދިޔައިރުވެސް އާރިޒަށް ސިފަވަމުންދިޔައީ ލިޝާގެ ރީތި ސޫރައެވެ. ހާމައަށް އޮތް ކަނދުރާއެވެ.

"މިހާރު އެކަހަލަ ކަންކަންވެސް ނޯޓިސްވާން ފެށީތަ؟..." މާނަވް ހީގަތެވެ. އާރިޒަށް ދިމާކުރިއެވެ. "މަ މިދަނީ ތި ޔުނީފޯމެއް ބަލާލަން..."

އާރިޒް އިތުރު އެއްޗެއް ނުބުނަނީސް މާނަވް ނުކުމެގެން ދިޔައެވެ.

********

ލިޝާ ވަޒީފާ އަދާކުރާ ތަން އަކްރަމަށް އެނގުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އޭނާއަށް ލިޝާއާއި އެކަނި ކުރިމަތިލެވޭގޮތްވީ، ދެ ރެއަކު ފާރަލައިގެންނެވެ. ކައުސަރާއި އެކުގައި ނުކުމެފައި، އެއްޗެއް ބަލައި ކައުސަރު އެތެރެއަށް ވަނުމުން ލިޝާ ހުރީ ބޭރުގައި މަޑުކޮށްގެންނެވެ. އަކްރަމް ފުރުސަތުގެ ބޭނުން ހިފިއެވެ. އޭނާ އައިގޮތަށް ހިފީ ލިޝާގެ އަތުގެ މުލައްދަނޑީގައެވެ.

"ލައްކަ ދުވަހު ފިލައިގެން އުޅެފީމެއްނު..." އަކްރަމް ލިޝާގެ އަތަށް ދަމައިގަނެފައި ދޫކޮށްލުމުން، އެދިޔަ ބާރުމިނުގައި ބިންމައްޗަށް ވެއްޓުނެވެ. "ދެން ނުކެރޭނެ ސަލާމަތްވާކަށް..."

ތާރުގަނޑުގައި ކޭއްތިފައި ލިޝާގެ ފައިންނާއި އަތުން ބޮޑު ތަންގަނޑެއް މަށައިގެން ދިޔައެވެ. ލިޝާ އުނދަގޫގޮތަކަށް ތެދުވިއެވެ. އަކްރަމާއި ކުރިމަތިލިއެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އަކްރަމް ލިޝާއަށް އަނިޔާވެރިވަނީ ލިޝާ ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ އަނިޔާކުރަން ލިޝާއާއި ކައިވެނިކުރީ ކީއްވެ ހެއްޔެވެ؟

"އަކްރަމަށް މިހާރު އަހަރެންގެ ގަޔަކު އަތެއް ނުލެވޭނެ..." ލިޝާ ހިތްހަމަނުޖެހުނީ އަކްރަމްގެ އަނިޔާވެރިކަން ހައްދުފަހަނަ އެޅީމައެވެ.

"ކީއްވެ އަތް ނުލެވެންވީ؟..." އަކްރަމް ގަދަ ދައްކައިލުމަށް ލިޝާގެ އަތުގައި ހިފައި ގާތަށް ދަމައިލިއެވެ. "ތީ އަހަރެންގެ އަނބިމީހާއެއްނު... އަތްލެވޭނެ..."

"ހަނދާނެއްނުވޭތަ އެދުވަހު އަކްރަމް އަހަރެން ވަރިކުރިކަމެއް؟..." މާޒީ ހަނދާންކޮށްލަމުން ލިޝާ ބުނެލިއެވެ.

"ނުކުރަން ވަރިއެއް... ނުކުރަން... އަޑު އިވިއްޖެތަ؟..." އަޑަށް ބާރުލަމުން އަކްރަމް ބުންޏެވެ. "ކޮބާ ހެކި؟... އެއްވެސް ހެއްކެއް ނޯންނާނެ ދެއްކޭކަށް..."

"ރީތި ގޮތުގަ އަހަރެންގެ ޕާސްޕޯޓާ ފޯނު ދީ... އަހަންނަށް އޯކޭ އެއްވެސް ފައިސާއެއް ނުދިނަސް... އަހަރެންގެ ލިޔުންތައް އަހަންނަށް ދީ..." ލިޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

"އަހަރެން އަތުގަ ތި އެއްޗެއްސެއް ނެތް..." އަކްރަމް ބުންޏެވެ.

"އާދޭސްކޮށްފަ ބުނަން..." ލިޝާގެ އަޑު ކުރެހުނެވެ. "އަހަރެން އެނބުރި ގައުމަށް ދިޔަދީ..."

އަކްރަމް ނޫން މީހަކު ލިޝާއަށް އެވަރުގެ ލަނޑެއް ނުދޭނެއެވެ. ލިޝާގެ ހުރިހާ އެއްޗެއް ހުރީ އަކްރަމް އާއިއެކު ހުރި ކޮޓަރީގައެވެ. ވީއިރު އޭނާ އަކްރަމް ދައްކާ ވާހަކަ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟

"ކިތަންމެ އާދޭހެއް ކުރިޔަސް، ނެތް އެއްޗެއް ނުދެވޭނެ..." އަކްރަމް ބުނެލިއެވެ. "ހިނގާ އެންބަސީއަށް..."

"އަހަރެން ދެން އަކްރަމާ އެކީ އެއްތާކަށްވެސް ނުދާނަން..." ލިޝާ ދެކޮޅުހެދިއެވެ.

"އެހެންތަ؟... މުއްސަންޖެއް ފެނުނީދޯ؟... ތިއުޅެނީ އޭނަޔާ އިންނަންތަ؟... އާނ، އެހެންވެތާ، އިންޑިޔާގެ އެންމެ ބޮޑު ގޭންގް ފޮނުވައިގެން ލޯބިވެރިޔާ ސަލާމަތްކުރާނީ..." އަކްރަމް ހަމައިން ނެއްޓުނެވެ. "ކާކު އެއީ؟.... ބުނޭ..."

"ކީކޭތަ ތި ކިޔަނީ؟..." ލިޝާގެ ހިތް ނުތަނަވަސްވިއެވެ. އަކްރަމް ދެއްކި ވާހަކައިން އޭނާއަށް މާޒީ ހަނދާންވިއެވެ. އެކަމަކު، މުއްސަންޖަކު އޭނާ ސަލާމަތްކުރަންވީ ކީއްވެ ހެއްޔެވެ؟

"ކާކު އެއީ؟... ބުނޭ..." އަކްރަމް އައިގޮތަށް ހިފީ ލިޝާގެ ދަތްދޮޅީގައެވެ.

"ތިހާ އަނިޔާވެރިވާން ކީއްވެ އަހަންނާ ކައިވެނިކުރީ؟... އަހަރެން މިތަނަށް ގެނައީ؟...." ޝަކުވާގެ ރާގަކަށް ލިޝާއަށް އަހައިލެވުނެވެ.

ލިޝާގެ ބޮޑު ދެލޮލުން އޮހެންފެށި ކަރުނަތައް ކޯތާފަތުގައި ބީހޭކަށް ގިނައިރެއް ނުނެގިއެވެ. އަކްރަމްގެ އަނިޔާވެރިކަމަކުން ނޫނެވެ. އަމިއްލަ ދިރިއުޅުމާއިމެދު އެއްވެސް އުއްމީދެއް ނެތުމުންނެވެ. އަޅާލާނެ ގާތްމީހަކު ނުވާ އެބިމުގައި އެހީތެރިވާން ހުރި މީހާވެސް ލިޝާ ދުރުކޮށްލައިފިއެވެ. އެވަގުތުވެސް ލިޝާ ހަނދާންވީ އާރިޒްގެ މަތިންނެވެ. އާރިޒް އަންނާނެނަމައެވެ. ލިޝާ ދިފާއުކޮށްދޭނެ ނަމައެވެ.

"އަހަރެން ބޭނުންވިގޮތަށް ކުރެވުނު ކައިވެންޏެއް ނޫނޭ މީ އުފަލުން އުޅޭކަށް... މިކައިވެނީގެ ފަހަތުގަ ހުރީ ނުފޫޒުގަދަ މީހެއް... މީ މީހެއްގެ ރޭވުމެއްގެ ދަށުން ކުރެވުނު ކައިވެންޏެއް... އެމީހެއްގެ މަގުސަދަކީ ތި ކުއްޖާ އުފަލުގަ އުޅުނަ ނުދިނުން... ގެޓް ވެއްޖެތަ؟..." އަކްރަމް ހީގަތެވެ. "އެމީހަކު އަހަރެމެން ދެމީހުން ދުރުވިޔަކަ ނުދޭނެ... އެއީ ތިކުއްޖާއަށް އަހަރެން މިކަހަލަ ކުދި ޖެއްސުން ކުރާތީ..."

އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ހުރި އާރިޒްގެ ދެދަތްޕިލަ ޖެހި ބާރުވެފައިވާއިރު، އަތްވެސް ވަނީ މުށްކެވިފައެވެ. އަކްރަމްގެ އަނިޔާވެރިކަން ފެނި އޭނާ ހަމައިން ނެއްޓޭވަރު ވިއެވެ. ލިޝާއަށް އަނިޔާކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. އެ ހައްގު އޮތް ހަމައެކަނި މީހަކީ އެނާއެވެ. އަކްރަމްގެ މުޅި ދިރިއުޅުން އަޅިއަށް ހަދާލުމުގެ ބާރު އާރިޒްގެ އަތުގައި އެބައޮތެވެ. ފެނުނު މަންޒަރުން މަޑުން ހުންނާކަށް އާރިޒްގެ ހިތް އެއްބަހެއް ނުވިއެވެ. އާރިޒް ސަޗިންއަށް ގުޅަން ފޯނު ނެގިއެވެ.

"އޭތް އޭތް... ހާދަ ގޮތެއް ނެތޭ...." ކައުސަރު އައީ ހޮޓަލުގެ ސެކިއުރިޓީއަށް ތިބި ދެ މީހުން ގޮވައިގެންނެވެ. "ދޫކުރޭ ހަމަ މިހާރު އޭނަގެ ގައިން..."

އަކްރަމް ދުވެ ފިލިއެވެ. ކައުސަރުގެ ގާތްކަން ލިބުމުން ލިޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ނުރޯން ހުއްޓަސް ރޮވުނެވެ. ކައުސަރު ލިޝާގެ ގައިގައި ބައްދައިލީ މަޔަކު ފަދައިން، ހަމަ އެހާ ލޯބިންނެވެ. އެ މަންޒަރު ފެނުމުން، ފޯނު ކަންފަތުގައި ޖައްސައިލަން އުޅުނު އާރިޒްގެ ހަރަކާތް ހުއްޓުނެވެ. މަޑުމަޑުން އަތް ތިރިކޮށްލެވުނެވެ. މަޔެއްގެ ލޯތްބާއި ހިމާޔަތަކީ ކިހާ މުހިއްމު އެއްޗެއް ކަން އެންމެ ރަނގަޅަށް އެނގޭނީ އާރިޒް ފަދައިން އެ ލޯބިން މަހުރޫމުވެފައިވާ މީހަކަށެވެ. ކުޑައިރު މަންމަ ނިޔައުވުމާއި ގުޅިގެން އާރިޒަށް އިހުސާސްކުރެވުނު އެކަނިވެރިކަން ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެއެވެ. މައިމީހާ ދުނިޔޭގައި ހުރެމެ، އެ މައިމީހާގެ ހިމާޔަތުން ލިޝާ ވަނީ މަހުރޫމުވެފައެވެ. ނޫނެކެވެ. މަހުރޫމުކޮށްފައެވެ. ލިޝާގެ ހިތުގައި އަޅާނޭ ވޭން އިހުސާސް ކުރެވުމުން އާރިޒްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އާއިލާއާއި ދުރުގައި ލިޝާ ކިހާ އެކަނިވެރިވާނޭ ހެއްޔެވެ؟ އެކަމަކު އެ ހުރިހާ އިހުސާސެއް ހިތުތެރޭގައި ފޮރުވާލައިގެން ހުރެ އެކުއްޖާ ހިނިތުންވެއެވެ.

"ހުއްޓާލާ!... ދައްތަ ހުއްޓާ ހާސްވާކަށް ނުޖެހޭނެ... ދެން ނުކެރޭނެ އޭނައަށް މިހިސާބަށްވެސް އަންނާކަށް..." ކައުސަރު ލިޝާގެ ބުރަކަށީގައި ފިރުމައިލިއެވެ. "ހިނގާ ގެއަށް... މިއަދު ދާނީ ޓެކްސީގަ..."

ލިޝާ ގެއަށް އައީ ގެއިން އާރިޒް ފެނިދާނެކަމަށް ވިސްނައިގެނެއް ނޫނެވެ. އަކްރަމާއި ބައްދަލުވެ ހިނގި ހާދިސާއާއި ގުޅިގެން ލިޝާގެ މޫނުމަތި ވަނީ މިލާފައެވެ. ވަރުބަލިކަން ފެންނަމުންދިޔަ މޫނުން ދޭހަކޮށްދިނީ އަރާމަކަށް ބޭނުންވެފައިވާ ވަރެވެ. އާރިޒް ކާމޭޒު ކައިރީގައި އިންދާ ފެނުމުން ލިޝާއަށް ހިނިތުންވެލެވުނެވެ. ވެފައިވާ ވަރުބަލިކަން ފިލައިދިޔަހެން ހީވިއެވެ. ދަބަސް އެނދުމަތީގައި ބާއްވާފައި އަވަސް އަވަހަށް އައިސް އާރިޒަށް ޖޫސްތައްޓެއް ގިރައިދިނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު