ވާނަން އެކުގައި... 10

ނުހަނު ކައިރިން ލިޝާއަށް އާރިޒްގެ މޫނަށް ބަލައިލެވުނެވެ. އެމޫނުގެ އަސަރުތައް ފެނި ލިޝާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ތޫނު ދެލޯ އަމާޒުވެފައިވީ ސީދާ ލިޝާގެ ދެލޮލަށެވެ. އެ ދެލޮލުން އެކަނިވެސް ލިޝާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލައިފިއެވެ. ދެމީހުންގެ މެދުގައިވަނީ އާއިލީ ގުޅުމެއް ނޫންކަން ލިޝާއަށް އިހުސާސްކުރެވެއެވެ. އޭނާއަށް އާރިޒަށް ބެލުނީ ކޮއްކޮއަކު ބޭބެއަކަށް ބަލާނެފަދަ ނަޒަރަކުން ނޫނެވެ. އާއިލީ ގުޅުމަކުން ނަން ދޭން ބޭނުންވި ކަމުގައިވިޔަސް މެއެވެ. ލިޝާ ގަނޑުވިއެވެ. މަޑުމަޑުން އަތް ތިރިކޮށްލެވުނެވެ.

********

"އަހަރެން މީ ހިއްސުތައް ހަމައަށް ހުރި ފިރިހެނެކޭ..." އާރިޒަށް ބުނެވުނެވެ.

ލިޝާ ކުޑަކޮށް އާރިޒާއި ދުރަށްޖެހިލިއެވެ. އެމޫނުން ޖެހިލުންވުމުގެ އަސަރު ފެނުނުހެން އާރިޒަށް ހީވިއެވެ.

"ހަމަ އެހާ ވަރަށް އަހަންނަށް އިތުބާރު ކުރަންތަ؟..." އާރިޒް އަނެއްކާވެސް އަހައިލިއެވެ. "މިދިޔަ ދުވަސްތަކުގަ އަހަރެން ނައީމަވެސް އަހަންނަށް އިތުބާރު ކުރާނަންތަ؟...."

"އަހަންނަށް އެނގޭ ތީ ގޯސްމީހެއް ނޫންކަން... އެނގޭ ކޮންމެވެސް ކަމެއްވީމަ ކަން ނައިސް ހުންނާނީ..." ލިޝާ ކުރިއަށް ޖެހުނެވެ. އާރިޒްގެ އަތުގައި ހިފެހެއްޓިއެވެ. "އިހަށް ދޭ އެއްޗެހި ބަދަލުކުރަން... ފަހުން އެވާހަކަ ދައްކާނީ..."

ލިޝާ ބުނާގޮތް ހެދެނީ ކީއްވެކަމެއްވެސް އާރިޒަކަށް ނޭނގެއެވެ. ބަސްއަހާ ކުއްޖަކު ފަދައިން، އަލަމާރިން ސަޗިންގެ ޓީޝާޓަކާއި ފަޓުލޫނެއް ނަގައިގެން ގޮސް ފާހާނާއަށް ވަނެވެ. އާރިޒް ނުކުތްއިރު، ލިޝާ ހުރީ ކާން ތައްޔާރުކޮށްފައެވެ. އާވި އަރައަރާ ހުރި ދެ ސައިތައްޓާއި، ކުކުޅު މޭޒުމައްޗަށް ނަގާފައި ހުއްޓެވެ. ލިޝާ ނުކައި ހުރިކަން އެނގުމުން އާރިޒްގެ ހިތަށް އުނދަގޫވިއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ދުރުގައި ހުންނައިރު، ލިޝާ ދެރަކުރަން ކުރާނެ ކިތަންމެ ކަމެއް ރޭވިޔަސް، ލިޝާ ފެނުމުން އާރިޒް އެ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތެއެވެ. ހިތުގައި ތަފާތު ވިންދެއް ޖަހަން ފަށައެވެ.

*********

ނައީމު ހުރީ ފުލުހުންގެ އިދާރާއަށް ގުޅައިގެންނެވެ. ހުށަހަޅާފައިވާ މައްސަލައިގެ ތަފްސީލު ހޯދާށެވެ. ކައިރީގައި މަދީހާ ހުއްޓެވެ. ފުލުހުންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ރަށަށް އައީއްސުރެ މަދީހާ ހުންނަނީ ފޯނު ހިފައިގެންނެވެ. ކޮންމެ ވަގުތަކުވެސް ލިޝާ ގުޅާފާނެކަމަށް ބަލައިގެންނެވެ. އެހާ ގިނަ ދުވަހު ހަބަރެއްނުވެ ހުރުމުން، ކަމެއް ގޯސްވެއްޖެކަން މަދީހާއަށް ވިސްނުނެވެ. އަކްރަމްގެ އާއިލާއަށް ގުޅިއެވެ. ކަމެއްވެގެން އުޅޭކަން އެމީހުންނަށް ނޭނގޭކަމަށް ބުންޏެވެ. މަތިއޮއްބައިލަން ނަސީރާ ކުޅަދާނައެވެ. ކޮންމެ ދުވަހަކު އަކްރަމަށާއި ލިޝާއަށް ގުޅޭކަމަށް ބުނެ ދޮގުހެދިއެވެ.

އަކްރަމްގެ ހަބަރެއްވީ ނަސީރާ ގުޅާތާ ހަފުތާއެއް ފާއިތުވެދިޔަ ފަހުންނެވެ.

"އަހަރެން ދެން ކިހިނެއް ހަދާނީ؟... އަކްރަމަށް އިތުބާރު ކުރާނެ ގޮތެއް ބުނެބަލަ..." ނަސީރާ ހިތްހަމަނުޖެހިގެން ހަޅޭއްލަވަން ފެށިއެވެ.

"އެއްކަލަ މަންމަ ފެށުނީ... މިހުރިހާ ކަމެއް މިވީ ހަމަ މަންމަގެ ސަބަބުންނޭ..." އަކްރަމްވެސް ވާހަކަ ދެއްކީ ނަސީރާ ވާހަކަދެއްކި ރާގުގައެވެ.

"އާއިލާއަށްޓަކާ އަކްރަމަށް ކުރެވިފަ އޮތް ކަމެއް ބުނެބަލަ...." ނަސީރާ ދަތްކުނޑި ވިކައިލިއެވެ. "ތީ ބޭކާރު މީހެއް... އަހަރެންގެ ދަރިއެކޭ ބުނަންވެސް ލަދުގަނޭ..."

މަންމާ!...." އަކްރަމް ހަޅޭއްލަވައިގަތެވެ.

ނަސީރާ ވާހަކަ ދައްކަދައްކާ ހުއްޓާ އަކްރަމް ފޯނު ކަނޑައިލިއެވެ. އޭނާ ހުރިހާ ރުޅިއެއް އައީ ލިޝާ ދެކެވެ. ދެން ލިޝާ ފެނިއްޖެނަމަ، ލިޝާގެ ދުވަސް ދުއްވާލައިފައި ނޫނީ އޭނާ ނުހުއްޓާނެއެވެ. ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ. އަކްރަމް ނަންބަރަކަށް ގުޅިއެވެ. އެތައް އިރަކު ފޯނުގައި ހުރެފައި ބޭއްވިއިރު، އޭނާގެ ތުންފަތުގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.

********

ދޮވެފައި ހުރި އެއްޗެހިތައް ހިއްކަން އަޅަން ލިޝާ ހުއްޓެވެ. ކައުސަރު އައިސް ދިނީ ވަޒީފާ ހަމަޖެހުނުކަމުގެ އުފާވެރި ހަބަރެވެ. ލިޝާ ހުރީ ވަޒީފާއަށް ދާން އުޅޭ ވާހަކަ އާރިޒްގެ ކައިރީގައި ބުނާނެ ރަނގަޅު ވަގުތެއް ނުލިބިފައެވެ. ވަޒީފާއަށް ދިޔުމަށް ލިޝާ ބަލާ ކައުސަރު އައެވެ. ލިޝާ ގެއިން ނުކުތްއިރު އާރިޒް ގެއަކު ނެތެވެ. ލިޝާ ދިޔައީ ސައި ތައްޔާރުކޮށް، ކާއެއްޗެހި އަޅާފައިވާ ތަށިތަކުގެ ކައިރީގައި ނޯޓުކޮޅެއް ބާއްވާފައެވެ.

ކުރިމަތީގައި ހުރި ރީތި އިމާރާތަށް ބަލަން ލިޝާ ހުރީ އަޖައިބުވެފައެވެ. ވަޒީފާ ހަމަޖެހުނަސް އެހާ ރީތި ތަނަކުން ހަމަޖެހިދާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.

"ރީތިދޯ؟...." ލިޝާގެ ކޮނޑުގައި ޖެހިލާފައި ކައުސަރު ބުންޏެވެ. "އަދި އެތެރެ މާ ރީތިވާނެ..."

"ގްރީން ގާޑަން ހޮޓެލް..." އިމާރާތުގެ މަތީގައި ބޮޑު އަކުރުން ލިޔެފައިވާ ނަން ކިޔައިލި ލިޝާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ތަނުގެ ލޯންޑްރީބައި ލިޝާ ހީކުރިވަރަށްވުރެ ބޮޑެވެ. ލިޝާއާއިއެކު މަސައްކަތްކުރަން ތިބީ މުޅީންވެސް އުމުރުން ދުވަސްވީ މީހުންނެވެ. އެއިން މީހެއްގެ މޫނުން ލިޝާއާއި ގަޔާވި މަންޒަރެއް ނުފެނުނެވެ. އެންމެންވެސް ބެލީ ނުރުހުމުގެ ނަޒަރަކުންނެވެ. ލިޝާ ތައާރަފުކޮށްދީ، ކުރަންޖެހޭ މަސައްކަތް ކިޔައިދިނީ ދޮންނަ ބަޔާއި ހަވާލުވެ ހުރި، އިސްމީހެކެވެ.

"އާކުއްޖެއްވީމަ އެމީހުން ވާހަކަ ނުދައްކަނީ... ފަހުން ރަނގަޅުވާނެ..." ލިޝާ ހާސްވެފައި ހުރުމުން ކައުސަރު ބުނެލިއެވެ.

"ކޮންމެސް ބޮޑު މީހަކާއެކީ ގޮތަކަށް އުޅެލީކަމަށް ވާނީ..." ލިޝާއަށް ފާޑަކަށް ބަލައިލުމަށްފަހު، އެތަނުން މީހަކު ބުންޏެވެ.

"ތީ ވާނެގޮތަކީ... އެހެންނޫނީ އެހާ ފަސޭހައިން ވަޒީފާ ލިބޭތަ؟... އިއުލާނުވެސް ކުރީކީ ނޫން..." ކުރިން ވާހަކަދެއްކި މީހާއާއި ބައިވެރިވެގެން އަނެކަކު ބުނެލިއެވެ. ލިޝާއަށް އަޑު އިވިދާނެތީ އެމީހުން ހާހެއް ނުވެއެވެ.

ލިޝާ ހުރީ އެއިން އަޑެއް ނީވޭ ކަމަށް ހަދައިގެންނެވެ. ދުވަހަށް ތާވަލުކުރެވުނު މަސައްކަތް ނިމުމުން މުވައްޒަފުން ފޮނުވައިލަނީ އެ ދުވަހެއްގެ މުސާރަ ދީފައެވެ. ބުރަ މަސައްކަތަށްފަހު، އެންމެންވެސް އެންމެ އިންތިޒާރު ކުރާ ވަގުތަކީ، ފައިސާކޮޅު އަތަށް އަރާނެ ވަގުތެވެ.

ލިޝާ ގެއަށް އައިއިރު، އިރު އޮއްސި އަނދިރިވެއްޖެއެވެ. މާހައުލު އޮތީ ހިމޭންވެފައެވެ. ގެއަށް އައި މަގުމަތީގައި ގަނެގެން އައި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓާފައި އޭނާ ނެގީ އޭގެ ތެރެއިން ހާއްސަ ކޮތަޅަކަށް ލާފައިވާ އެއްޗެކެވެ. ކައްކަން ބޭނުންވާނޭ ބައެއް ސާމާނުގެ އިތުރުން މުސާރައަށް ލިބުނު ފައިސާއިން ލިޝާ ގަތީ ޓީޝާޓެކެވެ. އެއީ އާރިޒަށް އޭނާ ގަނެދިން އެއްޗެކެވެ.

އާރިޒް އައީ ލިޝާ ކައްކާ ނިންމާލުމަށްފަހު ފެންވަރާލައިގެން ނުކުތްތަނާއެވެ. އާރިޒަށް ލިޝާ ފެނުމުން ހުއްޓުން އެރިއެވެ. ލިޝާގެ އިސްތަށިގަނޑު ތެމިފައިވާއިރު، މޫނުމަތި ތާޒާއެވެ. މުޅި ތަނުގައި ސައިބޯނީގެ މީރުވަސް ހަރުލާފައި ހުއްޓެވެ.

"ވަރަށް މީރު އެއްޗެއް ކައްކާފަ ހުންނާނެ..." އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ލިޝާ އާރިޒްގެ ކައިރިއަށް ދިޔައެވެ. އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު، ބޮލުގެ މެދަށް ހުޅިއެއް ޖެހިއެވެ. "ހިނގާ ކާން..."

ހާމަވެގެންދިޔަ ލިޝާގެ ކަނދުރާ ނޫން ތަނަކަށް އާރިޒަކަށް ނުބެލުނެވެ. އިސްތަށިގަނޑުން ފައިބާ ފެންތިކިތައް އެ ކަނދުރާގައި ބީހިލަނީ އަޖައިބެއްފަދަ ހިތްގައިމު ގޮތަކަށެވެ.

"ކަމް..." ލިޝާ އާރިޒްގެ އަތުގައި ހިފިއެވެ.

އާރިޒަށް ހީވީ އޭނާގެ ގައިގައި ކަރަންޓް ޖެހުނު ހެންނެވެ. އަތް ދަމައިގަނެވުނެވެ. ލިޝާ އުޅޭގޮތުން އޭނާގެ ހިތުގައި ކޫރުމެއް އެޅޭނެއެވެ. މިހާރުވެސް އޭނާއަށް ކެތްވަނީ ކިރިޔާއެވެ. އެ އަންހެންކުއްޖާގެ ކޮންމެ ބީހިލުމަކާއިއެކު، ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ.

"އަތް މާ ފިނީތަ؟..." ލިޝާ މައުސޫމުގޮތަކަށް އެނާގެ ދެކޯތާފަތުގައި އަތް ޖައްސައިލިއެވެ. ދެކޮޅަށް ބޯ އަރިކޮށްލަމުން އާރިޒަށް ބަލައިލިއެވެ. "އޫއޫ... ވަރަށް ފިނިދޯ؟..."

އާރިޒް އަނެއް ފަރާތަށް އެނބުރުނީ އެނާގެ ހިތުގެ މައްޗަށް ބާރު ނުފޯރުވިގެންނެވެ. ނޭވާލާންވެސް އޭނާ ހުރީ ބިރުންނެވެ. ލިޝާގެ ކޮންމެ އަމަލަކާއި އެ ސޫރަ އޭނާގެ ހިތުގައި ބިންވަޅު ނެގިގެން ދެއެވެ. މޫނަށް ޖައްސައިލާ ކޮންމެ ވައްތަރަކުން މައުސޫމުކަން އިތުރުވެއެވެ. ލިޝާ އެހާ މައުސޫމީ ކީއްވެ ހެއްޔެވެ؟ ކުރިމަތީގައި ހުރީ ހިއްސުތައް ހަމައަށް ހުރި ފިރިހެނެއްކަން އެ އަންހެންކުއްޖާއަށް ނޭނގެނީ ހެއްޔެވެ؟

"އާރި...." ލިޝާ ގޮވައިލިއެވެ. "ހިނގާ އަވަހަށް ކާން..."

"އަހަރެން މިއައީ ބޭރުން ކައިގެން..." އާރިޒް ދޮގު ހެދިއެވެ.

ލިޝާ ހާއްސަ އެއްޗެއް ކައްކާފައި ހުރިކަން އާރިޒަށް އެނގެއެވެ. އޭނާ ނުކައި ނުކުމެގެން ދިޔައީ ލިޝާ ދެރަކޮށްލާށެވެ. އޭނާގެ ހިތާއި ކުޅެލީތީ އެކަމުގެ ބަދަލުހިފުމެއްގެ ގޮތުންނެވެ. ލިޝާ ދެރަވިއެވެ. އާރިޒް ކަންތައްކުރިގޮތުން ކާހިތް ކެނޑުނެވެ. އާރިޒް ހިތްހަމަނުޖެހުމުން ލިޝާއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ލިޝާ ހީކުރީ މުޅި ދުވަހު އޭނާ ގޭގައި ނޫޅުމުން އާރިޒް ހިތްހަމަނުޖެހުނީ ކަމަށެވެ. އާރިޒްގެ އިންތިޒާރުގައި ލިޝާ އޮއްވާ ނިދުނުއިރުވެސް ނޭނގުނެވެ.

އާރިޒް އައިއިރު ލިޝާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. މޭޒުމަތީގައި އަތުރާފައިވާ ތަށިތަކަށް ނަޒަރު ހިންގައިލި އާރިޒްގެ ހިތަށް ތަދުވީ ލިޝާ ނިދީ ނުކައިކަން އެނގުނީމައެވެ. ލިޝާގެ ނިކަމެތި ހަށިގަނޑާއި ހިނދިފައިވާ ބަނޑަށް ނަޒަރު ހިންގާލުމާއިއެކު އާރިޒަށް ބޭއިހުތިޔާރުގައި އެނދުގައި އިށީނދެވުނެވެ. ވަރުބަލިކަން ފެންނަމުންދިޔަ ލިޝާގެ މޫނުގައި އަތް ޖައްސައިލެވުނެވެ. އޮމާން މޫނެކެވެ. އާރިޒްގެ ބޮޑު އަތްތިލައާއި އަޅާ ބަލާއިރު ކުޑަކުޑަ މޫނެކެވެ. ލިޝާގެ މޫނާއި ދިމާއަށް އާރިޒަށް ގުދުވެލެވުނެވެ. އެ މޫނާއި ނުހަނު ކައިރިވެފައި، ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ފުންމައިގެން ތެދުވިއެވެ. ބާރުބާރަށް ހިނގާފައި ބޭރަށް ނުކުތެވެ. އޭރު އާރިޒްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ.

ފަތިހު ތެދުވާ ލިޝާއަށް ހޭލެވުނީ ކައުސަރު ގޮވާ އަޑަށެވެ. އޭނާއަށް ހޭލެވުނީ އެހެން ދުވަސްދުވަހަށްވުރެ ލަހުންނެވެ. ކައުސަރު އައީ މާ މީރު ބަތްގަނޑެއް ހިފައިގެންނެވެ. ހޭލިއިރު އާރިޒް ނެތުމުން ލިޝާ މާޔޫސްވިއެވެ.

"ރޭގަ އެއްޗެއް ނުކައިތަ ނިދީ؟..." މޭޒުމަތީގައި ހުރި ތަށިތައް ފެނުމުން ކައުސަރު ސުވާލުކުރިއެވެ.

"ނިދުނީ..." ލިޝާ އިސްޖަހައިލިއެވެ.

"އޭނަޔަށް އިންތިޒާރު ކުރާނެކަމެއް ނެތް.... ހައިވީމަ ކައިގެން ހުރޭ..." ކައުސަރު ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

ދޭތެރެއަކުން އާރިޒް ފެނުނު ނަމަވެސް، ކައުސަރަށް މާ ބޮޑަށް އާރިޒްގެ މޫނު ފެންނަގޮތެއް ނުވެއެވެ. ލިޝާ އުޅޭ ހާލުން އޭނާ އާރިޒްދެކެ ރުޅިއާދެއެވެ. ފުރުސަތެއް ލިބިއްޖެނަމަ، އާރިޒާއި ދިމާއަށް އެއްޗެއް ބުނަންވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. ކައުސަރު ހީކުރީ، އާރިޒަކީ ލިޝާގެ ފިރިމީހާ ކަމަށެވެ.

ކުރީ ދުވަހެކޭ އެއްގޮތަށް ލިޝާ މަސައްކަތަށް ދިޔައީ އާރިޒަށް ބެހެއްޓި ކާތަކެތީގެ ކައިރީގައި ނޯޓެއް ބާއްވާފައެވެ. އާރިޒްގެ އަމުރަށް ލިޝާގެ ކޮންމެ ހަރަކާތަކަށް ސަޗިން ދިޔައީ ފާރަވެރިވަމުންނެވެ. ސަޗިންގެ ދެލޯ ބޮޑުވީ، ލިޝާ ވަން އިމާރާތް ފެނުމުންނެވެ. ގްރީން ގާޑެން ހޮޓެލްގައި ލިޝާ ކުރަނީ ކީއް ހެއްޔެވެ؟ ތަނުގެ ވެރިޔަކީ އާރިޒެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު