ވާނަން އެކުގައި... 09

"މި އޮފީސް ކަމަކު..." ދޮގު ހަދަން ޖެހުނީތީ އާރިޒް ދެރަވިއެވެ. ބައްޕައަށް ދޮގު ހެދުމަކީ އާރިޒް އެއް އިރެއްގައިވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ.

********

"މިޖާ ބުނި ދަރިފުޅު ވަރަށް ހާސްވެގެން އޮފީހުން ނުކުމެގެން ދިޔަ ވާހަކަ..." އީސަ އިނީ އިތުރު ތަފްސީލް ބޭނުންވެފައެވެ. އާރިޒްގެ މޫނުން އޭނާއަށް ފެނުނީ އޭގެ ކުރިން ފެނުނުފަދަ އަސަރުތަކެއް ނޫނެވެ. "ކަމެއް ގޯސްވީތަ ދަރިފުޅާ؟..."

"ނޫނޭ... ބައްޕަ ފިކުރުބޮޑުވެލައްވާ ކަހަލަ އެއްވެސް ކަމެއް ދިމައެއްނުވޭ..." އާރިޒް ޖަވާބު ދިނީ މިޖާދެކެ ހިތްހަމަނުޖެހިފައި އިނދެ، އެކަން ފޮރުވަން މަސައްކަތް ކުރަމުންނެވެ.

"މިޖާ ވަރަށް ގިނައިރު ވެއިޓްކުރިން އޮފީހުގަވެސް... އާރީ ނައީމަ ގެއަށް އައީކަމަށް ބަލާފަ މިކޮޅަށް އައީ... ދޯ އަންކަލް؟..." މިޖާ ބޭނުންވީ އީސަ މެދުވެރިކޮށްގެން އާރިޒާއި ވާހަކަ ދައްކާށެވެ.

"ދަރިފުޅު ލަސްވީމަ ބައްޕަ ބުނީ މިޖާ ކައިރީ މިކޮޅުގަ މަޑުކުރަން..." މިޖާގެ ވާހަކައަށް އެއްބަސްވަމުން އީސަ ބުންޏެވެ.

"އަންކަލް ވަރަށް ރަނގަޅު... މިޖާ ހުންނަން ލޯބިލޯބި ރޫމެއްވެސް ދިން...." މިޖާ ގަޔާވެލާފައި އާރިޒާއި ވާހަކަ ދެއްކިއެވެ.

އީސަ ހިނިތުންވެގެން މިޖާއަށް ބަލަން އިނެވެ. އާރިޒް މިޖާ ދައްކާ އެއްވެސް ވާހަކައަކަށް ސަމާލުކަން ދިންހެނެއް މިޖާއަކަށް ހިއެއް ނުވިއެވެ. ދެރަވި ނަމަވެސް މިޖާ އިނީ ހިނިތުންވެގެންނެވެ.

"ދަރިފުޅާ!... މިޖާ އެއައީ ކުރު ޗުއްޓީއަކަށް.... ދަރިފުޅު ވާނެ މިޖާ ފޫހިވިޔަނުދީ ގެންގުޅެން.... ލަންޑަނުން އަންނަ ކުދިން މިތާ ވަރަށް ފޫހިވާނެ..." ފަހު ޖުމުލަ ބުނިއިރު އީސަގެ ތުންފަތުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

މިޖާވެސް އީސަގެ ހުނުމުގައި ބައިވެރިވެލިއެވެ. އާރިޒް ކާން ނޫޅެ އިންނަން ފެށުމުން، މިޖާ ސެލެޑްކޮޅެއް ނަގައި އާރިޒްގެ ތަށްޓަށް ލައިދިނެވެ. އާރިޒް އެއްޗެއް ނުބުނެއެވެ. މިޖާ ފަހަރަކު އެއްޗެއް ނަގާފައި އާރިޒްގެ ތަށްޓައް ލައިދޭން ފެށިއެވެ.

"ބައްޕާ!... އަޅުގަނޑު މިއައީ ބޭރުން ކައިގެން..." އާރިޒް ތެދުވިއެވެ. "ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ... މިދަނީ ރެސްޓްކޮށްލަން..."

އާރިޒް ދިޔަ މަންޒަރު ބަލަން އިން މިޖާގެ ހިނިތުންވުން ގެއްލުނެވެ. އޭނާ އަޅައިދިން ކާއެއްޗެހިން އެންމެ އެތިކޮޅެއްވެސް އާރިޒް ނުކެއީތީ މިޖާގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެ ތަށްޓަށް ބަލަން މިޖާއަށް އެތައް އިރަކު އިނދެވުނެވެ. ދެލޮލަށް ގިނަވި ކަރުނަތައް ހިންދައިލުމަށް މަސައްކަތް ކުރަމުން އޭނާ އީސައަށް ބަލައިލުމަށްފަހު، ގަދަކަމުން ހިނިތުންވެލިއެވެ. އާރިޒް ކަންތައްކުރި ގޮތުން އީސަވެސް އިނީ ހައިރާންވެފައެވެ. އާރިޒަކީ ކިޔަމަންތެރި ދަރިއެކެވެ. އެހެންމީހުންގެ ކުރިމަތީގައި އިހުތިރާމްގެއްލޭފަދަ ކަމެއް ކުރުމަކީ އާރިޒް ނުކުރާނެ ކަމެކެވެ. ހާއްސަކޮށް އީސަގެ ކުރިމަތީގައެވެ.

"މާބޮޑަށް ބޮލުގަ ރިއްސަނީކަމަށްވާނީ..." އީސަ ގަދަކަމުން ހިނިތުންވެލިއެވެ. "މިޖާ ދޭބަލަ އެއްޗެއް ހާކާލަދޭން..."

********

ފިނި ދުވަހެކެވެ. ރަޖާގަނޑު ގައިގައި އޮޅާލައިގެން ލިޝާ އިނީ ގޭގެ ބޭރުގައި ހަދާފައިވާ އަށީގައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ކުރިމަތީގައި ކުޅެން ތިބި ކުޑަކުދިންތަކަށެވެ. އެކުދިން ފަދައިން ލިޝާއަށްވެސް ހިޔާލެއް ފިކުރެއްނެތި އުޅެވޭނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. ފިނިވެގެން ދެކޯތާފަތް ރަތްވެފައިވާއިރުވެސް އެތެރެއަށް ވަންނާކަށް ލިޝާ ބޭނުމެއް ނުވިއެވެ. އޭނާ އިންތިޒާރުކުރަމުންދިޔައީ އެންމެ ފަރާތަކަށެވެ. ހިތް އެދުނީ އެފަރާތް ކުރިމަތީގައި ހުރުމަށެވެ.

ލިޝާއަށް އާރިޒް ނުފެންނަތާ ހަފްތާއެއް ވީއެވެ. އާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ މަތިން ލިޝާ މާބޮޑަށް ހަނދާންވާން ފެށިއެވެ. އެމީހުންނާއި ގުޅަން ބޭނުންވި ނަމަވެސް، ދޮގު ހަދަންޖެހޭނެތީ، އެކަން ކުރަން ލިޝާ ފަސްޖެހެނީއެވެ. ކޮންމެ ދުވަހެއް ނިމިދަނީ ހަދާނެގޮތެއް ނޭނގިގެން އުޅެނިކޮށެވެ. އަޅާލާނެ އެކަކުވެސް ނެތް ތަނެއްގައި ކެތްކުރާނެގޮތެއް ލިޝާއަކަށް ނޭނގެއެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް ލިޝާގެ ދެލޯ ކަރުނުން ފުރުނެވެ. އެ ކަރުނަތައް ކޯތާފަތުގައި ބީހޭކަށް ގިނައިރެއް ނުނެގިއެވެ. ވިސްނާ ވިސްނާ ލިޝާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަދާނެގޮތެއް، ކުރާނެ ކަމެއް ނޭނގުނެވެ.

"ދައްތަ މިތާ އިށީނދެލިޔަސް އެންމެ ރަނގަޅުތަ؟..." ލިޝާއާއި ދާދި ކައިރިން އިވުނީ މެދުއުމުރުގެ އަންހެނެއްގެ އަޑެވެ.

ކަރުނަތައް ފޮހެލާފައި ލިޝާ އަވަހަށް ހިނިތުންވެލިއެވެ. ކުޑަކޮށް ދުރަށްޖެހިލައި، އަންހެންމީހާ އިށީނުމަށް ތަން ދެއްކިއެވެ. ހިތުގެ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދަން ލިޝާ ކިތަންމެ ކުޅަދާނަޔަސް، އެކަން އޭނާގެ މޫނުން ސިއްރެއް ނުވެއެވެ.

"އެއްޗެއް ކައިގެންތަ ތީނީ؟..." އަށި މަތީގައި ތައްޓެއް ބައިންދާފައި ލިޝާގެ ކައިރީގައި އެމީހަކު އިށީނެވެ.

"ނޫން..." ލިޝާ ބޯ ހޫރައިލިއެވެ.

"ތީ ދައްތަ މިއަދު ކެއްކި އެއްޗެއް... އެހެރީ ދައްތަގެ ގެ..." ތަންކޮޅެއް ދުރުން ފެންނަން ހުރި ގެއެއް ދައްކައިލަމުން އަންހެންމީހާ ބުންޏެވެ. "އަހަންނަކީ ކައުސަރު... މުސްލިމެއް... ތިވެސް މުސްލިމެއް ދޯ؟..."

ލިޝާ ބޯ ޖަހައިލިއެވެ. ކައުސަރު ގެނައި ތައްޓަށް އޭނާ ބަލައިލީ ޝައުގުވެރިވެފައެވެ. ތަށީގައި ހުރީ ހަނާކުރި ކުކުޅުމަހާއި ރޮށްޓެވެ. ހެނދުނޫއްސުރެ ނުކައި އިނުމުން، ލިޝާގެ ކުޅު ދިޔާވިއެވެ. އެފަދަ މީރު ކާއެއްޗެއް ނުފެންނަތާ އެތައް ދުވަހެއް ވީއެވެ. ވާހަކަ ނުދެއްކި ކަމުގައިވީނަމަވެސް، ލިޝާއާއި ކައުސަރު ކޮންމެ ދުވަހަކުވެސް ބައްދަލުވެއެވެ.

"ލިޝާ..." ލިޝާވެސް އަމިއްލަ ނަން ބުންޏެވެ.

"ވަރަށް ގިނައިން އެކޮއެ މިތާ އެކަނި ހިތާމަ ކުރަން އިންނަތަން ފެނޭ..." ކައުސަރު ވާހަކަ ދެއްކީ ހަމްދަރުދީ އެކުލެވޭ އަޑަކުންނެވެ. "އެއްގޮތަކަށްވެސް ނުކައި ނުބޮއެ ތިހެން ހިތާމަކުރަން އިންނާނެކަމެއް ނެތް..."

"ހިތާމައެއް ނުކުރަން... އެކަމަކު..." ކައުސަރުގެ ގާތްކަން ލިބުމުން، މަދީހާގެ މަތިން ލިޝާ މާބޮޑަށް ހަނދާންވާން ފެށިއެވެ. ކަރުނަ ޖަމާވާން ފެށުމުން، ގަދަކަމުން ހީލިއެވެ.

"ވަޒީފާއެއް ހޯދަދެންތަ؟..." ލިޝާގެ މޫނުމަތީގެ އަސަރުތައް ދެނެގަންނަން މަސައްކަތް ކުރަމުން ކައުސަރު ސުވާލުކުރިއެވެ. "ދައްތަ މި މަސައްކަތް ކުރަނީ ހޮޓަލެއްގެ ލޯންޑަރީއެއްގަ... އެތަނުން ވަޒީފާއެއް ހޯދަދީފާނަން..."

ކައުސަރުގެ މަގުސަދަކީ ލިޝާއަށް އެހީވުމެވެ. އެކަނިވެރިކަން ފިލުވައިދިނުމެވެ. އަމިއްލަ ދަރިފުޅު ދުނިޔެއާއި އަލްވަދާއު ކިޔުމުން، ކައުސަރުގެ ހިތްވެސް ވަނީ ކުދިކުދިވެފައެވެ. އުބައިދާ ދުނިޔޭގައި ހުރިނަމަ، ވާނީ ލިޝާއެކޭ ދާދި އެއްވަރެވެ. ނުރައްކާތެރި އެކްސިޑެންޓެއްގައި އުބައިދާ މަރުވިތާ އެތައް އަހަރެއް ފާއިތުވެފައިވާއިރުވެސް ކައުސަރުގެ ހިތުން އޭނާގެ ދަރިފުޅުގެ ހަނދާންތައް ފިލައިނުދެއެވެ. ލިޝާ ފެންނަ ކޮންމެ ފަހަރަކު އުބައިދާގެ ހަނދާންތައް އައުވެއެވެ.

ވަޒީފާއަކަށް ގޮސްގެން އާމްދަނީއެއް ހޯދަން ލިޝާވެސް ބޭނުންވެއެވެ. އެނބުރި ގައުމަށް ދާން ފައިސާ ބޭނުންވާނެއެވެ. އާރިޒަށް އެހީވުމަކީވެސް ލިޝާ ދިޔުމުގެ ކުރިން ކުރަން ބޭނުންވާ ކަމެކެވެ. އެކަމަކު އާރިޒް އެނބުރި އަންނާނެ ހެއްޔެވެ؟ ކޮންމެ ދުވަހެއް ނިމިދަނީ ލިޝާ އާރިޒްގެ އިންތިޒާރުގައި ހުއްޓައެވެ.

"އަހަރެން ވަރަށް ބޭނުން ވަޒީފާއެއް..." ލިޝާ ގޮތް ނިންމިއެވެ.

ލިޝާގެ ބުރަކަށީގައި ފިރުމައިލާފައި ކައުސަރު ދިޔައީއެވެ. ކައުސަރު ގެނައި ތައްޓަށް ބަލަން ލިޝާއަށް އިނދެވުނެވެ. އެހާ މީރު އެއްޗެއް އާރިޒަށް ނުދީ ކާކަށް ލިޝާގެ ހިތެއް ނޭދުނެވެ. އަންނާނެކަން ޔަގީން ނުވާއިރުވެސް، ލިޝާގެ ހިތް ބުނަމުންދިޔައީ އާރިޒަށް އިންތިޒާރު ކުރާށެވެ.

އިރު އޮއްސި، ހަމަހިމޭންކަން މުޅި މާހައުލު ފަތަހަކުރިއެވެ. އަވަށުތެރޭގައިވީ، މަރުފަދަ ހިމޭންކަމެކެވެ. ބޮޑުކަމެއް ވާންއުޅޭކަމުގެ އިންޒާރެއް ފަދައެވެ. ކުއްލިއަކަށް ގުގުރާ ވިދަން ފެށިއެވެ. ވާރޭ ވެހޭކަށް ގިނައިރެއް ނުނެގިއެވެ. ލިޝާ އިނީ ހިތްބިރުގަނެފައެވެ. ގުގުރާ ވިދާނަމަ، އެކަނި ހުންނަން އޭނާ ޖެހިލުންވެއެވެ. ހާއްސަކޮށް ބަންދުވެފައިވާ ތަނެއްގައެވެ. ކައުސަރުގެ ގެއަށް ދާން ހިތަށް އަރާފައިވެސް ވާރޭ ވެހޭތީ ލިޝާ އެހިޔާލު ދޫކޮށްލިއެވެ. ކޮންމެވެސް މީހަކު ތަޅުގައި ހިފާލިހެން ލިޝާއަށް ހީވިއެވެ. ދޮރުގައި އާރިޒް ހަރުކޮށްދިން ކުޑަ ފިލާކޮޅު ކަހައިލުމަށްފަހު ބޭރުގައި ހުރީ ކާކުތޯ ބަލައިލިއިރުވެސް ލިޝާގެ ދެއަތް ތުރުތުރުއަޅައެވެ. ކުރީ ދުވަހުގެ ހާދިސާއަށްފަހު އެކަނި ހުންނައިރު ކިރިޔާ އަޑެއް އިވުނަސް ލިޝާ ސިހެއެވެ. ބޭރު އޮތީ އަނދިރިކޮށެވެ.

ލިޝާއަށް ހީވީ ރަނގަޅަށެވެ. ދޮރުމަތީގައި މީހަކު ހުއްޓެވެ. އެމީހަކު ހުރީ ކަޅު ހިޔަންޏެއް ހެންނެވެ. ކާކު ކަމެއް ވަކިވާވަރެއް ނުވެއެވެ. އެކަމަކު، ދޮރުމަތީގައި ހުރީ އާރިޒްކަން ލިޝާ ޔަގީންކުރިއެވެ. ލިޝާ އަވަހަށް ދޮރު ހުޅުވިއެވެ.

އާރިޒް ހުރީ ތެމި ފޯވެފައެވެ. އެތެރެއަށް ވަންއިރު މުޅި މީހާ ތުރުތުރު އަޅައެވެ. ލިޝާ ދުވެފައި ގޮސް ތުވާއްޔެއް ހިފައިގެން އައެވެ. އާރިޒްގެ ގައިގައި އޮޅާލަދިނެވެ. އެހެން ތުވާލިކޮޅެއް ހިފައިގެން އައިސް އާރިޒްގެ ބޮލުން ފެން ހިއްކައިދޭން ފެށިއެވެ.

"ކީއްވެ ވާރޭ ވެހޭއިރު ބޭރަށް ނުކުތީ؟... ހުއްޓާލަންދެން މަޑުކުރިނަމަ..." ޝަކުވާގެ ރާގަކަށް ލިޝާ ވާހަކަދެއްކިއެވެ. "މިހާ ފިނިއިރު ބަލިވެދާނެ... ރޯގާޖެހޭނެ..."

"ކީއްވެ؟..." ލިޝާގެ އަތުގައި ހިފަހައްޓަމުން އާރިޒް އަހައިލިއެވެ. "ކީއްވެ އަހަންނަށް އެހާ ރަނގަޅީ؟..."

ލިޝާ އާރިޒްގެ މޫނަށް ބަލައިލިއެވެ. ބުމަ އުފުލައިލިއެވެ. ފިނިވެގެން އާރިޒްގެ މޫނު ވަނީ ރަތްވެފައެވެ. ބޮލުގެ އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް މޫނުގައި ބީހިފައި ތިރިއަށް ދިޔައެވެ. ތުނބުޅީގައިވެސް ފެންތިކިތައް ހަރުލާފައި ހުއްޓެވެ. އޭގެ ކުރިން ލިޝާއަށް ފެނިފައިނުވާފަދަ ފިރިހެންވަންތަކަމެއް އާރިޒްގެ ފަރާތުން އޭނާއަށް ފާހަގަވިއެވެ. ބޭއިހުތިޔާރުގައި ލިޝާއަށް ބޯ ހޫރައިލެވުނެވެ. އަމިއްލަ ހިތް ހަމައަކަށް އެޅުވިއެވެ.

"ތީ އަހަރެންގެ ބޭބެ ވީމައެއްނު..." ލިޝާ ޖަހައިލީ ލުއި ހިނިގަނޑެކެވެ. އޭނާ އަނެއްކާވެސް އާރިޒްގެ އިސްތަށިގަނޑުން ފެން ހިއްކައިދޭން ފެށިއެވެ.

އާރިޒް ހުރީ އަޖައިބުވެފައެވެ. އެތައް ދުވަހެއް ކޮށްފައި އައުމުންވެސް ލިޝާ ޝަކުވާއެއް ނުކުރެއެވެ. ސުވާލެއްވެސް ނުކުރެއެވެ. ބަދަލުގައި އާރިޒަށް ދިނީ އަޅާލުމާއި އޯގާތެރިކަމެވެ. އެފަދަ އަންހެންކުއްޖަކު އޭނާ ދުވަހަކުވެސް ނުދެކެއެވެ.

"ކީއްވެތަ ޝަކުވާއެއް ނުކުރަނީ؟..." އާރިޒް އަނެއްކާވެސް ލިޝާގެ އަތުގައި ހިފެހެއްޓިއެވެ. ކުރަން ހުރި ކަންތައް ހުއްޓުވިއެވެ. ލިޝާ މާ ގާތްވެގެން އުޅޭނަމަ، އޭނާއަށް ގޯހެއް ހެދިދާނެއެވެ. ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ.

"ކޮން ކަމަކާ؟..." ލިޝާ އަހައިލީ އާރިޒް ބުނި އެއްޗެއް އޭނާއަށް ރަނގަޅަށް ފަހުމްނުވެ ހުރެ އަހާ ކަހަލަ ގޮތަކަށެވެ.

"އެއްވެސް ކަމަކާ..." އާރިޒް ބުންޏެވެ.

"ކީއްކުރަން ބޭކާރު ކަންތައް ކުރަނީ... ޝަކުވާ ކުރުމަކީ ބޭކާރު ކަމެއް..." ލިޝާ ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނާ އެންމެ ބޭނުންވި ވަގުތުގައި އާރިޒް އައުމުންނެވެ.

"ތިހާ ގާތްވެގެން އުޅޭއިރު، އަހަރެންދެކެ ބިރެއް ނުގަނޭތަ؟..." އާރިޒް އަހައިލިއެވެ.

ފިނީގެ ސަބަބުންނާއި ލިޝާގެ ގާތްކަމުން އާރިޒަށް ތަފާތު އިހުސާސެއް ކުރެވެން ފެށިއެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރުފޯރުވަން އުނދަގޫވާ ހިސާބަށް ދިޔައެވެ. ލިޝާ ހުއްޓުވަން އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ. އެކަމަކު، ބަސްނާހާ އެ އަންހެންކުއްޖާގެ މައުސޫމުކަމުން އެކައްޗެއްވެސް ނުވިސްނެއެވެ.

"ތީ އަހަރެންގެ ބޭބެއެއްނު..." ލިޝާ ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ކީއްވެ އަހަރެންގެ ބޭބެދެކެ ބިރުގަންނަންވީ؟..."

ނުހަނު ކައިރިން ލިޝާއަށް އާރިޒްގެ މޫނަށް ބަލައިލެވުނެވެ. އެމޫނުގެ އަސަރުތައް ފެނި ލިޝާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ތޫނު ދެލޯ އަމާޒުވެފައިވީ ސީދާ ލިޝާގެ ދެލޮލަށެވެ. އެ ދެލޮލުން އެކަނިވެސް ލިޝާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލައިފިއެވެ. ދެމީހުންގެ މެދުގައިވަނީ އާއިލީ ގުޅުމެއް ނޫންކަން ލިޝާއަށް އިހުސާސްކުރެވެއެވެ. އޭނާއަށް އާރިޒަށް ބެލުނީ ކޮއްކޮއަކު ބޭބެއަކަށް ބަލާނެފަދަ ނަޒަރަކުން ނޫނެވެ. އާއިލީ ގުޅުމަކުން ނަން ދޭން ބޭނުންވި ކަމުގައިވިޔަސް މެއެވެ. ލިޝާ ގަނޑުވިއެވެ. މަޑުމަޑުން އަތް ތިރިކޮށްލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު