ރާއްޖޭގެ އިމާމުން އިތުރަށް ތަމުރީނުކުރަން އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއެއް އިސްލާމިކް މިނިސްޓްރީން މިއަދު އިފުތިތާހުކޮށްފިއެވެ.
މިނިސްޓްރީން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 11 ސަރަހައްދަކަށް ބަހައިލައިގެން ކަމަށާއި މި ޕްރޮގްރާމުގައި ނުވަ މާއްދާއެއް ހިމެނޭ ކަމަށެވެ.
އެގޮތުން އަޤީދާއާއި އަޚުލާގާއި ތަޖުވީދާއި ތިއޮރީއާއި މުޖުތަމަޢު ބިނާކުރުމުގައި މިސްކިތުގެ ދައުރާއި އަޅުކަމުގެ ފިޤުހުތަކާއި ޤުރުއާނުގެ ތަފުސީރާއި ޤުރުއާނަށް ތަދައްބުރުކުރުމާއި ހަދީޘާއި އިސްލާމީ ސަގާފަތާއި ޢުލޫމުލް ޤުރުއާނުގެ އިތުރުން ދަޢުވާގެ އުޞޫލުތަކާއި ހިތާބާއި އަރަބި ބަސް ވެސް މި ޕްރޮގްރާމްގައި ކިޔަވައިދޭނެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ބުރު ގއ. ގެމަނަފުށީގައި ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ.

އިމާމުން ތަމްރީނުކުުރުމަށް ހަމަޖެހިފައިވާ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ
މިއަދު އިސްލާމިކް މިނިސްޓްރީގައި މި މަޝްރޫއު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސެޓްފިކެޓު ލެވެލް ކޯސްތަކާއި ޑިޕޮލޮމާ ކޯސްތަކުން އިމާމުންނަށް ލިބޭ މައުލޫމާތަށްވުރެ ގިނަ މައުލޫމާތުތަކެއް މި ކޯހުން ލިބޭނެ ކަމަަށެވެ.
"މީގެ ބޭނުމަކީ މިހާރުގެ މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ އިލްމީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން. ހަމައެކަނި ސެޓްފިކެޓް ލެވެލް ކޯހެއް ހަދާފައި އިމާކަށްވެގެން ތިބޭ ތިބުން ނިމުމަކަށް ގެނައުން،" ޝަހީމް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވާނެ ކަމަށާއި 6-5 ދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމް ދިގުދެމިގެންދާނެ ކަމަށް ޝަހީމް ފާހަކުރެއްވިއެވެ. އަދި، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުންނަށް މި ޕްރޮގްރާމް ފުރިހަމަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ އިތުރުން ވެސް އިމާމުން ތަމުރީނުކުރުމަށް ރާއްޖޭން ބޭރަށް ފޮނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
comment ނޫނު
1 year 3 month ago
ނަމާދުކުރާއިރު އިސްޕީކަރުގެ އަޑު ބަހައްޓަންވީގޮތް ކިޔަވައިދޭނެކަމަށް އުންމީދުކުރަން. މާލޭ ސަރަހައްދުގެ 95 ޕަސަންޓު މިސްކިތްތަކުގައި އިމާމުން ހީވަނީ މިސްކިތް ފަޅާލަން އުޅޭހެން. ފަހުގެ އިމާމުން އަދި މާކަންތައްގަނޑު ބޮޑު. ވަށައިގެން ބިޔަ އިސްޕީކަރުތައް ހަރުކޮށްފައި އެހާ އަޑުގަދަކޮށްފަ ހުންނައިރު އަދި އެވަރުން ނުވެގެން އިމާމުގެ އަޑުވެސް އެހާ ގަދަ. އެއީ އިސްލާމްދީނުގައި އޮންނަކަމެއްނޫން. އަމިއްލައަށް ހަދައިގެން އުޅޭ ކަމެއް. ނަމާދުކުރަން ފަހަތުގަ ތިބޭމީހުންނަށް ވަރަށް އުނދަގޫވާ ކަމެއް އެއީ. އަޑު ހުންނަންވާނީ މީހުންގެ ކަންފަތާ ކުޅަދާނަވާގޮތަށް މެދު މިންގަނޑެއްގައި. މާބާރެއްނޫން އަދި މާ މަޑެއްވެސްނޫން. އެއީ ހުންނަންޖެހޭނެގޮތް. ދަސްކޮށްދޭތި.
reply ދީ
1 year 3 month ago
މިސްކިތްތަކުގައި އަޑުގަދަވުމަކީ ފަހުޒަމާނުގެ އަލާމާތެއް.
reply ނަންނުގަތި
1 year 3 month ago
ރަނގަޅުވާހަކައެއް. ބައެއް މިސްކިތްތަކުގައި ވަރަށް އަޑުމަޑު. ބައެއް މިސްކިތްތަކުގައި ވަރަށް އަޑުގަދަ. އަސްލުގަ ގިނަފަހަރަށް ވާގޮތަކީ ނަމާދުކުރައްވާ އިމާމުންގެ އަޑު ހުންނަ ގޮތުން ވާގޮތެއްއެއީ. ބައެއް ބޭފުޅުން މާ މަޑުން ވިދާޅުވަނީ. އަނެއްބައި ބޭފުޅުން ހަމަ އަޑު ގަދައީ. މައިކާއި ސްޕީކަރު ހުންނަ ހަނދާން އެބޭފުޅުން ނުހުންނަނީ ކަންނޭނގެ.