ވާނަން އެކުގައި... 08

ގޭގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން ލިޝާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން ދޮރާއި ދިމާއަށް ބަލައިލިއެވެ.

"ކާކު؟..." ލިޝާ ވަރަށް ބިރުންހުރެ ސުވާލުކުރިއެވެ.

********

އާރިޒްގެ އަޑު އިވުނުހެން ލިޝާއަށް ހީވިއެވެ. ކުޑަކޮށް ދޮރު ހުޅުވާލުމާއިއެކު، ދޮރުމަތީގައި ހުރި މީހަކު ދޮރުފަތުގައި ހިފައި އެތެރެއަށް ކޮށްޕައިލިއެވެ. ލިޝާ ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ދޮރުފަތުން ޖެހިފައި އޭނާ ވެއްޓުނު ވަގުތު، މޭޒުކަނުގައި ވަރަށް ބާރަށް އަތް ޖެހުނެވެ.

ދެމީހަކު އެތެރެއަށް ވަނެވެ. އެއީ އޭގެ ކުރިން ލިޝާ ދެކުނު ބައެއް ނޫނެވެ. ފަނޑު އަލިކަމުގައިވެސް އެވަރު އޭނާއަށް އެނގުނެވެ. އެކަކު އޭނާގެ އަތުގައި އޮތް ޓޯޗުން ލިޝާގެ މޫނަށް އަލިކުރިއެވެ.

"މީ ހަމަ އޭނަ..." ހިންދީބަހުން އެމީހަކު ބުނި އަޑު އިވުނެވެ.

"އަވަސްކުރޭ!... ނަގާ... އަވަސްކުރޭ!..." އަނެކަކު ބުންޏެވެ.

ލިޝާ ހަޅޭއްލަވަލަވާ އޮއްވާ ދެމީހުންވެގެން އޭނާ ނެގިއެވެ. އަނގަމަތީގައި އަތް އަޅައިގެން ގަދަކަމުން ކަހަލަ ގޮތަކަށް ގޭތެރެއިން ނެރެން މަސައްކަތްކުރިއެވެ. ގަދަހެދި ނަމަވެސް ލިޝާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. ދެ ފިރިހެނުންގެ ކުރިމަތީގައ ބާރެއް ނުދެއްކުނެވެ. ދެމީހުން ލިޝާ ގެންގޮސް އެރުވީ ކާރަކަށެވެ. އޭނާއަށް އިތުރުކަމެއް ނުކުރެވުނެވެ. މޫނުމަތީގައި ފިނި އެއްޗެއް ޖެހުނުކަން އިހުސާސްވިއެވެ. ޑްރައިވަރު ކާރު ދުއްވައިލިކަން ލިޝާއަށް އެނގުނެވެ. ގިނައިރެއްނުވެ، ހަބަރު ހުސްވެގެން އޭނާގެ ދެލޯ މެރުނެވެ.

********

"އޭނ؟..." ފޯނު ނަގައި ކަންފަތުގައި ޖެހުމާއިއެކު ލިބުނު ހަބަރަކުން އަކްރަމުގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. "ތީ ކިހިނެއްވީ ކަމެއް؟..."

"ނޭނގެ... މީ ރޭވުމެއް... ވަރަށް ބޮޑު ރޭވުމެއް..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި ފިރިހެންމީހާ ހުރީ ހިތްހަމަނުޖެހިފައެވެ. ހަމަ އެއާއި އެއްވަރަށް ހާސްވެފައެވެ.

"ތީ ކަލޭމެންގެ މިސްޓޭކެއް... ޔަގީންތަ ރަނގަޅު އަންހެންކުއްޖާ ކަން؟..." އަކްރަމް ޔަގީންނުވެގެން ސުވާލުކުރިއެވެ.

"އާނ... އަހަރެމެންގެ މީހުން ގޯހެއް ނުހަދާނެ... ވަރަށް ޔަގީންކޮށްފަ ނޫނީ މިކަހަލަ ކަންކަމެއް ނުކުރާނެ..." ފިރިހެންމީހާ ޖަވާބުދިނެވެ.

"އެކަމަކު، އޭނަ ސަލާމަތްކުރަން އިންޑިޔާގެ އެންމެ ބޮޑު ގޭންގު ދާންޖެހުނު ސަބަބެއް އަހަންނަކަށް ނުވިސްނޭ..." އަކްރަމަށް ގަބޫލުކުރަން ދަތިވިއެވެ.

"ވީ ވާ ސޯ ކްލޯޒް..." ފުން ނޭވާއެއް ދޫކޮށްލަމުން ފިރިހެންމީހާ ވާހަކަ ދެއްކިއެވެ. "އެކަމަކު އަހަރެންގެ މީހުންވެސް މިހާރު ވީ އެމީހުންގެ އަތްދަށުގަ... އެއީ އަހަރެމެންގެ ތެރެއިން އެންމެ ކުޅަދާނަ މީހުން... އަހަރެމެންނަކަށް އިތުރަށް މިކަމެއް ހޭންޑްލްއެއް ނުކުރެވޭނެ... އެހެން ބަޔަކު ހޯދާ... ވީ އާ އައުޓް..."

"މަޑުކޮށްބަލަ..." އަކްރަމް އަވަސް އަވަހަށް ބުންޏެވެ. "ތީ މިސްއަންޑަސްޓޭންޑިންއެކޭ... ކީއްވެ އިންޑިޔާ މީހުން އޭނަ ސަލާމަތްކުރަންވީ؟... ކާކު އެވަރުގެ ކަމެއް ކުރާނީ؟..."

"ޔަގީންތަ އެއީ އާދައިގެ އަންހެންކުއްޖެއްކަން؟..." ފިރިހެންމީހާ ސުވާލުކުރީ ޔަގީން ނުވެފައި ހުރި ކަހަލަ ގޮތަކަށެވެ. "އެވަރުގެ ގޭންގެއް ނުވަންނާނެ އާދައިގެ މީހެއްގެ މައްސަލައެއްގެ ތެރެއަކަށް..."

"އާނއެކޭ.... އޭނަގެ އެކަކުވެސް މިތާކު ނުހުންނާނެޔޭ... އޭނަ އިންޑިޔާއަށްވެސް އައީ އަލަށް..." އަކްރަމް ފުންވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. "ތިވާނީ އޮޅުމެއް ކަމަށް..."

ފޯނު ބޭއްވިއިރުވެސް އަކްރަމްގެ ސިކުނޑިއަކަށް ލުޔެއް ނުލިބުނެވެ. އޭނާއަށް މައުލޫމާތު ލިބުނުގޮތުން، ލިޝާ ހުރީ އާދައިގެ ނިކަމެއްޗަކު ދިރިއުޅޭނެފަދަ ގެއެއްގައެވެ. ވީއިރު، ލިޝާއަށް އެހީތެރިވާން ދިޔައީ ކޮން ބައެއް ހެއްޔެވެ؟ ފޯނުން ވާހަކަ ދެއްކި މީހާ ބުނިހެން، މުއްސަންޖަކު ލިޝާއަށް އެހީވާންވީ ކީއްވެ ހެއްޔެވެ؟ ލިޝާ ސަލާމަތްކުރަން އެވަރުގެ ބޮޑު ގޭންގެއްގެ ކިބައިން އެދެންވީ އެކުއްޖާގެ ކިބައިގައި ކޮން ހާއްސަ ސިފައެއް ހުރެގެން ހެއްޔެވެ؟ ނޫނެކެވެ. އެއީ އޮޅުމެކެވެ. އެމީހުން ގެންދިޔައީ ލިޝާއެއް ނޫނެވެ. ލިޝާއާއި ވައްތަރު އެހެން އަންހެންކުއްޖެކެވެ.

********

މެދުގޭތެރޭގައި ބައިންދާފައިވާ ފަންކާ އެނބުރެމުން ދިޔައެވެ. ލިޝާ އޮތީ އެނދުގައެވެ. ހަރަކާތެއް ނެތެވެ. ދެލޯ ވަނީ މެރިފައެވެ. ނޫނީ އޭނާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ލިޝާގެ ގައިމަތީގައި ބޯ ރަޖާގަނޑެއް އަޅާފައި އޮތެވެ. ފަންކާގެ ވައި ލިޝާގެ މޫނަށް އެޅޭ ކޮންމެ ފަހަރަކު އިސްތަށިތައް މޫނަށް ގޯނާކޮށްލައެވެ.

ލިޝާގެ ކައިރީގައި އިށީނދެލައިގެން އިން އާރިޒްގެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. ލިޝާގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަން އަތް އުފުލާލާފައިވެސް އަތް ތިރިކޮށްލިއެވެ. އޭނާ އަމިއްލަ ހިތަށް ވިސްނައިދިނުމުގައި ކާމިޔާބު ހޯދިއެވެ. އުނދަގޫގޮތަކަށް ތެދުވެގެން ގޮސް ފަންކާ ނިއްވައިލިއެވެ. ލިޝާއަކީ އާރިޒަށް ހާއްސަ އަންހެންކުއްޖެއް ނޫނެވެ. އެއީ އޭނާގެ ދުޝްމަނެކެވެ. ބަދަލުހިފުމުގެ ރޫހު ހިތުން ނެރެ އެއްލާލައިގެން ނުވާނެއެވެ.

ލިޝާގެ އަތުން ބޮޑު ތަންގަނޑެއް ކަފައިގެން ގޮސް، ލޭހިލިފައި ހުއްޓެވެ. މޫނުން ހަލާކުވެފައިވާ ޒަހަމުތައް ރަނގަޅުނުވަނީސް އެ ހަށިގަނޑުގައި އިތުރު ޒަހަމެއް ލީއެވެ. އާރިޒްގެ ހިތަށް އުނދަގޫވިއެވެ. ދުޝްމަނަކަށްވިޔަސް، އިންސާނިއްޔަތުކަން ނެތް އަމަލަކަށް އޭނާއަށް މަރުހަބާއެއް ނުކިޔޭނެއެވެ. އާރިޒް މަޑުމަޑުން އަތް އުފުލާލުމަށްފަހު، ލިޝާގެ މޫނުގައިވާ ޒަހަމުގެ ކައިރީގައި އަތް ޖައްސައިލިއެވެ. އެތަންތަން ސާފުކޮށްދީފައި ބޭސް އަޅައިދިނެވެ. ލިޝާއަށް އަނިޔާ ދެވޭނީ އާރިޒަށެވެ. ހަމައެކަނި އާރިޒަށެވެ. އެހެން މީހަކަށް އެ ހަށިގަނޑުގައި އަތް ޖައްސާލެވިގެންވެސް ނުވާނެއެވެ.

މެދުގޭތެރޭގައި ހަރުކޮށްފައިވާ ގަޑީގެ ކަށި ހިނގަމުންދިޔަ އަޑު އިވިއިވި ހުއްޓެވެ. އުނދަގޫ ގޮތަކަށް ފުރޮޅިލުމަށްފަހު ލިޝާ ދެލޯ ހުޅުވައިލިއެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އޭނާ ފުންމައިގެން ތެދުވިއެވެ. އެނދު ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން އިން އާރިޒަށްވެސް އޮތީ އެނދުގައި ބޯ އަޅާލިގޮތަށް ނިދިފައެވެ. ލިޝާ ފުންމައިގެން ތެދުވުމުން، އާރިޒްވެސް ސިހިފައި ފުންމައިގެން ކޮޅަށް ތެދުވިއެވެ.

ކުޑަދޮރުގައި ޖަހާފައިވާ ސަތަރިތަކުން އިރައިގެން ގޮސްފައިވާ ޖާގަތަކުން އިރުގެ ރަން ދޯދިތައް ގޭތެރެއަށް އެޅިފައި ހުއްޓެވެ. އިރު އެރިކަން އާރިޒަށްވެސް އެނގުނީ ރަނގަޅަށް ދެލޯ ހުޅުވާ ބަލައިލުމުންނެވެ. އާރިޒްގެ މޫނުން ފެނުނީ ހާސްކަމެވެ.

ލިޝާ އިރުކޮޅަކު ވިސްނަން އިނެވެ. ރޭގައި ކަންތައް ވީގޮތް އޭނާ ރަނގަޅަށް ހަނދާން ހުއްޓެވެ. އެކަމަކު، އެނބުރި ގެއަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ ސުވާލުގެ ނަޒަރަކުން ލިޝާއަށް އާރިޒަށް ބަލައިލެވުނެވެ. ލިޝާގެ ހިމާޔަތުގައި ހަމައެކަނި ހުރި މީހަކީ އާރިޒެވެ. އެކަމަކު އެއީ އާރިޒް ކަމުގައިވާނަމަ، އާރިޒަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އެމީހަކީ އާރިޒެއް ނޫނެވެ. އާރިޒްގެ ގައިގައި ޒަހަމެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ލިޝާ ގެންދިޔައީ ނުރައްކާތެރި ބައެކެވެ. އެމީހުންގެ ކައިރީގައި އާރިޒަށް ބާރު ދެއްކުނަސް، އަނިޔާއެއް ނުލިބި އޭނާ ސަލާމަތްކޮށްގެން ނުގެނެވުނީހެވެ.

"އޯކޭތަ؟..." އާރިޒްގެ ދެއަތަށާއި މޫނަށް ނަޒަރު ހިންގައިލަމުން ލިޝާ އަހައިލިއެވެ.

އާރިޒް ލިޝާއަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. އަނިޔާ ލިބުނީ ލިޝާއަށެވެ. އެކަމަކު، ލިޝާ ކަންބޮޑުވަނީ އާރިޒަށް ކަމެއް ވެދާނެތީއެވެ. އަމިއްލަ ނަފުސާއިމެދު ލިޝާ ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ މޮޔަ އަންހެންކުއްޖެކެވެ.

"ވަރަށް ބަނޑުހައިދޯ؟... ރެސްޓްކޮށްލާ އިހަށް... ވަރަށް އަވަހަށް އެއްޗެއް ކައްކާލާނަން..." ލިޝާ ތެދުވެގެން އުނދުނާއި ދިމާއަށް ހިނގައިގަތެވެ.

އާރިޒަށް ބަލަން އިނދެވުނީއެވެ. ލިޝާގެ ޒަހަމުތަކުގައި ވޭން ނާޅަނީ ހެއްޔެވެ؟ އެ ޒަހަމުތަކުގެ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ރޭގެ ހާދިސާއާއި ގުޅޭގޮތުންވެސް ލިޝާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ޝަކުވާއެއް ނުކުރެއެވެ. ކޮންކަހަލަ އަންހެންކުއްޖެއް ހެއްޔެވެ؟

އާރިޒް ވިސްނަން އިންދާ ލިޝާ އައިސް ތައްޓަކާއި ޖޯޑެއް ދިއްކޮށްލިއެވެ. ބިސްގަނޑަކާއި ހޫނު ސައިތައްޓެކެވެ. އާރިޒް ތަށީގައި ހިފުމުން، ލިޝާ އައީ އޭނާގެ ތަށި ހިފައިގެންނެވެ.

********

އާރިޒް އައިސް ގެއަށް ވަންއިރު، ކާގެ ތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. އީސައާއިއެކު ކާމޭޒުކައިރީގައި އިނީ އަންހެންކުއްޖެކެވެ. އެކުއްޖާގެ އިސްތަށިގަނޑު ދިގެވެ. އިނީ ދޮރަށް ފުރަގަސްދީގެންކަމުން އާރިޒަށް އެކުއްޖާގެ މޫނު ފެންނަގޮތެއް ނުވިއެވެ.

ސިލްވަރ ވޫޑަކީ މާ ގިނަ އަންހެންކުދިން ވަދެއުޅޭ ގެއެއް ނޫނެވެ. އެހެންކަމުން އެއީ ކޮން އަންހެންކުއްޖެއް ކަން އާރިޒަށް ކޮންމެވެސް ވަރަކަށް ފަހުމުވިއެވެ.

ބައްޕައަށް ނުފެންނާނޭހެން ސިއްރުން ކޮޓަރިއަށް ވަންނަން ހިނގައިގަތް އާރިޒްގެ ފިޔަވަޅުތައް ހުއްޓުނީ އީސަ ގޮވާލި އަޑު އިވުމުންނެވެ.

"ދަރިފުޅާ އައިސްބަލަ..." އީސަ އޭނާގެ ޖުމުލަ ތަކުރާރުކޮށްލިއެވެ.

އާރިޒް ބަލައިލިއިރު، މޭޒުކައިރީގައި އިން އަންހެންކުއްޖާ ފަސްއެނބުރިގެން އޭނާއަށް ބަލަން އިނެވެ. އާރިޒް ބަލައިލުމުން ހިނިތުންވެލިއެވެ. މިޖާ ފެނުމުން، އާރިޒްގެ ތަބީއަތު ހަރާބުވިއެވެ. ރީތި ސިފައެއް ލިބިފައިވިޔަސް، މިޖާއަކީ އާރިޒް އެއްވެސް ވަރަކަށް ގަޔާވާ އަންހެންކުއްޖެއް ނޫނެވެ.

"ހެލޯ އާރީ..." މިޖާ އަތުން ހަނާ އަޅައިލިއެވެ.

އިތުރުގޮތެއް ނެތުމުން އާރިޒް އައިސް ކާމޭޒުކައިރީގައި އިށީނެވެ. އީސަ ވަރަށް ފަރުވާތެރިކަމާއިއެކު އާރިޒަށް ބަލައިލިއެވެ. ތިންއިރު ހެދުން ބަދަލުކުރާ އާރިޒް ލައިގެން އިނީ އިއްޔެވެސް ލައިގެން އިން އެއްޗެއްސެވެ. ބޮލުގެ އިސްތަށިގަނޑުގައި ތެތްކަމެއް ނެތެވެ. ހެނދުނުގެ ތާޒާކަމެއް މޫނުން ނުފެނެއެވެ.

"ދަރިފުޅާ!... ކޮންތާކުން ތިއައީ؟..." އީސައަށް ކެތްނުވެގެން ސުވާލުކުރިއެވެ. "މިޖާ ރޭއްސުރެ ދަރިފުޅު އަންނަންދެން އެ އިންނަނީ..."

"މި އޮފީސް ކަމަކު..." ދޮގު ހަދަން ޖެހުނީތީ އާރިޒް ދެރަވިއެވެ. ބައްޕައަށް ދޮގު ހެދުމަކީ އާރިޒް އެއް އިރެއްގައިވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު