އިންޑިއާގެ ކަލަސް ޓީވީން ދައްކަމުން އަންނަ ދުވަސްވީ ރިއަލިޓީ ޝޯ 'ބިގް ބޮސް'ގެ 17 ވަނަ ސީޒަން މުނައްވަރު ފާރޫޤު ކާމިޔާބުކޮށްފިއެވެ.
ސްޓޭންޑް އަޕް ކޮމެޑީ ޝޯތަކުން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އުމުރުން 32 އަހަރުގެ މުނައްވަރަށް 'ބިގް ބޮސް17'އިގެ ޓްރޯފީއާ އެކު 50 ލައްކަ އިންޑިއަން ރުޕީސް އަދި ލަގްޒަރީ ބްރޭންޑްގެ ކާރެއް ވަނީ ލިބިފައެވެ.
ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަން އަދި އާރް މާދަވަން ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވި ރޭގެ ފިނާލޭގައި މުނައްވަރާ ވާދަކޮށްފައިވާ އަނެއް ބައިވެރިއަކީ އަބީޝެކް ކުމާރެވެ. އަބީޝޭކާ އެކު ފިނާލޭގައި މުނައްވަރާ ވާދަކުރި އިތުރު ފަންނާނުންގެ ތެރޭ މަނާރާ ޗޯޕްރާ، އަންކިތާ ލޯކަންޑޭ އަދި ޔޫޓިއުބަ އަރުން ސްރިކާންތު ހިމެނެއެވެ.
މި ސީޒަންގެ ފަހު އެޕިސޯޑުތަކުގައި ޓީވީ ތަރި އަންކިތާ ލޯކަންޑޭއާއި ފިރިމީހާ ވިކީ ޖެއިންއަށް ލިބެމުން ދިޔަ ސަމާލުކަމާ އެކު ގިނަ ބަޔަކު އުއްމީދުކުރީ ޝޯގެ ޓްރޮފީ ކާމިޔާބު ކުރާނީ އަންކިތާ ނުވަތަ ވިކީ ޖެއިން ކަމަށެވެ. ބައެއް މީހުންގެ ފާޑުކިޔުންތައް އަންކިތާގެ ދެމަފިރިންނަށް ލިބި 'ބިގް ބޮސް 17' ވަނަ ސީޒަންގެ ފަހު ހަފުތާތަކުގެ އެޕިސޯޑުތައް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.
ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ބެލުންތެރިންގެ ފަރާތުން ލިބުނު ވޯޓުގެ އަދަދު މަދުވުމުން ވިކީ ޖެއިން ވަނީ ފައިނަލަށް ނުގޮސް އެލިމިނޭޓް ވެފައެވެ.

ބިގް ބޮސް 17ވަނަ ސީޒަންގެ ފިނާލޭގައި ވާދަކުރިން ފަންނާނުން-- ފޮޓޯ/އިންޓަނެޓް
މީގެ ކުރިން ވެސް ރިއަލިޓީ ޝޯއެއް ކާމިޔާބުކޮށްފައިވާ މުނައްވަރަށް 'ބިގް ބޮސް 17'ގެ ޓްރޮފީ ކާމިޔާބު ކުރެވުމާ ގުޅިގެން އޭނާ ވަނީ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ކަލަސް ޗެނަލްއިން ދައްކަން ފެށި "ބިގް ބޮސް 17"ވަނަ ސީޒަން ފެށީ ޖުމްލަ 18 ފަންނާނުންނާ އެކުއެވެ. ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހޯސްޓު ކުރަމުން އަންނަ މި ރިއަލިޓީ ޝޯވް އިންޑިއާގައި އެންމެ ފުރަތަމަ ދައްކަން ފަށާފައިވަނީ 2006 ވަނަ އަހަރެވެ.