ޚުތުބާ ކިޔަން ޝައުގުވެރިވެ 160 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގެ ތެރެއިން: ޚުތުބާ ކިޔަން ޝައުގުވެރިވެ 160 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޚުތުބާ ކިޔުމުގެ ހުއްދަ ނަގަން 160 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ގުރޭޑު 10 ނިންމާ ދަރިވަރުންނަށް އިމާމުވެ، ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައި ކުރި އިއުލާނަށް މިހާތަނަށް 160 އަށް ވުރެ ގިނަ ޒުވާނުން ފޯމު ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން 'ސަން' އާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު އަލީ އަހްސަން ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ކުދިން ހޮވާނީ އެ ކަމަށް ހާއްސަ އިންޓާވިއުއެއްކޮށް އިމްތިހާނެއް ވެސް ބާއްވައިގެން ކަމަށެވެ.

އަދި، މުޅި ރާއްޖެއަށް ހުޅުވާލި އެ ފުރުސަތާ ގުޅޭގޮތުން ގިނަ ބަޔަކު ގުޅައި، މައުލޫމާތު ސާފުކޮށް، ފޯމު ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި، އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބޭނެ ކަމެކެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތަށް ދަރިވަރުންނަށް ހުއްދަ ދޭން ނިންމީ ޒުވާން ޚަތީބުންނާއި އިމާމުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އިމާމުގެ ހުކުރު ނަމާދު ކުރަން ވަކި ސަނަދެއް ބޭނުންވެއެވެ. މިހާރު އެ ހުއްދަ ދޫކުރަނީ އެސްއެސްސީ ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމުން ދަށްވެގެން ސީ ފާސް، ނުވަތަ އަރަބި މީޑިއަމުން ސާނަވީ ދެވަނަ އަހަރުން ފާސްވެފައިވާނަމައެވެ. އަދި، ޤުރުއާނާއި ފިޤުހު ހިމެނޭހެން ގައުމީ ސަނަދުގެ ލެވެލް ތިނަކުން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ.

ނަމަވެސް މި ގެނެވުނު ބަދަލާ އެކު ސްކޫލު ނިންމާ ދަރިވަރުންނަށް ވެސް މިހާރު ޚުތުބާ ކިޔުމުގެ ސަނަދު ހޯދޭނެއެވެ.

comment ކޮމެންޓް