ދަރްމާ ޕްރޮޑަކްޝަންގެ ކުރިއަށް އޮތް ފިލްމުގެ ނަން ދިމާކޮށްގެން އެ ފިލްމުގެ މަންޒަރުތައް ބަލާލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އާއްމުންނަށް ހުޅުވައިލައިގެން ކަރަންގެ އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވަނީ ވަރަށް ޝައުގުވެރި ތިން ސުވާލެއް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
އެ ތިން ސުވާލުގެ އެހީގައި ކަރަންގެ ޕްރޮޑަކްޝަން ހައުސްގެ ކުރިއަށް އޮތް ފިލްމަށް ކިޔާ ރަނގަޅު ނަން ދިމާކުރުމަށް މަގުބޫލު ޑައިރެކްޓަރު ވަނީ އެދިފައެވެ.
ފިލްމުގެ ޓައިޓްލް ނުވަތަ ނަން ދިމާކުރާ ފަރާތަކަށް އެ ފިލްމުގެ މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބޭނެކަމަށް ކަރަން ވަނީ މި ޕޯސްޓުގައި ބުނެފައެވެ.

އިބްރާހިމް އަލީ ޚާން، ބަތަލާ ކާޖޮލް އަދި ތެލުގޫ އެކްޓަރު ޕްރިތްވީރާޖް-- ފޮޓޯ/އިންޓަނެޓް
މި ފިލްމަކީ، މިދިޔަ އަހަރު މަސައްކަތް ނިމިފައިވާ ފިލްމެއް ކަމަށާއި ފިލްމުން ސައުތު ސިނަމާގެ ވަރަށް ވަރުގަދަ އެކްޓަރެއް ފެންނާނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިއީ ފިލްމީ ދުނިޔެއާ ގުޅެން ކެތް މަދުވެފައިވާ ހުނަރުހުރި ޒުވާނެއް ތައާރަފްކުރާ ފިލްމެއް ކަމަށާއި ބަތަލާގެ ރޯލްއިން ފެންނާނީ އާއްމުންގެ ލޯބި ހޯދާފައިވާ ބެލުންތެރިން ވަރަށް އަވަހަށް ޖަޒުބާތުގައި ޖައްސުވާ ބަތަލާއެއް ކަމަށް ކަރަންގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ކަރަންގެ ފަރާތުން ދިން އެހީތެރިކަމާއެކު ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމީ ދާއިރާއަށް ތައާރަފްވާ ފިލްމު "ސަރްޒަމީން" ކަމުގައެވެ.
ފިލްމު "ސަރްޒަމީން"އަކީ ފިލްމީ ތަރި ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީ އަލަށް ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެކުރިން ވެސް ކަރަންއާއެކު ދަރުމާގެ ބައެއް ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައިވާ ކަޔޯޒޭގެ އެދުމުގެ މަތިން ފިލްމު "ސަރްޒަމީން"ގެ މައިގަނޑު ޕްލޮޓް ވަނީ ފިލްމު ކްރޫއިންނަށް ވެސް ސިއްރުކޮށްފައެވެ.
ކަރަން މިއަދު ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓާއެކު މި ފިލްމުގެ އިތުރު މައުލޫމާތު ވަރަށް އަވަހަށް ބެލުންތެރިންނާ ހިއްސާކުރާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ދަރުމާގެ ފިލްމަކުން އިބްރާހީމް ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައި ވާއިރު މިދިޔަ އަހަރު ރިލީޒްވި އެ ކުންފުނީގެ ފިލްމު "ރޮކީ އޯރް ރާނީ"ގެ އެސިސްޓެންޓް ޑައިރެކްޓަރަކީ ވެސް އޭނާއެވެ.