ބީއެމްއެލްއިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓްރެސްޓް އަނެއްކާ ވެސް ރޭޓް ދަށްކޮށްފި

ބީއެމްއެލްއިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓާއި، ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް ދެ ޕަސެންޓަށް އަނެއްކާ ވެސް ދަށްކުރުން --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓާއި، ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް ދެ ޕަސެންޓަށް އަނެއްކާ ވެސް ދަށްކޮށްފިއެވެ.

އެ ކުންފުނިން ބުނީ މިދިޔަ ބުދަ ދުވަހު ބޭއްވުނު ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް %2.5 އަށް ދަށްކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން، މިހާރު ނަގައިފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީތަކަށް ވެސް އަންނަން މަހުން ފެށިގެން ކަނޑައަޅައިފައިވަނީ މި ރޭޓެވެ.

މީގެއިތުރުން، ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީއާއި ދިރިއުޅުމުގެ ޚަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 ޕަސެންޓާ ހަމައަށް ފައިނޭންސް ލިބޭ ގޮތަށް ބަދަލު ގެނެވިފައިވާ ކަމަށް ބުންޏެވެ.

އަދި، ފައިނޭންސިން ރޭޓަށް ގެނެވުނު ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގައިފައިވާ މީހުންނަށް ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު އޮޓަމެޓިކުން ކުޑަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް 2.5 ޕަސެންޓަށް ކުޑަކުރުމަކީ އެ ކުންފުންޏަށް ލިބުނު އުފަލެއް ކަމަށެވެ.

އަދި، ފައިނޭންސިން ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވުނު ކަމަށެވެ.

ބީއެމްއެލްއިން ބުނީ، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގައިފައިވާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށެވެ.

ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިވެގެންދާއިރު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެއެވެ.

comment ކޮމެންޓް