ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް، އައިކަން އޮފް ދަ ސީސްގެ ދަތުރުތައް ފަށައިފިއެވެ.
މިއާމީ ބަނދަރުން ދަތުރުތައް ފަށައިފައިވާ އެ ބޯޓުގެ ދިގުމިނުގައި ގާތްގަނޑަކަށް 365 މީޓަރު ހުރެއެވެ. އެއްފަހަރާ 7،600 ފަސިންޖަރުންނަށް ދަތުރުކުރެވޭހާ ޖާގަ ހުންނަ އެ ކްރޫޒް ޝިޕަކީ ރޯޔަލް ކެރީބިއަން ގްރޫޕުން އުފައްދައިފައިވާ އުޅަނދެކެވެ. މިއާމީން ފުރައިގެން ހަތް ދުވަހުގެ ހޮޕިން ދަތުރެއް އެ ބޯޓު ކުރާނެއެވެ.

އައިކަން އޮފް ދަ ސީ އަކީ އެއްފަހަރާ 7600 މީހުންނަށް ދަތުރުކުރެވޭ އުޅަނދެއް -- ފޮޓޯ/ބީބީސީ
އެ ކްރޫޒް ޝިޕަށް ނަން ދިނުމަށް މިދިޔަ ހަފުތާގައި ބޭއްވި ހަފުލާގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލޮއިނޮލް މެސީ ވެސް ބައިވެރިވިއެވެ.
ޖުމުލަ 20 ޑެކް ހުންނަ އެ ކްރޫޒް ޝިޕްގައި ބީޗް ރިޓްރީޓްސް، ރިސޯޓް އެސްކޭޕްސް އަދި ތީމް ޕާކް އެޑްވެންޗާސް ވެސް ހިމެނެއެވެ. ތަފާތު އަށް އަވަށެއް ހިމެނޭއިރު، އެއިން ކޮންމެ އަވަށެއްގައި ރެއާއި ދުވާލު ތަފާތު ތަޖުރިބާތަކެއް ކުރެވޭނެއެވެ. އައިކަން އޮފް ދަ ސީސް ގައި ހަތް ޕޫލް ވެސް އޮވެއެވެ. އޭގެ ތެރޭގައި ކަނޑުގެ ފުރަތަމަ ސަސްޕެންޑް އިންފިނިޓީ ޕޫލް ވެސް ހިމެނެއެވެ.

އައިކަން އޮފް ދަ ސީސްގައި ހަތް ސްވިމިން ޕޫލް އޮވޭ --- ފޮޓޯ/ބީބީސީ
ކްރޫޒް ޝިޕްގެ ދަތުރެއްގެ އަގަކީ މީހަކަށް 1،723 ޑޮލަރާއި 14،205 ޑޮލަރާއި ދެމެދުގެ އަގެކެވެ.
ނަމަވެސް ލިކުއިފައިޑް ގުދުރަތީ ގޭހުން ކަރަންޓް އުފައްދާ އެ އުޅަނދުން ވައިގެ ތެރެއަށް ގެއްލުން ހުރި މީތޭން ލީކުވާނެ ކަމަށް ތިމާވެށީގެ މާހިރުން ވަނީ އިންޒަރުދީފައެވެ.

ކްރޫޒް ޝިޕްގެ އެތެރޭގައި އޮންނަ ޕާކެއް --- ފޮޓޯ/ބީބީސީ
ވަރުގަދަ ގްރީންހައުސް ގޭހެއް ކަމަށްވާ ޖައްވުގައި ހުންނަ މީތޭން އަކީ ކާބަން ޑައިއޮކްސައިޑަށް ވުރެ 80 ގުނަ ނުރައްކާތެރި ގޭހެކެވެ. އެ ގޭސްތައް މަދުކުރުމަކީ ދުނިޔެ ހޫނުވުން މަޑުޖައްސާލުމަށް ވަރަށް މުހިންމު ކަމެއް ކަމަށް މާހިރުން ބުނެއެވެ.