ޣައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސްއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް އިއްޔެ އިތުރަށް ވަރުގަދަކޮށްފިއެވެ.
ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެ ސަހަރަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހެމުން ދިޔުމާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ އިތުރު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިފައެވެ.
އިސްރާއީލުން މިހާރު އެންމެ ވަރުގަދަޔަށް ހަމަލާތައް އަމާޒުކުރަމުން އަންނަ ހާން ޔޫނިސްއަށް ހަމަލާތައް ދީފައި ވަނީ ޓޭންކުތަކާއި ބަރު ހަތިޔާރު ބޭނުންކޮށްގެންނެވެ.
ހާން ޔޫނިސްގައި ހުންނަ މައި ދެ ހޮސްޕިޓަލަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވެސް ވަނީ އިތުރުކޮށްފައެވެ. އެ ދެ ހޮސްޕިޓަލު ކަމަށްވާ އަލް ނާސިރު ހޮސްޕިޓަލާއި އަލް އަމަލް ހޮސްޕިޓަލް ކައިރިއަށް އިއްޔެ ދިން ހަމަލާތަކުގައި އެކަކު ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރޮސެންޓުން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުން ހޮސްޕިޓަލްތަކަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ސަބަބުން ސިއްހީ ހިދުމަތަށް ގެއްލުންވެ، ޑޮކްޓަރުންނާއި ބަލިމީހުންނާއި ގެދޮރު ގެއްލިފައިވާ މީހުންގެ ފުރާނައަށް ނުރައްކާވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލްޤިދްރާ ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ އެކި ހަމަލާތަކުގައި 174 ވަނީ ޝަހީދު ކޮށްލައިފައެވެ.
އެއާއެކު އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 26,257 އަށް އުފުލިފައެވެ.
ހަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000 އަށް އުފުލިފައެވެ. 2.3 މިލިއަން މީހުންގެ އާބާދިއެއް އޮންނަ ޣައްޒާގެ 85 އިންސައްތަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.