އޮސްޓްރޭލިއަން އޯޕަން: ޖޮކޮވިޗު ކަޓުވާލައި، ސިނާ ފައިނަލަށް

ސިނާއާއި ޖޮކޮވިޗު އެންމެ ފަހުން ވާދަކުރި ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކުރީ ސިނާ -- ފޮޓޯ/ އަޝާގް އަލް އަސްވަތު

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން މުބާރާތުގައި ހަތަރުވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔާނިކް ސިނާ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ސިނާ ޖާގަ ހޯދައިފާވަނީ މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗު ބަލިކޮށްގެންނެވެ. ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވުމުގެ އިތުރުން އޮސްޓްރޭލިއަން އޯޕަންގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ ޖޯކޮވިޗްގެ މައްޗަށް ކުރި ހޯދީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު ތިން ސެޓް އެއް ސެޓުންނެވެ.

އޮސްޓްރޭލިއާއަށް މެންދުރުފަހުގެ ވަގުތުގައި ކުޅުނު މި ސެމީ ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓުގައި ޖޯކޮވިޗް ފެނިގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފުރަތަމަ ދެ ސެޓު ސިނާ ފަސޭހަކަމާ އެކު 6-1 އަދި 6-2 އިން ކާމިޔާބު ކުރުމެވެ. ފުރަތަމަ ދެ ސެޓާ ހިލާފަށް ތިންވަނަ ސެޓު ވެގެންދިޔައީ ވަރަށް ހަމަހަމަ ސެޓަކަށެވެ. މި ސެޓު ވަނީ 6-6 އިން އެއްވަރުވެ ޓައި ބްރޭކަކަށް ގޮސްފައެވެ. ޓައި ބްރޭކް ސިނާއަށް މެޗު ޕޮއިންޓެއް ލިބިގެންދިޔަ ނަމަވެސް އެކަން ކާމިޔާބު ނުކުރެވި 6-8 އިން ކާމިޔާބުކޮށް ތިންވަނަ ސެޓު ގެންދިޔައީ ޖޯކޮވިޗެވެ.

ނަމަވެސް ޖޯކޮވިޗްގެ އެނބުރި އައުމެއް ފެނުމުގެ ބަދަލުގައި ހަތަރުވަނަ ސެޓުގައި އަނެއްކާ ވެސް ފެނިގެންދިޔައީ ސިނާގެ މޮޅު ކުޅުމެވެ. މިގޮތުން މި ސެޓުގެ ހަތަރުވަނަ ގޭމްގައި ސާޅީސް ސުމަކުން ޖޯކޮވިޗް ކުރީގައި އަމިއްލަ ސާވްގައި ކުޅެމުން ދިއުމާ އެކު ވެސް ޖެހިގެން އައި ފަސް ޕޮއިންޓް ކާމިޔާބުކޮށް ގޭމް ބްރޭކް ކުރިއެވެ. މިއާއެކު ފަހަތަށް ބެލުމެއް ނެތި ސިނާ ވަނީ 6-3 އިން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދިއެވެ.

މުބާރާތުގެ ފައިނަލްގައި ސިނާ ބައްދަލުކުރާނީ މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވްއާއި ހަވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒްވަރޭވް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ކުޅުންތެރިޔަކާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޖޯކޮވިޗު ބުނީ، އޭނާއަށް މި މެޗުގައި ދެއްކުނު ކުޅުމާމެދު އޭނާ ވެސް ހައިރާންވާ ކަމަށެވެ. އޭނާ ބުނީ، މިއީ ގްރޭން ސްލޭމް މެޗެއްގައި އޭނާއަށް އެންމެ ދަށް ކުޅުމެއް ދެއްކުނު މެޗު ކަމަށެވެ. މިއީ ވޭތިވެދިޔަ ތިން މަސް ތެރޭގައި ސިނާ، ޖޯކޮވިޗް ބަލިކުރި ތިންވަނަ ފަހަރެވެ.

comment ކޮމެންޓް