''ކަންބަޅި''އިން ''އާދޭ ދާން'' ބަލާލައިފިންތަ؟

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި"ގެ ސައުންޑްޓްރެކުން އާ ލަވައެއް ރިލީޒްކޮށްފިއެވެ.

ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ އާ ލަވަ "އާދޭ ދާން" އަކީ ކަންބަޅި އަލްބަމް އިން އާންމުކުރި ފުރަތަމަ ލަވައެވެ. މި ލަވައަކީ ފިލްމުގެ ތީމާ މުޅީން ތަފާތު ލަވައެކެވެ. އަޕްބީޓް މިއުޒިކާއެކު އާންމުކުރި މި ލަވައިގެ މިއުޒިކް ވީޑިއޯޯ ވެސް ވަނީ ރިލީޒް ކޮށްފައެވެ. މި މިއުޒިކް ވީޑިއޯއިން ފެނިގެން ދަނީ އުފާވެރި އާއިލާއެއް އެކުގައި އުޅޭ ތަނެވެ.

މި ލަވަ ކިޔާފައިވަނީ މަރިޔަމް ސަލްވާއެވެ. ލަވައިގެ ރާގުގެ މަސައްކަތް ޝަހީދު ލެގަސީ އާއި އަބްދުލް ބާސިތެވެ. ލަވައިގެ މިއުޒިކް ކޮމްޕޯސް ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ ޝަހީދެވެ.

އަންނަ ހަފުތާ ބުރާސްފަތި ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމުގެ ޓިކެޓު ދޫކުރަން ފަށައި އާންމުންނަށް ފަސޭހައިން ޓިކެޓް ލިބޭނެ ގޮތްތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޓިކެޓް އޮންލައިންކޮށް ނެގުމުގެ ނިޒާމް ވަނީ މިހާރު ހަމަޖެހިފައެވެ.

އެގޮތުން އައިފިލްމްސްއިން ހާމަކުރާ ގޮތުގައި 7242555 އަށް ގުޅާލައިގެން ނުވަތަ ވައިބާ އަދި ވަޓްސްއެޕް ބޭނުންކޮށްގެން ޓިކެޓް ބުކް ކޮށްލެވޭނެއެވެ. އެއަށް ފަހު ޓިކެޓް ނަގަން އޮލިމްހަށް ދާކަށް ނުޖެހޭނެއެވެ.

ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.

comment ކޮމެންޓް