މިސް ވޯލްޑް މުބާރާތް 28 އަހަރު ފަހުން އިންޑިއާގައި

މިސް ވޯލްޑް 2017ވަނަ އަހަރުގެ ހަފްލާ-- ފޮޓޯ/އިންޓަނެޓް

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މިސް ވޯލްޑްގެ މި އަހަރުގެ މުބާރާތް އިންޑިއާގައި ބާއްވާގޮތަށް ނިންމައިފިއެވެ.

މިސް ވޯލްޑް އޯގަނައިޒޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ 71ވަނަ މިސް ވޯލްޑް މުބާރާތް އިންޑިއާގައި ބާއްވަން ނިންމާފައި މިވަނީ އެ މުބާރާތް އިންޑިއާގައި ބޭއްވިތާ 28 އަހަރަށް ފަހުއެވެ.

އިންޑިއާއަށް މިސް ވޯލްޑް ތާޖު ހާސިލުކޮށްދީފައިވާ ބައެއް ތަރިން، މަނޫޝީ ޗިލާ(ކ)، އައިޝްވާރިޔާ ރާއި ބައްޗަން(ވ)-- ފޮޓޯ/އިންޓަނެޓް

ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިސް ވޯލްޑްގެ ބައެއް ފެސްޓިވަލް ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ބާރަތު މަންޑަޕަމްއާއި މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރު ފަދަ ހިތްގައިމު ސަރަހައްދު ތަކުގައެވެ. މިސްވޯލްޑްގެ ފުރަތަމަ ހަރަކާތް ފެށޭނީ އަންނަ މަހުގެ 20 ވަނަ ދުވަހު ނިއު ދިއްލީގެ ހިތްގައިމު ހޮޓެލް އަޝޯކްގައި ބާއްވާ 'ދަ އޯޕެނިންގް ސެރެމަނީ'އާ އެކު މި މުބާރާތުގެ ގާލާ އިވެންޓު 'އިންޑިއާ ވެލްކަމްސް ދަ ވޯލްޑް ގާލާ'ގެ ސިލްސިލާ ހަރަކާތްތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިސް ވޯލްޑް އޯގަނައިޒޭޝަންގެ ޗެއާމަން އަދި ސީއޯ މިސް ޖޫލިއާ އެވްލިން މޯލީ ބުނެފައިވަނީ، މިހާތަނަށް މިސް ވޯލްޑްގެ އެންމެ ގިނަ ތާޖު ހޯދި ޤައުމަކީ އިންޑިއާކަމަށް ވުމުން މި އަހަރުގެ މިސް ވޯލްޑް މުބާރާތުގެ ހަރަކާތްތައް އިންޑިއާގައި ބޭއްވޭތީ ވަރަށް އުފާވާ ކަމަށެވެ. އިންޑިއާ އަކީ ޖޫލިއާގެ ހިތުގައި ވަރަށް ހާއްސަ ލޯތްބަކާއި އިހުތިރާމެއް ދެވިފައިވާ ޤައުމެއް ކަމަށާއި މި އަހަރުގެ މުބާރާތުގެ 120 ބައިވެރިންނަށް އެ ޤައުމުގެ އާދަކާދައާއި ސަޤާފަތް ތަޖުރިބާކޮށްލަން މިއީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ޖޫލިއާ ވަނީ ބުނެފައެވެ.

2022ވަނަ އަހަރު އިންޑިއާގެ ފެމިނާ މިސް އިންޑިއާގެ މަގާމު ހާސިލުކުރި ސިނީ ޝެޓީ-- ފޮޓޯ/އިންޓަނެޓް
މި އަހަރުގެ މިސް ވޯލް މުބާރާތުގެ ހަރަކާތްތައް ނިންމައިލާނީ މާޗު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ މިސް ވޯލްޑް ގްލޯބަލް ފިނާލޭއިންނެވެ. މި ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ މުމްބާއިގައި ހުންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައެވެ.

މި އަހަރުގެ މުބާރާތުގައި އިންޑިއާ ތަމްސީލުކޮށްދޭނީ 2022ވަނަ އަހަރު އިންޑިއާގެ ފެމިނާ މިސް އިންޑިއާގެ މަގާމު ހާސިލުކުރި ސިނީ ޝެޓީއެވެ.

comment ކޮމެންޓް