ޓީވީ ސިލްސިލާ "ކުމްކުމް ބަގްޔާ"އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދުމަށް ފަހު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ މްރޫނާލްއަށް ބޮލީވުޑްގެ ފިލްމުތައް މިހާރު އެހާ މުހިއްމު ނޫން ކަމަށް ބަތަލާ ބުނެފިއެވެ.
ބޮލީވުޑްގައި އުފައްދާ ލޯބީގެ ފިލްމުތަކުން ބަތަލާއަށް ފުރުސަތު ނުލިބޭތީ އެކަމާ ކުރިން ކަންބޮޑުވި ނަމަވެސް ބޮލީވުޑުން ލޯބީގެ ފިލްމުތަކުން ރޯލުތައް ހޯދަން އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް މްރޫނާލް ވަނީ ބުނެފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި މްރޫނާލް ބުނެފައިވަނީ ތެލުގޫ ފިލްމު "ސީތާ ރަމާމް" އަދި "ހައި ނާނާ" ފަދަ ލޯބީގެ ރީތި ފިލްމުތަކުން ބަތަލާއަށް ކާމިޔާބީ ހާސިލުކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެފަދަ ލޯބީގެ ރޯލުތައް ހިންދީ ސިނަމާއިން މްރޫނާލްއަށް ނުލިބޭތީ ކަންބޮޑުވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ހިންދީ ފިލްމުތަކުން އެފަދަ ރޯލްތައް ނުލިބެނީ ބޮލީވުޑްގައި ބަތަލާ އެހާ މަޝްހޫރު ނޫންވީމަކަމަށް ވެދާނެކަމުގައި މި އިންޓަވިއުގައި މްރޫނާލް ވަނީ ބުނެފައެވެ.
މްރޫނާލްއަށް ބޮލީވުޑުން ވަރަށް ރަނގަޅު ހުށަހެޅުންތައް ލިބޭ ކަމަށާއި އެހެންނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއްގައި ލޯބީގެ ރޯލެއް ނުހިމެނޭކަމަށް 2018ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ހައި ނާނާ"ގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް
މްރޫނާލްއަށް ލޯބީގެ ރޯލް ކުޅެވިދާނެކަން ބޮލީވުޑްގެ ޕްރޮޑިއުސަރުންނަށް ސާބިތުކޮށްދޭން އިތުރަށް ބޭނުންނުވާ ކަމަށް ބުނެ ބަތަލާ ވަނީ އެހެން ބަހުރުވަތަކުން އުފައްދާ ފިލްމުތައް ކުޅެން އިސްކަންދޭން ނިންމައިފައެވެ.
މިދިޔަ އަހަރު މްރޫނާލް ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭ "ސެލްފީ"، "ގުމްރާހް"، "ލަސްޓް ސްޓޯރީސް2" އަދި "ޕިއްޕާ" ފަދަ ފިލްމުތައް ހިމެނެއެވެ. މްރޫނާލް އިތުރު ހިންދީ ފިލްމެއްގައި މި އަހަރު މަސައްކަތް ކުރަމުން އަންނައިރު ތެލުގޫ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ބަތަލާ ވަނީ އިއުލާނުކޮށްފައެވެ.
މްރޫނާލް އެންމެ ފަހުން ކުޅެފައިވާ ތެލުގޫ ފިލްމު "ހައި ނާނާ"އަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ފިލްމުގައު ގެނެސްދިން ވާހަކައިގެ ސާދާކަމާ އެކު ގިނަ ބަޔަކަށް މްރޫނާލް ފިލްމުގައި ދެއްކި ހުށަހެޅުން ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.