އެމްފައިސާ މެދުވެރިކޮށް ބައިސްކޯފަށް ފައިސާ ދެއްކޭގޮތް ހަދައިފި

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު -- ފޮޓޯ/ ބައިސްކޯފު

އުރީދޫ އާއި ބައިސްކޯފުގެ އެއްބަސްވުމެއްގެ ދަށުން، އެމް ފައިސާ މެދުވެރިކޮށް ބައިސްކޯފަށް ފައިސާ ދެއްކޭ ގޮތް ހަދައިފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ، މިއީ އަދި ފެށުމެއް ކަމަށެވެ.

"ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދައިފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނާޝިޕާއެކު ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް އެކިކަހަލަ އުފާވެރި ޚަބަރުތައް ލިބިގެންދާނެ،" ނިޔާޒް ވިދާޅުވިއެވެ.

ބައިސްކޯފުގައި އެމް-ފައިސާ ބޭނުންކުރުމަށް އެންމެ ފަހުގެ އެޕް ޑާއުންލޯޑު ކުރުމަށްފަހު ފީ ދައްކާލުމަށް އެމް-ފައިސާ ޚިޔާރުކުރެވޭނެއެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް އެމްފައިސާއަށް ރަޖިސްޓަރު ކޮށްލެވޭނެއެވެ.

ބައިސްކޯފު އެޕްލިކޭޝަނަކީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތައް މެދުވެރިކޮށް ދިވެހިންގެ މަގުބޫލު ފިލްމް، ޑްރާމާ، މިއުޒިކް ވީޑިއޯ ބަލައިލެވޭ އެޕްލިކޭޝަނެކެވެ.

ބައިސްކޯފުގައި ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓް ބަލައިލެވޭނެއެވެ.

ބައިސްކޯފުން ބުނީ، މިއީ ބައިސްކޯފުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ބައިސްކޯފުން ދޭ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް