ގަވައިދާ ޚިލާފަށް، ކުދި ގޯޅިތަކުގައި ހިންގާ ވިޔަފާރިތައް ހުއްޓުވާނަން: އާޒިމް

މާޗް 23، 2021: އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ އެކިއެކި މަގުތަކުގައާއި، ހަނި ގޯޅިގޯޅިގައި ގަވައިދާ ޚިލާފަށް ހިންގަމުން އަންނަ ވިޔަފާރިތައް ހުއްޓުވާނެކަމަށް މާލޭގެ މޭޔަރު އާދަަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ އެކި ތަންތަނުގައި ބިދޭސީން ބައިތިއްބައިގެން، ތަރުކާރިއާއި މޭވާ ވިއްކާ އެކި ތަންތަން ހަދައިފައި އެބަހުއްޓެވެ. މި ތަންތަނަކީ މަގުގައި ހިނގާ މީހުންނަށް ދަތިވާހެން، މާ ބޮޑު ސާފުތާހިރުކަމެއް ނެތި ހިންގާ ތަންތަނެވެ.

އެގޮތުން ތަރުކާރިއާއި މޭވާ ހުސްކުރި ފޮށިގަނޑުގަނޑާއި، ހަލާކުވެފައި ހުންނަ މޭވާފަދަ ތަކެތި މިފަދަ ކުދި މާރުކޭޓުތައް ކައިރި އުކައިފައި ހުރެއެވެ.

މަގާމާ ހަވާލުވެ، އެންމެ ފުރަތަަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަންކަމަށް އަލި އަޅުއްވައިލައްވައި، އާޒިމް ވިދާޅުވީ މާލޭގައި އޭނާ ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންދެވިއިރު ވެސް އެ ކަން ފާހަގަވިކަމަށެވެ.

އެ ފަދަ ތަންތަން ހިންގަނީ ސާފުތާހިރުކަން ކުޑަކޮށްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެ ކަން ހުއްޓުވުމަށް ޓަކައި ވެށިފާރަވެރިންނާއި، ފުލުހުންނާ ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގަވައިދާ ޚިލާފަށް ހަމަ ވަރަށް ގިނަ ގޯޅިގަނޑުގަނޑު ތެރޭގައި އެކިއެކި ވިޔަފާރިތައް ކުރާކަން ފާހަގަކުރެވިފައި އެބަހުރި އަޅުގަނޑުގެ ޑޯޓުޑޯގައި. ޚާއްސަކޮށް ތަރުކާރި ފިހާރަތަކާއި މި އެއްޗެހި ވިއްކައިފައި، މުޅި މަގުތައް މައްޗަށް ހުރިހާ ކުނިބުނި އަޅައިފައި އެ މީހުން އެ ދަނީ،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭ ތެރޭ ގަވައިދާ ޚިލާފަށް ކުރާ ކަންކަން، އެ ކަމަކާ ގުޅޭ އިދާރާއަކާ ގުޅިގެން ހުއްޓުވުމުގެ މަސައްކަތް ކުރުމަކީ އޭނާ ގެންގުޅުއްވާ ވިސްނުންކަމަށެވެ.

އަދި އެ މަސައްކަތުގައި މުއައްސަސާތަކުގެ ފަރާތުން އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް