ދިރާގުގެ 'ވިން އަ ޓެސްލާ ޕްރޮމޯޝަން' ގެ ދަށުން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެެރެއިން ހޮވޭ ނަސީބުވެރިއަކަށް ދޭން ނިންމައިފައިވާ ޓެސްލާ ކާރު މިއަދު ރާއްޖެ ގެނެސްފިއެވެ.
މި ކާރާ ބެހޭ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު ހަސަން ޝާރިހް އާދަމް ވިދާޅުވީ މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އީދު ބަންދާ ދިމާކޮށް ކަމަށެވެ.

ދިރާގުގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު ހަސަން ޝާރިހް އާދަމް ވާހަކަ ދައްކަނީ---ސަން ފޮޓޯ/ މާވީ
ދިރާގުން ބުނި މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކަސްޓަމަރުންނަށް ތަފާތު އަގުހުރި އިނާމްތަކެއް ދިނުމަށް ޓަކައި އެ ކުންފުނިން ލޯންޗުކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.
އެގޮތުން މި ކާރަކީ ތިމާވެއްޓާއި ރައްޓެހި، އެންމެ ޒަމާނީ އިލެކްޓްރިކް ކާރެއް ކަމަށާއި އެ ކާރަކީ ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ މިސާލެއްގެ ގޮތުގައި ބަލައިގަނެވޭނެ ކާރެއް ކަމަށް ދިރާގުން ބުންޏެވެ.

ޓެސްލާ ކާރު ގެނެސް، ދިރާގު ހެޑް އޮފީހުގައި -- ސަން ފޮޓޯ/މާވީ
'ވިން އަ ޓެސްލާ' ޕްރޮމޯޝަނުގައި، ޕޯސްޓްޕެއިޑް 450 ޕްލޭން ނުވަތަ ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވައިލައިފައެވެ. އޭގެ ތެރެއިން ޕެކޭޖަކަށް ސަބްސްކްރައިބްކޮށް، އެކަމަށް ޚާއްޞަ ޕޯޓަލްއަކުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މިހާރު ދިރާގުގެ ޚިދުމަތް ބޭނުން ކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އޮގޮތުން މި މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން ކޮންމެ ކަސްޓަމަރަކަށް ވެސް އެ ފަރާތުގެ ނަމުގައި އޮންނަ ހުރިހާ ނަމްބަރަކުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިކުރާ ކޮންމެ ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑް ނަމްބަރަކުން ޓެސްލާ ކާރު ލިބުމުގެ ފުރުސަތު އިތުރުވާނެއެވެ.