ފުލެޓު އެޅުމުގެ ނަމުގައި އެތައް ބައެއް އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ރާއްޖޭން ބޭރަށް ފުރަން ދަށު ކޯޓުން ދިން ހުއްދަ، ހައިކޯޓުން ވެސް ދެމެހެއްޓުމުން ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކުރަން ކުރި އަމުރު މިއަދު ބާތިލްކޮށްފިއެވެ.
މި ހުކުމް ކުރީ ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު އައިޝަތު ޝުޖޫނާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސޫދުގެ އިއްތިފާގުންނެވެ.
އެގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ހައިކޯޓުން ކުރި ހުކުމަކީ ގާނޫނީ ހަމައިގެ ތެރެއިން ކުރި ހުކުމެއް ނޫންކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމް ބާތިލްކުރީކަމަށް ވެސް އެ ކޯޓުގެ ހުކުމުގައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވިދާޅުވީ، އޭނާ ފުރަން ހުއްދަ ދިންއިރު މީގެ ކުރިން އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ ފިލައިފާނެކަމުގެ އިހްތިމާލު އެބައޮތް ކަމަށެވެ.
އަދި ދަށު ކޯޓުން ހުއްދަ ދިންއިރު އެ އިހްތިމާލަށް އަސަރުކުރުވާ ގޮތެއް ބަޔާންކޮށްފައިނުވާކަމަށް ވެސް ފަނޑިޔާރުންވަނީ ބަޔާންކޮށްފައެވެ.
އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓައިފައި އޮއްވައި މިދިޔަ މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާއަށް ފުރުމުގެ ހުއްދަ ދިނީ މައިބަދައިގެ އޮޕަރޭޝަނަކަށް ދާން އެދި ހުށަހެޅުމުންނެވެ.
އެކަމަކު، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންވެ، ހައިކޯޓުން މިދިޔަ މަހު 18ގައި ވަނީ އެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން ފުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެފައެވެ.
އެއަށްފަހު ކޯޓުން މިދިޔަ މަހުގެ 26ވަނަ ނިންމީ ދަށު ކޯޓުގެ ނިންމުމާ އެއްގޮތަށް އައްމަޓީއަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދޭށެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން 2021 ވަނަ އަހަރު ރާއްޖެ ގެނައި އައްމަޓީ އޭގެ ފަހުން ހައްޔަރުގައި ބަހައްޓައި، އެކި ސަބަބުތަކާ ހެދި ތިން ފަހަރެއްގެ މަތިން ދޫކޮށްލާފައިވެއެވެ.
ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފުލެޓު އެޅުމަށް، ސީލައިފާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފުލެޓުތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ 42 ދައުވާ އުފުލައިފައެވެ.
އެ ދައުވާތަކަށް އައްމަޓީ އިންކާރު ކުރެއެވެ.