މި ދޭތެރެއިން ދުރު ނުފެންނަ ވަރަށް މެދުރާއްޖެތެރޭގެ ވައި ނުސާފުވުމަށް ފަހު އަނެއްކާ އިއްޔެއިން ފެށިގެން މިހާރު ވައި ސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފިހުން މިއަދު ބުނެފިއެވެ.
'ސަން'އަށް މައުލުމާތު ދެއްވަމުން މެޓު އޮފީހުން ބުނީ މިހާރު ވަރަށް ބޮޑަށް ވައި ސަފުވެފައިވާ ކަމަށެވެ.
އެގޮތުން މިހާރު ކުރިން ފެންނަ ވަރަށް ދުރު ފެނި މުޅިން އާންމު ހާލަތަށް އިޔާދަވެފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ވައި ވަރަަށް ބޮޑަށް ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ވެސް ވަނީ ހަތަރު ކިލޮމީޓަރަށް ދަށް ވެފައެވެ.
ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައިނުސާފުވުމަކީ އިރުވައި މޫސުމުގެ ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ދިމާވާ މައްސަލައެކެވެ. އެގޮތުން ވައި ނުސާފުވަނީ ޖައްވުތެރޭގައި ހިމެނޭ ޕްލާސްޓިކާއި ވައިގެ ސަބަބުންނެވެ.
އެހެންވެ، ސިއްހަތަށް ނުރައްކާތެރި މިންވަރު ދެނެގަނެ އެކަމުން ރައްކާތެރިވާން ފިޔަވަޅުއެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.