ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ދެ މީހަކު، ރެފިއުޖީ ކޭމްޕެއްގައި ކައިވެނިކޮށްފިއެވެ.
މުޙައްމަދު އަލް ޣަންދޫރު ބޭނުންވީ އަނބިމީހާއަށް ކުލަގަދަ ކައިވެނީގެ ހަފުލާއެއް ބާއްވައިދިނުމަށެވެ. ނަމަވެސް އޮކްޓޫބަރު ހަތްވަނަ ދުވަހު ޣައްޒާގައި އިސްރާއީލުން ހަނގުރާމަ ފެށުމުން މުޙައްމަދުގެ އެ ހުވަފެން ހަގީގަތަކަށް ނުވިއެވެ.
ހަނގުރާމަ ފެށުމުން ޣައްޒާގެ އެހެން އެންމެންނެކޭ އެއްފަދައިން މުޙައްމަދަށް ވެސް ޖެހުނީ އަމިއްލަ ގެދޮރު ދޫކޮށް ވަގުތީ ގޮތުން ދިރިއުޅުމަށް ރެފިއުޖީ ކޭމްޕަކަށް ބަދަލުވާށެވެ.
މުޙަމައްދުގެ އަންހެނުން ޝަހާދު ވެސް ޖެހުނީ އަމިއްލަ ގެ ދޫކޮށް ރެފިއުޖީ ކޭމްޕަށް ބަދަލުވާށެވެ. ކުލަގަދަ ކައިވެނީގެ ހަފުލާއަކަށް ދެ މީހުން ވެސް އުންމީދުކޮށްގެން ތިބި ނަމަވެސް އެ އުންމީދު ފެނަށްވީއެވެ. ނަމަވެސް މުޙައްމަދާއި ޝަހާދު ވަނީ މިދިޔަ ހަފުތާގައި މުޙައްމަދު ދިރިއުޅޭ ރެފިއުޖީ ކޭމްޕްގައި ކައިވެނިކޮށްފައެވެ.
ކުލަ ކުލައިން ދިއްލޭ ބޮކިތަކެއް ކޮންމެ ވެސް ވަރަކަށް ކޭމްޕުގެ ބޭރުގައި ހަރުކުރުމަށް ފަހު، ރީތީކޮށް ޖަރީކޮށްފައި ހުރި މޫނުބަލައި ބޮޑު ލޯގަނޑެއް ކޭމްޕު ތެރޭގައި ވަނީ ބަހައްޓައިފައެވެ. ކޭމްޕު އެތެރޭގައި ޝަހާދު ހުރީ ހުދު ކުލައިގެ ކައިވެނީގެ ހެދުމެއްގައެވެ.
ކައިވެނި ކުރުމަށް ފަހު ދޭ ވަލީމާއަށް ވެސް އެ މީހުން ބޭނުންކުރީ ވަރަށް މަދު ލުއި ކާނާއެވެ. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ޣައްޒާގެ އާންމުންނަށް ބޭނުންވާ ވަރަށް ކާނާއާއި ބޯފެން ލިބުން ވަނީ ދަތިވެފައެވެ.
ދެ ފަރާތުގެ އާއިލާއިން ވަނީ ބޮޑު ހަފުލާއެއް ބާއްވައި ކައިވެނިކުރުމުގެ ކަންކަމަށް ކުރީއްސުރެ ވަރަށް ބޮޑަށް ތައްޔާރުވެ، ބޮޑެތު ހަރަދުތަކެއް ވެސް ކޮށްފައެވެ. މުޙައްމަދު ވަނީ ކައިވެނީގެ ހަފުލާގައި ލާން ބޭނުންކުރާނެ ހެދުމަށް އެކަނި ވެސް 2000 ޑޮލަރު ހޭދަކޮށްފައެވެ.
މުޙައްމަދާއި ޝަހާދުއަކީ ޣައްޒާގެ ދެކުނަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ސަރަހައްދަކީ އިސްރާއީލު ފައުޖުތަކުން މިހާރު އެންމެ ގިނައިން ހަމަލާތައް އަމާޒުކުރާ ސަރަހައްދެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި އެ ދެ މީހުންގެ ގެ ވެސް ސުންނާފަތިވެފައިވާއިރު، ދެ މީހުންގެ ގާތްތިމާގެ އެތައް ބަޔަކު ވެސް ވަނީ ޝަހީދުކޮށްލައިފައެވެ.