ހުޅުމާލެ ހޮސްޕިޓަލުގައި ޑައިލެސިސް ހަދަން ޚާއްސަ އެންދުތައް އިތުރުކުރަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހޮސްޕިޓަލުގެ އަމާޒަކީ މިހާރު އޮތް ލޯޑަށް ކޭޓާ ކުރެވޭ ވަރަށް އެ ޚިދުމަތް ފުޅާ ކުރުން ކަމަށެވެ.
އެގޮތުން މިހާރު އެ ހޮސްޕިޓަލުގައި އެ ޚިދުމަތް ދެމުން އަންނަނީ 10 އެނދުގައި ކަމަށްވާއިރު ދުވަހަކަށް ވުރެ ދުވަހެއް ފަރުވާ ދޭން ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމަށް ފަރުވާ ދޭ 10 އެނދުގައި މިހާރުވެސް 24 ގަޑިއިރު ޕޭޝަންޓުންނަށް ފަރުވާ ދެމުންދާ ކަމަށެވެ.
މިހާރުވެސް ބެކްލޮގް ކްލިއާ ކުރުމަށްޓަކައި މެދުކެނޑުމެއްނެތި ޑައިލިސިސް ހަދަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ޑައިލިސިސްއަށް ޚާއްސަ އެނދު އިތުރު ކުރުމުގެ މަސައްކަތް މިހާރު އޮތީ ޕްލޭނިން ސްޓޭޖުގައި ކަމަށެވެ.
ފަހަކަށް އައިސް ހުޅުމާލެ ހޮސްޕިޓަލުން އަންނަނީ ވަރަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ހޮސްޕިޓަލުގައި ވަނީ ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ލެބޯޓަރީ އެއް ވެސް ހުޅުވައިފައެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ހާއްސަ ސެންޓަރެއް ވެސް މި ފަހަކުން ހުޅުވިއެވެ.