ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި" ޕްރޮމޯޓު ކުރުމަށްޓަކައި ހާއްސަ ފިލްޓަރެއް ތައާރަފުކޮށްފިއެވެ.
އައިފިލްމްސްއިން މިދިޔަ އަހަރުގެ ފަހުކޮޅުގައި އިއުލާނުކޮށްފައިވާ ފިލްމުގެ މަސައްކަތް ވަަރަށް ހަލުވިކަމާ އެކު ކުރިއަށް ގެންގޮސް މިހާރު ދައްކަން ފެށުމަށް ވަނީ ގާތްވެފައެވެ.
އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މަސައްކަތް ފަށާފައިވާ މި ފިލްމު މި އަންނަ މަހުގެ ފުރަތަމަ ދުވަހު ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ފިލްމު ޕްރޮމޯޓު ކުރުމަށް ތަފާތު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ޕްރޮޑަކްޝަން ޓީމުން ވަނީ ފިލްމު ޕްރޮމޯޓު ކުރުމަށްޓަކައި ހާއްސަ ފިލްޓަރެއް ތައާރަފު ކޮށްފައެވެ. ސްނެޕްޗެޓުގައި ބޭނުން ކުރާ ފިލްޓަރުގައި ޔޫޒަރުގެ ބޮލުގައި ކަންބަޅީގެ ދަޅަ ބޭނުން ކޮށްލެވޭނެއެވެ. މި ފިލްޓާ ބޭނުންކޮށްގެން ފިލްމުގެ ކާސްޓު އަންނަނީ ފިލްމު ޕްރޮމޯޓު ކުރަމުންނެވެ.
ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.
ފިލްމުގެ ޓްރެއިލާތަކާއި ބައެއް ޓީޒާތައް އާންމުކޮށްފައިވާއިރު މި ފިލްމު ވެގެންދާނީ ބިރުވެރި ފިލްމަކަށެވެ. ޓްރެއިލާތަކުން ވަނީ ފިލްމުގެ ބިރުވެރިކަން އާންމުންނަށް ދައްކުވައިލާފައެވެ.
އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވާނެއެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރާނީ ޝާހިދު ލެގަސީއެވެ. އަދި, ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރާނެއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނީ "އޯކޭޒް އިންކް" އިންނެވެ.