އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދަމަނަވެށިން ޖަހައިދެނީ

ކޮވިޑު ވެކްސިންގެ ތިންވަނަ ޑޯޒު ނުވަތަ ބޫސްޓާ ޑޯޒު ޖެހުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިންފްލުއެންޒާ އޭގެ ވައްތަރެއް ކަމަށްވާ އެޗްވަންއެންވަން ރާއްޖޭގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު، އިންފްލުއެންޒާއިން ރައްކާތެރިވުމަށް ދަމަނަވެށިން ވެކްސިން ޖަހައިދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ހަ މަހުން މަތީގެ ކޮންމެ މީހަކަށް ވެސް ވެކްސިން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ޖެހޭނީ ޑޮކްޓަރަށް ދައްކައި، ޑޮކްޓަރު ދޭ ޕްރިސްކްރިޕްޝަނެއްގެ ދަށުންކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ދޭނީ ތަފާތު ވެކްސިނެކެވެ.

މިދިޔަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ އަޅައިބަލާއިރު މި މަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފިއެވެ. އަދި އިންފްލުއެންޒާގައި މިފަހުން ވަނީ ޒުވާނަކު ދުނިޔެ ދޫކޮށްފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން މީގެ ކުރިން ޑރ. މުޙައްމަދު އަލީ ވިދާޅުވީ މި ބަލި ފެތުރުމަށް މަގުފަހިވަނީ ބަލިން ރައްކާތެރިވުމަށް ވެކްސިންތައް ޖެހުން މަދުވުމުން ކަމަށެވެ. އެހެންވެ، ވީ އެންމެ އަވަހަކަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބަލި ޖެހުމުން ފެންނާނީ ރޯގާގެ އަލާމާތްތަކެވެ.

"އެހެން ވެއްޖެއްޔާ ގޭގައި މަޑުކޮށްލުން ބޮޑަށް ރައްކާތެރިވާނީ. އަލާމާތްތައް ހުރެއްޖެއްޔާ މާސްކެއް ބޭނުންކުރުން ނުވަތަ ރޯގާ ރަނގަޅު ވަންދެން ގޭގައި މަޑުކޮށްލުން ރަނގަޅުވާނީ." ޑޮކްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބައްޔަކީ އަލާމާތްތައް ފެނުމުގެ ދެ ދުވަސް ކުރިން ފެތުރެން ފަށާ ބައްޔެއް ކަމަށެވެ. އަދި ރޯގާގެ އަލާމާތްތައް ފެންނަ ފަހުން ވެސް ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑުކަން ޑރ. މުޙައްމަދު އަލީ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް