"ނާމް"މިހާރަށްވުރެ ބައިނަލްއަގްވާމީ ގޮތުން ބާރުވެރިކުރަން ޖެހޭ: ޒަމީރު

މިނިސްޓަރު ޒަމީރު "ނާމް" ގައި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ނަން އެލައިޑް މޫމަންޓް (ނާމް) ނާމްއަކީ ބައިނަލްއަގްވާމީ ގޮތުން މިހާރަށްވުރެ ބާރުވެރި ޖަމިއްޔާއަކަށް ހަދަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެވެ.

ޔުގެންޑާގައި ކުރިއަށްދާ 19ވަނަ ނާމް ސަމިޓުގައި ތަގުރީރު ކުރައްވަމުން ޒަމީރު ވަނީ، އެ ޖަމިއްޔާ ހިންގަމުންދާ އިންތިޒާމަށް ބަދަލު ގެނެސް، މަޝްވަރާގެ އުސޫލުން ކަންތައް ކުރިއަށް ގެންދަން ގޮވައިލައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ނާމް އަކީ ފިކުރީ ބައިބައިވުމާއި، ޖިއޮޕޮލިޓިކަލް ބަދަލުތަކާއި، ބޮޑެތި މުސީބާތްތަކަށް ހައްލު ގެނެސްދިން ޖަމިއްޔާއެއް ކަމަށެވެ.

ނަމަވެސް ބަވަނަވަމުންދާ ދުނިޔޭގައި ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގްވާމީ މައިދާނުގައި މި ހަރަކާތުގެ ގުޅުން މިހާރަށްވުރެ ވަރުގަދަކުރަން ޖެހޭކަމަށެވެ.

އެ ގޮންޖެހުންތަކާ ކުރިމަތިލާއިރު ނާމް ދިރުވައި އާލާކުރުމުގެ މުހިންމުކަން ދެނެގަނެ، މި ޖަމިއްޔާ ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު ކަންތައްތަކެއް ހުށަހެޅުއްވިއެވެ.

އެގޮތުން އެ ހަރަކާތް މިހާރު މަސައްކަތް ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ގޮވައިލައި، ކަމާގުޅޭ ނިޒާމީ މަޝްވަރާތައް ކުރުމަށް މިނިސްޓަރު ހުށަހެޅުއްވިއެވެ.

އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި، ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް ރާއްޖޭން މަސައްކަތް ކުރާނެ ކަމުގެ ވައުދު މިނިސްޓަރު ތަކުރާރު ކުރެއްވިއެވެ.

1961 ވަނަ އަހަރު އުފެދުނު ނޮން އެލައިންޑް މޫވްމަންޓަކީ 120 ގައުމުގެ ގްރޫޕެކެވެ. ރާއްޖެ ނާމްގެ މެމްބަރަކަށް ވެފައިވަނީ 1976 ވަނަ އަހަރެވެ.

comment ކޮމެންޓް