ވިހާ މިންވަރު މަދުވެ ޗައިނާގެ އާބާދީ ދަށަށް

ޗައިނާގެ އާއިލާއެއް ޝަންހާއީގެ މަގުމަތީގައި ހިނގާލަނީ. ފޮޓޯ/ސީއެންއެން

ވިހާ މިންވަރު ރެކޯޑު އަދަދަކަށް މަދުވެ، މިދިޔަ އަހަރުގެ ޗައިނާގެ އާބާދީ ދަށަށް ހިނގައްޖެއެވެ.

މިއީ ޗައިނާގެ އާބާދީ ވިދިވިދިގެން ދަށަށް ދިޔަ ދެވަނަ އަހަރެވެ. ވިހާ މިންވަރު ދަށްވުމުގެ އިތުރުން ކޮވިޑް19ގެ ސަބަބުން އެ ގައުމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީވެސް ޗައިނާގެ އާބާދީ ދަށްވުމަށް ދިމާވި އެއް ސަބަބެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ޖުމްލަ އާބާދީ މިދިޔަ އަހަރު 1.4 ބިލިއަނަށް ދަށަށް ގޮސްފައިވާއިރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2.08 މިލިއަން މީހުން ވަނީ އާބާދީން މަދުވެފައެވެ. ދެހާސް ބާވީސް ވަނަ އަހަރު ޗައިނާގެ އާބާދީއިން މަދުވެފައިވަނީ 850،000 މީހުންނެވެ.

ޗައިނާގައި އަލަށް އުފަންވާ ކުދިންގެ ނިސްބަތް ވަނީ 5.7 އިންސައްތައަށް ދަށްވެ 9.02 މިލިއަނަށް މަދުވެފައެވެ. ދެހާސް ބާވީސް ވަނަ އަހަރު އެ ރޭޓު ހުރީ 6.77 އިންސައްތައިގައެވެ.

ނަވާރަ ސަތޭކަ އަށްޑިހައިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ޗައިނާއިން ގެންގުޅުނު "އެއް ކުއްޖަކު" ގެ ސިޔާސަތާ ގުޅިގެން އެ ގައުމުގައި ވިހާ މިންވަރު ވަރަށް ބޮޑަށް ދަށްވަމުން އަންނަތާ ދިހަ ވަރަކަށް އަހަރު ވެއްޖެއެވެ.

ކޮވިޑާއި އެ ނޫން ހާދިސާތަކުގައި މިދިޔަ އަހަރު އެ ގައުމުން މަރުވި މީހުންގެ އަދަދު އޭގެ ކުރީއަހަރާ އަޅާބަލާއިރު 6.6 ޕަސެންޓް ވަނީ އިތުރުބެފައެވެ. އެއީ 11.1 މިލިއަން މީހުންނެވެ.

ޖުމްލަ އާބާދީ ދަށްވި ނަމަވެސް 60 އަހަރުން މަތީގެ ޗައިނާގެ އާބާދީ 2023 ވަނަ އަހަރު ވަނީ 296.97 މިލިއަނަށް އިތުރުވެފައެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި 2050 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގެ އާބާދީ 109 މިލިއަނަށް މަދުވާނެއެވެ. އެއީ މީގެކުރިން 2019 ވަނަ އަހަރު އާބާދީ ދަށްވާނެ ކަމަށް ލަފާކޮށްފައިވާ މިންވަރަށްވުރެ ތިން ގުނަ ދަށް އަދަދެކެވެ.

އާބާދީ ދަށްވުމުގެ އިތުރުން، ވަޒީފާނެތް މީހުންގެ ނިސްބަތް ރެކޯޑު އަދަދަކަށް މަތިވެ، ގިނަ ބައެއްގެ މުސާރަ ދަށްވެ، ގިނަ ގޭބީސީތަކުގެ މާލީ ހާލަތު ވަނީ ދަށްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް