ޤުރުއާނުގެ ހަ ފޮޅުވަތް ކިޔަވައިގެން 15،000 ރުފިޔާގެ އިނާމެއް

އަންނަ ރަމަޟާން މަހު ކުޑަކުދީންނަށް ޚާއްސަކޮށްގެން އެސްއެސް ޓީވީން ބާއްވާ "ޙައްޤުލްޔަޤީން" ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މިދިޔަ ރަމަޟާން މަހު ބޭއްވި ކާމިޔާބު މުބާރަތަށްފަހު މި އަހަރު މި ބާއްވަނީ މި ސިލްސިލާގެ ދެވަނަ މުބާރާތެވެ.

މި މުބާރާތް ކުރިއަށްގެންދަނީ ހަތަރު ޢުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ،

  • 13 އަހަރުން ދަށް
  • 11 އަހަރުން ދަށް
  • 9 އަހަރުން ދަށް
  • 7 އަހަރުން ދަށް

މުބާރާތުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނެ ގޮތް

HY (space) NAME, AGE, ISLAND (send to) 2747

ދުނިޔޭގެ ކޮންމެ ޤައުމެއްގައި ދިރިއުޅޭ ދިވެހި ކުއްޖަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. ކިޔަވަން ކޮންމެހެން އެސްއެސްޓީވީއަށް އަންނާކަށް ނުޖެހޭނެއެވެ. އެ ކުއްޖަކު ހުރި ތަނަކުން މުބާރާތުގައި ބައިވެރިވެ ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. މުބާރާތުގެ ބައިވެރިންގެ ކިޔެވުންތައް އެސްއެސްޓީވީއަށް ފޮނުވާނީ ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބާ މެދުވެރިކޮށެވެ. ފޯނުން ނުވަތަ ކެމެރާއަކުން ކިޔެވުން ރިކޯޑްކޮށް އެސްއެސް ޓީވީއަށް ފޮނުވާ ވީޑިއޯ ކުލިޕުތައް ހުންނަންވާނީ އެކަށޭނަ ރަނގަޅު ކޮލިޓީއެއްގައި ރިކޯޑްކޮށްފައިވާ ވީޑިއޯ ކްލިޕްތަކެއްގެ ގޮތުގައެވެ.

ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކަށް ކިޔަވަން ފަސޭހަ ތަނަކުން ކީރިތި ޤުރުއާނުގެ ހަ ފޮޅުވަތަށްވުރެ ކުރުނޫން މިންވަރަށް ކިޔަވާފައި ފޮނުވުމުން މުބާރާތުގައި އެ ކިޔެވުމެއް ބައިވެރި ކުރެވޭނެއެވެ. ވީޑިއޯ ފޮނުވަން ޖެހޭ ގޮތުގެ އިތުރު މަޢުލޫމާތު ދިނުމަށް މުބާރާތުގައި ބައިވެރިވުމަށް އެދި އެސްއެމްއެސް ކުރާ ހުރިހާ ކުދިންނަށް އެސްއެސްޓީވީގެ ފަރާތުން ގުޅައި މަޢުލޫމާތު ޙިއްސާކުރާނެއެވެ.

"މި މުބާރާތުގައި ބައިވެރިވުމަކީ ވަރަށް ފަސޭހަކަމެއް. ބައިވެރުވުމަށް އެސްއެމްއެސް އެއް ފޮނުވާލަންވީ، އޭރަށް ނިމުނީ. މިކޮޅުން އަޅުގަނޑުމެން އެ ފަރާތްތަކާ ގުޅާ އިތުރަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ މަޢުލޫމާތު ކިޔައިދޭނަން," އެސްއެސް ޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން ވިދާޅުވިއެވެ.

މުބާރާތުގެ އިނާމުތަކަކީ އެއްވަނަ އިނާމް 15،000 ރުފިޔާ، ދެވަނައަށް 8،000 ރުފިޔާ އަދި ތިންވަނަ އިނާމަކަށް 5،000 ރުފިޔާއެވެ. މީގެ އިތުރުން، މުބާރާތުގައި ކިޔަވާ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކު މުބާރާތުގައި ބައިވެރިވެ ކިޔެވި ކަމުގެ ހަނދާނީ ލިޔުމެއް ލިބޭނެއެވެ.

މި މުބާރާތް އިންސާފުކުރަން ހަމަޖެހިފައި ވަނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

comment ކޮމެންޓް