އިންފްލުއެންޒާ އޭގެ ވައްތަރެއް ކަމަށްވާ އެޗްވަންއެންވަން ޖެހިގެން ފާއިތުވި 30 ދުވަހުގެ ތެރޭގައި ޒުވާނަކު މަރުވެފައިވާ ކަމަށާއި އެ ބަލި ޖެހިފައިވާ އިތުރު ތިން ޒުވާނަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުޙައްމަދު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. މުޙައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި އެޗްވަންއެންވަން ފެތުރޭކަން ފާއިތުވި ހަފުތާތަކުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ "ސަން"އަށް ވިދާޅުވީ އިންފުލުއެންޒާ ޖެހިގެން މަރުވެފައި ވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ވެންޓިލޭޓަރުގައި ތިން ޒުވާނުންނަށް ފަރުވާ ދެނީ ނިއުމޯނިއާ ޖެހުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ ބަލި ފެތުރި، އާންމު ބަލިމަޑުކަމަށްވުމަކީ ނާދިރު ކަމެއް ކަމަށް ވެސް ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަލި ޖެހުމުން ފެންނާނީ ރޯގާގެ އަލާމާތްތަކެވެ.
"އެހެން ވެއްޖެއްޔާ ގޭގައި މަޑުކޮށްލުން ބޮޑަށް ރައްކާތެރިވާނީ. އަލާމާތްތައް ހުރެއްޖެއްޔާ މާސްކެއް ބޭނުންކުރުން ނުވަތަ ރޯގާ ރަނގަޅު ވަންދެން ގޭގައި މަޑުކޮށްލުން ރަނގަޅުވާނީ." ޑޮކްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ބައްޔަކީ އަލާމާތްތައް ފެނުމުގެ ދެ ދުވަސް ކުރިން ފެތުރެން ފަށާ ބައްޔެއް ކަމަށެވެ. އަދި ރޯގާގެ އަލާމާތްތައް ފެންނަ ފަހުން ވެސް ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑުކަން ޑރ. މުޙައްމަދު އަލީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާތަނަށް ހެދިފައިވާ ޓެސްޓުތަކުން މިއީ ސްވައިން ފްލޫ ކަމަށް ޝައްކު ކުރެވޭތީ އެކަން ޔަގީން ކުރުމަށް އިތުރަށް އިންވެސްޓިގޭޝަންތައް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. މުޙައްމަދު އަލީ ވިދާޅުވި ގޮތުގައި މި ބަލި ފެތުރުމަށް މަގުފަހިވަނީ ބަލިން ރައްކާތެރިވުމަށް ވެކްސިންތައް ޖެހުން މަދުވުމުންނެވެ. އެހެންވެ، ވީ އެންމެ އަވަހަކަށް އެންމެންވެސް އިންފްލުއެންޒާ ވެކްސިން ޖެހުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، އާސަންދަ މެދުވެރިކޮށް ސީޒަނަލް ވެކްސިންތައް ޖެހޭނެ ގޮތް މަގުފަހިވުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއީ ވިއްސާރަ ދުވަސްވަރު ކަމުން މަދިރިން ޖެހޭ ބަލިތައް ވެސް އިތުރުވެ، އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ސިއްހީ އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.