ޕީކް ސީޒަނަށް ދެ ޖަނަރޭޓަރު ސެޓު ގެނެސްފި، އަދި ދެ ސެޓު ގެންނާނެ

ޕީކް ސީޒަނަށް 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓް ރާއްޖެ ގެނެސް، ބެހެއްޓުމުގެ މަސައްކަތް ފެށުން -- ފޮޓޯ/ސްޓޭލްކޯ

މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރުކުރަން 1.6 މެގަވޮޓްގެ ހައި ސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުގެ ދެ ސެޓު ރާއްޖެ ގެނެސް އެ ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެންނަން ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓުތަކުގެ ތެރެއިން ޖަނަރޭޓަރު ސެޓްތަކެއް ކަމަށެވެ.

މީގެ އިތުރުން، ސްޓެލްކޯއިން ބުނީ ޕީކް ސީޒަންގެ ކުރިން މީގެ އިތުރު ދެ ޖެނަރޭޓަރު ސެޓާ އެކު ޖުމްލަ 6.4 މެގަވޮޓް އެ ކުންފުނީގެ ޕަވާ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވިގެންދާނެ ކަމަށެވެ. ޕީކް ސީޒަންގައި މެދުނުކެނޑި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަމާ އެކު، މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުނިން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދު ވެސް ދެމިއޮންނާނެ ކަމަށެވެ.

އަދި، އެ ކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މެނޭޖުމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވައި އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ޒަޢާމަތުގައި ހިންގޭ އެންމެ ބޮޑު ޕަވާ ޕްރޮޖެކްޓް ކަމަށްވާ ހަވަނަ ޕަވާ ޑިވެލޮޕްމަންޓް މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށެވެ.

"އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން،" ފަހުމީ ވިދާޅުވިއެވެ.

ވެރިރަށް މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ވިލިމާލޭގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި، ރީޖަނަލް ޕަވާހައުސް ޑިޕާޓްމަންޓް ގުޅިގެން ސާވޭއެއް ހެދުމުގެ މަސައްކަތް ވެސް ވަނީ މި ފަހުން ފަށައިފައެވެ.

comment ކޮމެންޓް