ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޮމޭޒް ސޯޝަލް މީޑިއާއިން ބްރޭކެއް ނެގުމަށް ނިންމައި އަނެއްކާ ވެސް އެކްޓިވް ވެއްޖެއެވެ.
ހަތަރު އަހަރު ވަންދެން ސޯޝަލް މީޑިއާއާ ދުރަށް ދިޔުމަށްފަހު އެނބުރި އައިސް ސޯޝަލް މީޑިއާގައި އެކްޓިވް ވާން ފަށާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަލަސްތީނަށް ދެމުން ދިޔަ ހަމަލާ ތަކާ ގުޅިގެން އެކަމުން ދުރުވާން ވެގެން ކަމަށް ބުނެ ވަނީ ސޯޝަލް މީޑިއާއިން ބްރޭކެއް ނަގައިފައެވެ.
އާންމުންގެ އެތައް ފާޑު ކިޔުމެއް އެ ވަގުތު ސެލީނާއަށް ރައްދުވެފައިވަނިކޮށް ސެލީނާ ވަނީ ހަފުތާ އެއް ނުވަނީސް ސޯޝަލް މީޑިއާއަށް އެނބުރި އައިސްފައެވެ.
ދެން އަނެއްކާ ވެސް ސެލީނާ ބްރޭކަކަށް ދާން އުޅޭ ކަމަށް ބުނެފައިވަނީ މީގެ ދެ ދުވަހެއް ކުރީންނެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ސެލީނާ ސޯޝަލް މީޑިއާގައި ވަނީ އެކްޓިވް ވާން ފަށާފައެވެ. މި ފަހަރުގެ ބްރޭކަށް 24 ގަޑިއިރު ވެސް ނުވަނީސް މިހާރު ވެސް އަންނަނީ ސެލީނާ އިންސްޓަގްރާމް ސްޓޯރީއަށް ތަފާތު އެކި ވާހަކަތައް ޕޯސްޓު ކުރަމުންނެވެ.
އޭނާ އެންމެ ފަހުން ޕޯސްޓު ކޮށްފައިވަނީ އޭނާ ދިޔަ އިވެންޓެއްގެ ރެޑް ކާޕެޓު ފޮޓޯތަކެވެ.
ސެލީނާާ މީގެ ދެ ދުވަހެއް ކުރީން ބުނެފައިވަނީ ސޯޝަލް މީޑިއާއިން ދުރަށް ދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި، މިގޮތަށް ނިންމާފައިވަނީ އޭނާއަށް އެންމެ މުހިއްމު ކަންތައްތަކަށް ސަމާލުކަން ދިނުމަށް ކަމަށް ސެލީނާ ބުންޏެވެ.
ސެލީނާގެ ޕޯސްޓުން ފެންނަނީ އޭނާ މިހާރު ލޯބީގެ ގޮތުން އުޅޭ މިއުޒީޝަން ބެނީ ބްލާންކޯ އާއިލާގެ ކުޑަކުދިންތަކަކާ އެކު އުޅޭ މަންޒަރެވެ.
ސެލީނާގެ ކުރު "ބްރޭކް"އަށް ފަހު ސޯޝަލް މީޑިއާގައި އޭނާ އުޅޭތީ އެތައް ބަޔަކު އަންނަނީ ސެލީނާއަށް ފާޑު ކިޔަމުންނެވެ.