މުދަލުގެ ޒަކާތުގެ ނިޞާބު ދަށްކޮށް، އަދަދު ކަނޑައަޅައިފި

ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި: މުދަލުގެ ޒަކާތުގެ ނިޞާބުގެ ގޮތުގައި މިއަހަރު ދައްކަންޖެހޭ އަދަދު އިސްލާމިކް މިނިސްޓްރީ އިން މިއަދު ވަނީ ކަނޑައަޅާފައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ނިޞާބުގެ ދިވެހި ރުފިޔާގެ މިންވަރު ދަށްކުރުމަށްފަހު އިސްލާމިކް މިނިސްޓްރީން މިއަދު އަދަދު ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 7،140 ރުފިޔާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 7151.90 ލާރިއެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ގޮތުން ވާޖިބެކެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

މުދަލުގެ ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

comment ކޮމެންޓް