"މަރު ނިދީގައިވަނިކޮށް އަލުން ފުރާނަ އަޅުއްވާ ފަރާތަށް ހަމްދުކޮށް އެންމެ ފުރަތަމަ ކަމަކަށް ނަމާދުކޮށް ޒިކުރާއި ޝުކުރުން ދުވަސް ފަށާށެވެ. އޭރުން ތިބާގެ ދުވަސް ބާއްޖަވެރިވާނެއެވެ. ދެދުނިޔޭގެ ނަސީބު ލިބެން އޮތް އެންމެ ފުރިހަމަ މަގަކީ އަޅުކަމެވެ."

***

ރަތް ކުލަ އާއި ރަން ކުލައިގެ ދެމެދަށް ވާ ހިތްގައިމު ވިދާ ކުލައެއްގެ އިސްތަށިކޮޅުތައް އެ ހުދު ކަފަކޮޅެއް ފަދަ މޫނަށް އެޅިފައިވިއެވެ. ހިތި ފަތު ބުމައިގައި ވެސް ހުރީ ހަމަ އެ އިސްތަށިގަނޑުގައިވީ ކުލައެވެ. އެ މޫނު މަތީގައިވީ ދުވަހަކު އަވީގެ ހޫނެއް އިހުސާސްވެފައި ނެތް ސާފު ބިއްލޫރިކޮޅެއް ފަދައިންނެވެ. ކޯތާފަތަށް އެޅިފައިވީ ކަރުނައިގެ މުތީތައްވެސް ބަބުޅަމުން ދިޔައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތް ވަނީ ކުޑަކޮށް ޒަޙަމް ވެފައެވެ. މުރުތަސިމްގެ ލޯ އެ މޫނާ ވަކިކުރަން އުނދަގޫ ކުރުވިއެވެ. އަދި އެ ހިތް ހަމްދަރުދީން ފުރުނީ އަހެދްގެ ރިހުން އިހުސާސް ވީ ފަދައިންނެވެ.

"ދަރިފުޅާ އަވަސް ކޮށްބަލަ. އަހެދް އަށް ވެފަ އޮތަ ގޮތެއް ބަލާބަލަ....މާތް ކަލާކޯ...މީ ހާދަ ބޮޑު އިމްތިހާނެކޭ.............." އައްޒަހްރާ ހަލުވި ހިނގުމުގައި ޒަވިޔާ އެކީ ކޮޓަރިޔަށް ވަދެ ބުނެލިއެވެ.

"މަންމާ ތިހާ ސްޓްރެސް ބޮޑު ނުވެބަލަ. ވެދާނެ އޭ އެކުއްޖާ އެއްޗެއް ނުކައި ހުރީމަ ފެއިންޓް ވީ ކަމަށް ވެސް..." ޒަވިޔާ ވިސްނާދޭން ބޭނުންވީ އެހާ ބޮޑު ކަމަކަށް އެކަން ނެހެދުމަށެވެ. ނަމަވެސް އައްޒަހްރާގެ މޫނުމައްޗަށް ވެރިވި ކުލަވަރުން ޒަވިޔާގެ ޖުމްލައިން ނުރުހުންވިކަން ފާޅުވިއެވެ. އަހެދް ގެ މޫނަށް ގެއްލިފައި އިން މުރުތަސިމް ދުރަށް ޖައްސައިލީ އައްޒަހްރާ އެވެ.

"މުރުތަސިމް އިހަށް ބޭރަށް ނިކުމެލާ...." ޝޯލް އަކުން އަހެދްގެ މޫނު ފޮރުވުމަށް އައްޒަހްރާ މަސައްކަތް ކުރިއެވެ. އައްޒަހްރާ ބެލީ އެއީ އަމާނާތެއް ކަމަށެވެ. އެ ލޯބި މޫނު ކޮޅު ދުވަހަކު އައްޒަހްރާ އަށް ވެސް ދައްކާނުލައި ހުރުމުން އެ މޫނަށް ބަލައިލަން ވެސް އައްޒަހްރާ ފަސްޖެހެވުނެވެ. އަދި އެހެން އެއްވެސް މީހަކަށްވެސް އެ މޫނު ފެނިލަން އައްޒަހްރާ ނޭދުނެވެ.

"މަންމާ. އަހަރެން ނުބަލާނަމޭ ތި ކުއްޖާގެ މޫނެއް. މޫނުގަ ފޮތި ނާޅަބަލަ. އިތުރަށް ނޭވާ ހާސް ވާނީ..."އައްޒަހްރާގެ އަމަލުތައް ހުރި ގޮތުން އުދަގޫވި ޒަވިޔާރު ބުނެލިއެވެ. މަންމަ އަހެދް އާއި އެބަހައްޓާ ގާތްކަން ފެނި ޒަވިޔާރުގެ ހިތް ނުތަނަވަސް ކުރުވިއެވެ. ހުރިހާ ވައިޓަލްސް އެއް ބެލުމަށްފަހު އަހެދް އަށް ޖެހުނީ އެންޒައިޓީ އެޓޭކް އެއްކަމަށް އޭނަ ނިންމިއެވެ. އަދި އެއްޗެއް ނުކައި ގިނަ އިރުވުމުން ދިމާވި ގޮތެއް ކަމަށް ވެސް ލަފާ ކުރެވެއެވެ. ގޭގައި އައިވީ އެޅޭނޭ ގޮތް ހަމަޖައްސައި ދިނީ ވެސް ހޮސްޕިޓަލުން ނަރުސް ގެނެސްގެންނެވެ. އެއީ ވެސް އައްޒަހްރާ ގެ އާދޭހުގެ މަތީންނެވެ. އަހެދް ގެ ހުރިހާ ކަމެއް ނިމެންދެން އައްޒަހްރާ އެންމެ ފިޔަވަޅެއް ވެސް ބޭރަށް ޖެހިނުލައެވެ. ހީވީ ދުނިޔޭގައި ނެތްވަރުގެ އަގު ބޮޑު ޖަވާހިރެއް ހިމާޔަތް ކުރަން އުޅޭހެންނެވެ. ޒަވިޔާ އެ ކޮޓަރިން ނިކުމެގެންދިޔަ އިރު ބޯހާސް ކުރުވާ އެތައް ހިޔާލުތައް ސިކުނޑިތެރޭ އެނބުރެމުންދިޔައެވެ.

"ކޮބާ....އަދްހާ އޯކޭތަ؟" ބޭރު ދޮރު ކައިރީ މަޑުކޮށްލައިގެން ހުރި މުރުތަސިމް އަހާލީ ޖަވާބަށް ކެތްމަދުވެފައި ހުރެއެވެ.

"އާނ...އެހާ ބޮޑު ކަމެއް ނޫން...އިރުކޮޅަކުން ހޭލާނެ..." ޒަވިޔާ ވަރަށް އަވަހަށް ޖަވާބު ދިނުމަށް ފަހު އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ޒަވިޔާ ވެފައި ހުރި ފޫއްސަކުން މުރުތަސިމް އަހެދް ގެ ނަން ނުބައި ކޮށް ކީ ނަމަވެސް ރަނގަޅެއް ވެސް ނުކޮށްދިނެވެ. ޒަވިޔާގެ ވިސްނުން ހުރީ އޭނާގެ މަންމަ ބޭނުންވަނީ އަހެދް އާއި ކައިވެނި ކުރުވަން ކަމަށެވެ. ނަމަވެސް ޒަވިޔާރު ގެ ހިތް ދެވިފައިވަނީ ހަމަ އެންމެ އިންސާނަކަށެވެ. މައިރާ އަށެވެ. މައިރާ ނޫން އެހެން އެއްވެސް މީހަކަށް އެ ހިތުގައި ޖާގައެއް ނެތެވެ. ފަސް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ލޯބި އެއްވެސް މީހަކަށްޓަކައި ދޫކޮށެއް ނުލެވޭނެއެވެ.

***

"ޖޫ...އެ ދެން ދޮންބެގެ ވައްތަރު....ސްޓޮޕް ކްރައިން...." ގިސްލެވެމުން ދިޔަ ޖޫރީ އަށް ޓިޝޫ ނަގައިދެމުން އަލްބާން ބުނެލިއެވެ.

"ނޫން. ޖޫ ވަރަށް ފޫހިވޭ. ޖޫ އަބަދު ބާކީ ކޮށްފަ.އައި ފީލް ލައިކް އޭން އައުޓްސައިޑަރ. ސަކީނާއްތަ ގޮތަށޯ އަދި ދޮންބެ ބުނީވެސް. އޭމް އައި ރިއަލީ ލައިކް ހަ؟" އަލްބާން ދިއްކޮށްލި ޓިޝޫ އިން ނޭފަތް ފޮޅާލަމުން ޖޫރީ ގެ އިހުސާސްތައް އަލްބާން އާއި ހިއްސާކުރިއެވެ. ނޭފަތަށް އަރާފައިވީ ފިޔާތޮށި ކުލައިން މުޅި މޫނު ދިއްލިފައިވިއެވެ. ޖަންބު ދޮނެއް ލިބިފައިވީ ޖޫރީ ގެ ނޭފަތް ފޮޅައިލުމުން އަދި ފިޔާތޮށިކުލަ ވަކިން ގަދަވެ ރީތިވިއެވެ. މައުސޫމްކަން އިތުރުކޮށްލަދެމުން ދިޔައީ ކަރުނުން ބަރުވެފައިވާ ހުދު ކަން ގަދަ ލޮލުގައިވި މަޑު މުށި ކުލައިގެ ކަޅިއެވެ. އައްޒަހްރާގެ ހުރިހާ ދަރީންނަށްވެސް ލިބިފައިވަނީ ހަމަ އެ އެކުލައިގެ ލޮލެވެ.

"ނޫން. ޖޫރީ ދެން ސަކީނާއްތަ ލެވެލް އެއް ނޫންދޯ. އަދި ޖޫރީ ތީ ބިގިނަ ލެވެލް. ސަކީނާއްތަ އެއީ ޕީއެޗްޑީ އެއްނު. އަދި ޖޫރީ އެހާ ހިސާބަށް ދާން ގާތް ގަނޑަކަށް ދިހަ ވަރަކަށް އަހަރު ނަގާނެ..." އަލްބާން ބޭނުންވީ ޖޫރީ ހެއްވާލަންށެވެ.

"ދެންންންން. އަވަހަށް ދޭ މިތަނުން..." ނުހޭން ހުރި ކަމުގައި ވިޔަސް ޖޫރީ އަށް ހެވެން ފެށުނެވެ. ނަމަވެސް ރުޅި ކަމަށް ހަދައި ގޮތް ދައްކަން މަސައްކަތް ކުރިއެވެ.

ބޭރުގައި އަޑުގަދަ ވާން ފެށުމުން ވަނީ ކޮންކަމެއްތޯ ބެލުމަށް، އަލްބާން ކޮޓަރިން ނިކުމެ ބޯ ދިއްކޮލީ ސިޑި މަތީ ހުރެއެވެ. އަހެދްއަށް ކަމެއް ވެއްޖެ ހެން ހީވުމުން ބަލަން ބޭނުން ވިކަމުގައި ވިޔަސް މުރުތަސިމް ވެސް އެކޮޓަރިން ބޭރުކުރުމުން އެތަނަށް ދިޔުމަށް ވުރެ ނުދިޔުން ބުއްދިވެރިކަމަށް ވިސްނާ އަނެއްކާވެސް ވަނީ ޖޫރީގެ ކޮޓަރިއަށެވެ.

"މަންމަ ހާދަ ބޮޑަށޭ އެކުއްޖާ ވެގެނަގެން އެ އުޅެނީ. އަނެއްކާ އެއީ މަންމަ ގެ ސީކްރެޓް ޗައިލްޑް އެއް ކަންނޭނގެ..." ޖޫރީގެ އެނދަށް ވެއްޓިގަންނަމުން އަލްބާން ބުނެލިއެވެ.

"އަސްލުވެސްތަ...މަންމަ ގެ ހުރެދާނެތަ ސީކްރެޓް ޗައިލްޑް އެއް..." ނޭފަތް ދަމަމުން އަލްބާން ދެއްކި ވާހަކައާއި ވަރަށް ގަޔާވެ ހުރެ ޖަވާބުދިނެވެ.

"އާން. އަސްލު އެނގޭތަ. މީ ވަރަށް ސީކްރެޓް އިނގޭ. ހޮސްޕިޓަލްގަ އަސްލު ޖޫރީ އާއި އަހެދް ސްވެޕް ވެފަވީ...." ވައި އަޑުން އަލްބާން ބުނެލީ ވަރަށް ސީރިޔަސް ކަމާއެކުއެވެ.

"އަސްލު ތަ؟" ހިނދުކޮޅަކަށް ޖޫރީއަށް އެވާހަކަތައް ގަބޫލުވެސް ކުރެވުނެވެ. ލާނެތް ގޮތަކަށް ހެމުންދިޔަ އަލްބާން ގެ ބޮލުގައި ފުއްޓަކި ޖަހައިލުމަށް ފަހު ޖޫރީ ދުއްވައިގަތެވެ. އަލްބާން އާއި ޖޫރީގެ އެއްތަން ވެއްޖިއްޔާ އަބަދުވެސް ކޮންމެވެސް ސަކާރާތެއް ޖެހުން ނޫންކަމެއް ނޯވެއެވެ. އަލްބާން ބާލީސް އުކަމުން ދިޔައީ ޖޫރީ ގައިގާ ޖެހޭތޯއެވެ. ދެމީހުންގެ ސަކަރާތް ހުއްޓުމަކަށް އައީ އައްޒަހްރާގެ ހަރުކަށި އަޑެވެ.

"ސާބަހޭ.. ޖޫރީ...ވަރަށް އަވަހަށް އާދެބަލަ..." އައްޒަހްރާ ގޮވާލުމުން ކިޔަމަންތެރިކަމާއެކު އޭނާގެ ފަހަތުން ހިނގަމުން ޖޫރީ ދިޔައެވެ.

***

އަހެދް ގެ މޫނު ފެނުނު ޖޫރީ ހުރީ ހުއްޓުން އަރާފައެވެ. ޖޫރީ އަށް ސިފަ ކުރެވުނު ގޮތާ މުޅިން ޚިލާފެވެ. ޖޫރީއަށް އަހެދް ސިފަ ކުރެވުނީ ވަރަށް މުސްކުޅި ފާޑުގެ މީހެއްގެ ގޮތުގައެވެ.

"އަ...އައުޗް.." ލޯ ހުޅުވަން މަސައްކަތް ކުރަމުން އަހެދް އަށް ބުނެވުނެވެ. ކޮޓަރިތެރޭގައި ދިއްލާފައިވާ ބޮކިން އަލި އެޅުމުން އަހެދް ގެ ލޮލަށް އުނދަގޫވިއެވެ. ވަރަށް އުނދަގުލުން ލޯ ހުޅުވުމުން ކުރިމަތީގައި ހުރި ގޮނޑީގައި އިން ޖޫރީ ފެނުމުން ސިއްސައިގެން ދިޔައެވެ. އަދި ހަޅޭއްލެވުނީ ބޭއިޚްތިޔާރުގައެވެ. ޖޫރީ ވެސް ވީ ނުވީއެއް ނޭނގި ހަޅޭއްލަވައިގަނެވުނީ ކުރަތްޕެއް ކަހަލަ އެއްޗެއް އަހެދް އަށް ފެނުނީ ކަމަށް ހިތާއެވެ.

"ކިހިނެއްވީ؟" އައްޒަހްރާ ކޮޓަރިޔަށް ވަދެގެން އައީ ހާސް ކަމާއެކުއެވެ. ފަހަތުން މާހްޒަބީން ވެސް އައެވެ. މިއަދު ކަންތައް ދިމާވި ގޮތުން މާހްޒަބީން އައުމަށް އައްޒަހްރާ އެދުނީ ހާސްކަން ފިލުވައިލުމަށް ވާހަކަ ދައްކާލުމަށެވެ. އެހެން ހުރިހާ ކުދިންނާ ހިލާފަށް އައްޒަހްރާ އަށް ވަނީ މާހްޒަބީން އަކީ ހަޔާތުގެ ހުރިހައި ވާހަކައެއް ހިއްސާކޮށް ހިޔާލު ބަދަލުކޮށްލެވޭނެ އެންމެ ގާތް އެކުވެރިޔާ ކަމުގައެވެ. އެހާ ކުޑަ އުމުރުފުރާއެއްގައި ލިބުނު ދަރިއެއްކަމުން އެ ހާއްސަކަން އިތުރުކޮށްދެއެވެ. މާހްޒަބީންވެސް އޭނާގެ މަންމަ ދެކެނީ ހަޔާތުގައި އޭނާއަށް ލިބުނު އެންމެ އިތުބާރުކުރެވޭ އެކުވެރިޔާ ކަމުގައެވެ. ކައިވެނި ކޮށް ދުރުގައި އުޅެންޖެހުނަސް އެ ގުޅުމަކަށް އެއްވެސް ދުރު ކަމެއް އިހުސާސްނުކުރެވެއެވެ. ދުވަހުގެ ހުރިހާ ކަމެއް ސައްލާ ކޮށްލަން ދެތިން މަދުވެގެން ދެތިން ކޯލު ކޮންމެ ދުވަހަކުވެސް އެ ދެމެދުގައި ބަދަލުކުރެވެއެވެ.

"އެއީ...ނޭނގޭ.." ޖޫރީގެ އަޑުމަޑުވެ އަހެދް އަށް ބެލުނީ އަހެދް ކައިރިން އެ ސުވާލުގެ ޖަވާބު ލިބޭނޭ ކަމުގެ އުންމީދުގައެވެ.

އައްޒަހްރާ އަވަސް އަވަހަށް އަހެދްގެ ކައިރިޔަށް ޖެހިލުމަށް ފަހު އަހެދްގެ ބޮލުގައި ފިރުމައިލީ ވަރަށް އޯގާތެރިކަމާއެކުއެވެ.

"ކަނބުލޮ...މިހާރު ފަސޭހަތަ؟" ވަރަށް އޯގާތެރި އަޑަކުން ސުވާލުކޮށްލިއެވެ.

"ލައްބަ...އަހެދް ފެއިންޓް ވީތަ؟ސޮރީ...ޒަހްރާއްތަ އަށް އެހާ އުނދަގޫ ކުރެވުނީމަ....ވީހާވެސް އަވަހަކަށް ރަށަށް ދެވޭތޯ ބަލާނަން" މަޑުމައިތިރި އަޑަކުން އަހެދް ބުނެލީ އިސް ޖަހާލައިގެން ހުރެއެވެ.

"ނޫން ތިހެން ނުބުނޭ. އަހެދް އަކީ މިހާރު މިގޭ ކުއްޖެއް. ޒަހްރާ ދައްތަ ބޭނުން އަހެދް އަމިއްލަ ހަޔާތެއް ފަށަންދެން މިގޭގައި ޒަހްރާދައްތަގެ ބެލުމުގެ ދަށުގައި ގެންގުޅެން..." އަހެދް ގެ ފިނި ވެފައި ވާ އަތުގައި ހިފަހައްޓާލައިގެން ހުރެ އައްޒަހްރާ އަށް ބުނެވުނީ އެ ހިތުގައިވީ އުއްމީދެވެ. އަހެދް ކަރުނަތައް ހިންދައިލަން މަސައްކަތް ކުރި ނަމަވެސް ކަރުނައިގެ މުތީތައް އެ ލޮލުން އޮހޮރުނީ އަމިއްލަ ބާރެއް އޭގެ މައްޗައް ނެތިއެވެ. އަހެދްގެ ހަޔާތުގައި އިންތިހާއަށް އެކަނިވެރިކަން އިހުސާސްވީ މާމަ ދުނިޔެ ދޫކުރިކަން ހަނދާނަށް ގެނެވުމުންނެވެ. ހުރި ހަމަ އެކަނި އާއިލާ އަކީ އެ މާމައެވެ.

އައްޒަހްރާ އެދުނީ ޖޫރީ އާއި މާހްޒަބީން ކުޑަ ވަގުތުކޮޅަކަށް ބޭރަށް ނިކުމެލުމަށެވެ. އަހެދް އާއި އެކު އެކަނިވެލަން ބޭނުން ވާކަމަށް އިޝާރާތްކުރަމުންނެވެ.

"ކަނބުލޯ. ޒަހްރާ ދައްތަ ބޭނުން އަހެދް ގެ ހުރިހާ ޒިންމާ އެއް އުފުލަން. ދުވަހަކުވެސް އިންޝާﷲ މިގެއިން އަހެދް އަށް އެއްވެސް ކަމެއް އުނި ނުވާނެ. ޒަހްރާއްތަގެ ދަރީންނަށް ވުރެވެސް ބޮޑަށް އަހެދް ގެ ކަންތައްތައް ފުރިހަމަ ކޮށްދޭނަން. އަހެދް ހުންނާނަންތަ މިގޭގަ؟"

ރޮމުން ދިޔަ އަހެދް ބޯ ޖަހައިލީ އައްޒަހްރާގެ ނިންމުމަށް އާނ ބަސް ބުނަމުންނެވެ. ހިތުގެ އަޑީގައި ފޮރުވިފައިވީ މަގުސަދު ހާސިލް ކުރެވެންވެސް އޮތީ އެ ގޭގައި އައްޒަހްރާ އާއި ގާތުގައި ހުރުމުންނެވެ. މިގެއަށް އެޅި ފުރަތަމަ ފިޔަވަޅުގައިވެސް އެ ފޮރުވިފައިވީ މަގްސަދު ހާސިލުކޮށްފައި މެނުވީ ނުދިޔުމަށް ވަނީ އަޒުމް ކޮށްފައެވެ. ތަޤުދީރު ދިމާ ކުރިގޮތުން އައްޒަހްރާ އެކަމަށް އެދުނުލެއްވެސް ލަހެއްނުވިއެވެ. މާމަ ނިޔާވުމުން ކިތަންމެ ހިތުގައި ވޭން އެޅިއެއް ކަމަކު އެ ހިތައް ތަސައްލީ ލިބިގެން ދިޔައީ އައްޒަހްރާގެ އެދުނު އެދުމެވެ.

***

"ތިހާ ކުރު ހެދުން ލައިގެން ތިކަހަލަ ޕާޓީ ތަކަށް ދިޔުން ކޮންދުވަހަކުތަ ހުއްޓޭނީ. އަހަރެން ބޭނުމެއްނޫން އެލީޒީ ތި ފާޑަށް އުޅެން.." މުރުތަސިމް ފޯނުން ވާހަކަ ދައކަމުން ދިޔައީ ވަރަށް ނުރުހުންވެފައި ހުރެއެވެ.

" ސިމް ތިހާ ނެރޯމައިންޑެޑް ވީ ކޮން ދުވަހަކުތަ؟އެންޑް ޔެސް ސިމް އަހަންނާ ދިމާވީވެސް ހަމަ މިކަހަލަ ޕާޓީ އެއް ތެރެއިން. ސިމް އަށް އަހަރެން ކަމުދިޔައީވެސް ހަމަ ގޮތައް ހުއްޓާ. މިހާރު ކީއްވެ މައްސަލައަކަށްވާންވީ؟" އެލީޒީ ވެސް ބޭނުންވީ ޖަދަލުކުރުމަށެވެ. މަޝްހޫރު ލަވަކިޔުންތެރިޔަކަށް ވުމުން އެލީޒީ އަކީ އަބަދުވެސް ސްޕޮޓްލައިޓުގައި ވިދާ ތަރިއެކެވެ.

"އެލީ އަށް ރަނގަޅަށް އެނގޭނެ އެ ކިހިނެއް ވީ ކަމެއްކަން. އަހަރެން ބޭނުންވެގެން ދިޔަ ޕާޓީއެއް ނޫން އެއީ. އެރޭ ފިރާޝްމެން ޖެއްސި ޕްރޭންކެއް އެއީ. ރިސޯޓުތަކަށް މިހާ ގިނައިން ފްލައިޓް ތަކުގަ ދާއިރުވެސް ނުހުންނާނެ ޕާޓީ ތަކަށް ގޮސް އުޅެފަކާއެއް. އެލީ އާއި ދިމާވި ދުވަހުން ފެށިގެން ވެސް އަބަދުވެސް ބުނަން ދޯ ތި ގޮތަށް ހެދުން އަޅައި ހެދީމަ ކަމަކު ނުދެޔޭ..ދެން ނޭނގޭ...އައިމް ޓަޔަޑް" މުރުތަސިމް އާއި އެލީޒީ އާއި ދެމެދު އަބަދުވެސް ޖެހޭ މައްސަލައަކީ މިއީއެވެ.

"ތި ބުނީ.. ޓަޔަޑް މީންސް ވަޓް. ސިމް ތީ ހަމަ ޓިޕިކަލް ފިރިހެނެއް. ތިކަހަލަ މީހުންނަށް އަންހެނަކު އަމިއްލަ މިނިވަންކަމުގައި އުޅޭތަން ދެކެން އުނދަގޫ ވާނެ..." އެލީޒީ ވަރަށް ރުޅިވެރިކަމާއެކު ބުނެލިއެވެ.

"ޓަޔަޑް މީން އައި ނީޑް ސަމް ސްލީޕް. އެލީ އަށް ތިގޮތަށް މާނަ ނެގެންޏާމުން ވަރަށް ދެރަ. މާދަން ވަރަށް ހެނދުނާ ފްލައިޓެއް އެބަ އޮތް. ނިދާލަން މިދަނީ...." މުރުތަސިމް އަށް އެލީޒީގެ ފަރާތުން ޖަވާބެއް ނުލިބެނީސް ފޯނު ކަނޑައިލީ ޒުވާބު އިތުރަށް ދިގު ދެމިގެންދާނެކަން އެނގޭތީއެވެ. އެނދުގައި އޮށޯވެގެން އޮތް މުރުތަސިމް އަށް އެލީޒީގެ ވިސްނުން ހުރި ގޮތާމެދު ނުތަނަވަސްވިއެވެ. ހަޔާތުގެ ބައިވެރިޔެއްކަމުގައި އެލީޒީ ކަހަލަ ކުއްޖަކު އިހްތިޔާރުކުރުމާމެދު ހިތް ދެގޮތް ވާންފެށިއެވެ. އަހެދް ފަދަ ރީތި ކުއްޖަކު އެހައި ނިވާ ވެގެން ހުންނަ ސަބާބާމެދު ފިކުރުކުރެވުނެވެ. އެލީޒީ އަކީ ވެސް ހަމަ އެހާ ރީތި ކުއްޖަކަށް ވިޔަސް މުޅި ދުނިޔެއަށް އެ ރީތި ކަން ފާޅުކުރުމުން އެ ރީތިކަމުގައި އެއްވެސް އިއްޒަތެއް ނެތް ފަދައެވެ. އަޅާ ކިޔަން ބޭނުން ނުވި ކަމުގައި ވިޔަސް އަހެދް އާއި އެލީޒީގެ ތަފާތުކަން ފެނި އެކި އެކި ޚިޔާލުތައް ސިކުނޑިތެރޭ އެނބުރެމުން ދިޔައެވެ.

***

ބަގީޗާގެ ހިތްގައިމު ވަސްމީރު މާމެލާމެލީގެ ދުނިޔޭގައި ހިނގަމުންދިޔަ މާހްޒަބީންގެ ހިޔާލުތައްވީ އިރުކޮޅެއްކުރީން ފެނުނު އަހެދް އާއި މެދުގައެވެ. ފީރޯޒާގެ ތަތްގަނޑެއްފަދައެވެ. ފީރޯޒާ ގެ ހަނދާންތައް ހިތައް ގެނެވުމުން މާހްޒަބީންގެ ހަނދާނުންފިލައި ނުދާނޭ އުފާވެރި މަންޒަރުތައް މިއަދާ ހަމަޔަށްވެސް ސިކުނޑީގައި ކުރެހެމުންދެއެވެ. ފީރޯޒާގެ އެކުވެރިކަމާއި ހިތްހެޔޮ މިޒާޖަކީ އެހިތުން ދުވަހަކު ފިލައިނުދާނޭ ސިފަތަކެކެވެ. ނަމަވެސް ފީރޯޒާ މިދުނިޔެއަށް އަލްވަދާއުކި ދުވަސް ހަނދާނަށް އައުމުން ލޮލަށް ކަރުނަތައް ޖަމާވާން ހިނދުކޮޅެއްވެސް ނުނަގައެވެ.

"މާހް ދައްތީ. ހާދަ ދުވަހެއްކޮށްލާފަ......" މާހްޒަބީން ހިޔާލުތަކުން ސިއްސުވައިލީ ބާބިލްގެ އަޑެވެ.

"އަނހަ....ބާބް...ހާދަ އަވަހަށް ތިއައީ..." މާހޒަބީން ވަރަށް ހައިރާންކަމާއެކު ސުވާލުކުރެވުނެއެވެ. އެއީ އައްޒަހްރާ ބުނެފައިވާ ގޮތުން ނަމަ ބާބިލް ކައިވެނި ކުރުމުން ތިން މަހުގެ ޗުއްޓީ އެއް ނެގި ވާހަކަ އަޑުއިވިފައި އޮތުމުންނެވެ.

" ބާބުލާ.. ތިއައީ އެހާ އަވަހަށް ވަރިވެގެން ދޯ....." ދުފާ އެއްޗިހިން އަނގަ ރަތް ކޮށްލައިގެން ހުރި ސަކީނާ ބުނެލީ ބާބިލް އަށް ޖަވާބު ނުދެވެނީސްއެވެ.

ބާބިލް ގެ މޫނަށް ވެރިވި ކުލަވަރުން މާހްޒަބީންގެ ހިތް ހަމްދަރިދީ އިން ފުރުނެވެ. އަދި ސަކީނާ އަށް ރައްދު ދޭން ވިސްނާފައިވެސް އެއްޗެއް ބުނުމަށް ވުރެ ނުބުނުން މާ ރަނގަޅުވާނެ ކަން ވިސްނި ހިމޭންކަން ޚިޔާރުކުރިއެވެ. އިތުރު ބަހަކުން ހިތް ޒަހަމް ވުމުގެ ކުރީން ބާބިލް އަވަހަށް އަތުގައި އޮތް ދަބަސް ހިފައިގެން ގޭ ތެރެއަށް ވަދެގަތެވެ.

ސަކީނާ ރަތް ކުޅު ގަނޑެއް މަގަށް ޖެހުމަށް ފަހު ގޭޓުން ވަދެގެން އައީ ވަރަށް ބަރުހެލި ފިޔަވަޅުތަކެއްގައެވެ.

"ޕުރިންސެސް މާހު މިގެއަށް އައީ ކޮން ކަމަކު....މަންމަ ކޮބާ؟" ބޮލުން ފެށިގެން ފިޔަވަޅާއި ހަމަޔަށް މާހްޒަބީން އަށް ލޯ ހިނގާލަމުން ފާޑު ވެރި ރާގުގައި ސަކީނާ ސުވާލުކޮށްލިއެވެ.

"ސަބީހާއްތަ ނިޔާވި ހަބަރު ލިބިގެން އައީ...ޖަނާޒާއަށް ނުދެވުނު އެކަމަކު...އެ ގަޑީގަ ވަރަށް ވިއްސާރަ ވީމަ..." އިތުރު ސުވާލެއް އައުމުގެ ކުރީން މާހްޒަބީން ޖަވާބު ދިނީ ސަކީނާ ގެ ގޮތް އެނގޭތީއެވެ. އަލްބާންވެސް ބޭރުގައި އުޅެފައި ރައްޓެއްސެއްގެ ސައިކަލުން އައިސް ގެއަށް ފޭބީވެސް ހަމަ އެވަގުތުއެވެ.

"ހްމްމްމް...އެ ކޮން ވަހެއްތަ...؟" ސަކީނާ ނޭފަތައް ގޮތެއް ހަދާލުމަށްފަހު އަލްބާން އަށް ބުނެލިއެވެ.

"އެއީ މާ ނޯޒީ ވީމަ ދުވާ ވަހެއް..." އަލްބާން ލާނެތް ގޮތަކަށް ޖަވާބުދިނެވެ. މާހްޒަބީން އަށް ވެސް ހެވެން ފެށުނެވެ.

"ނޯޒި އޭ....ބަލަ ނޯޒީ އިންނޭ މި ވަސް ބެލީ.....މޮޔަ ކުއްޖާ ގަނޑާ" ތުން ދަމާލުމަށްފަހު ސަކީނާ ބުނެލިއެވެ.

މާހްޒަބީންއަށް ގަދަޔަށް ހެވެން ފެށުމުން ސައި ހަދަން ދަނީ ކަމަށް ބުނެ މިސްރާބުޖެހީ ގެޔާ ދިމާއަށެވެ. ސަޔައް ކެތްމަދުވެފައި ހުރުމުން ސަކީނާ ބޭނުންވީ އަވަހަށް މާހްޒަބީން ފަހަތުން ދިޔުމަށެވެ. އަލްބާން ދިޔައީ ސަކީނާ އާއި ލާނެތް ގޮތަކަށް ސަމާސާކުރަމުންނެވެ.

***

"މައިރާ....ހިނގާ ކައިވެނި ކުރަން...." ފޯނު ކަނފަތުގައި ޖަހައިގެން ދެކޮޅަށް ދެކޮޅަށް ބާރު ހިނގުމުގައި ހިތް އަވަސް ވެފައި ހުރެ ޒަވިޔާރު އަހާލިއެވެ. މައިރާ އެންމެ އިންތިޒާރު ކުރި ދުވަހަކީ މި އީއެވެ. މިހާ ދުވަސް ވީ ހިނދު ކައިވެނީގެ ވާހަކަ ދައްކާފައި ނުވާ ޒަވިޔާރުގެ ފަރާތުން އެ ލަފްޒު އެގޮތައް ބުނުމުން މައިރާގެ ހިތް އުފަލުން ފުރުނެވެ.

"ޔެސް...ޔެސް...އަ ތައުޒަން ޓައިމްސް ޔެސް.." މައިރާ އަޑުގެ ނެތް ކޮޅަށް ފޯނުގައި ހުރެ ބުނަމުން ދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު