މޯލްޑިވިއަނުން ބޮއިން 8-787 މަރުކާގެ ބޯޓެއް ކުއްޔަށް ގެންނަނީ

ވަން ބޮއިންގްގެ މަތިންދާބޯޓުގެ ފޮޓޯއެއް--

ރައްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން، ބޮއިން 8-787 މަރުކާގެ ބޯޓެއް ހަ އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދަން ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ މި ބޯޓު ކުއްޔަށް ގެންނަނީ ޑްރައި ލީޒް އުސޫލުން ކަމަށެވެ. އެގޮތުން އެ ކުންފުނިން ކަނޑައަޅާ ޝަރުތުތަކެއްގެ ތެރެއިން އެ ބޯޓު ގެނެސްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު އޮތީ ހުޅުވައިލައިފައެވެ.

އެގޮތުން ބިޑަށް ރަޖިސްޓްރީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް ބިޑް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މަތިންދާބޯޓުގައި އިކޮނޮމިކް އަދި ބިޒްނަސް ކްލާސް ހުންނަންވާނެ ކަމަށާއި ބިޒްނަސް ކްލާސްގައި މަދުވެގެން 15-20 ސީޓް ހުންނަންވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.

މި މަތިންދާބޯޓު ހޯދުމުގެ މައިގަނޑު މަގްސަދަކީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމެވެ.

ބޮއިންގް 8-787 މަރުކާގެ މަތިންދާބޯޓަކީ 250 ސީޓް ހުންނަ ބޯޓެކެވެ. މި ބޯޓަކީ 14،200 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.

comment ކޮމެންޓް