ނިމުނު ސަރުކާރުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި އޭރު ބައެއް ދުވަސްދުވަހު، 200 އަށްވުރެ ގިނަ އުޅަނދު އަދި ބައެއް ދުވަސްދުވަހު 300 އާ ގާތްކުރާ އަދަދަކަށް އާ އުޅަނދު ރަޖިސްޓްރީކޮށްދީފައި އެބަހުރި ކަމަށާއި އެކަމަކު މިހާރު އެ އަދަދު 20 އަށް ތިރި ކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދަަށް ދިމާވެފައި އޮތް ޓުރެފިކުގެ މައްސަލަ ހައްލުކުރަން އާ ސަރުކާރުން އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރަމުންނެވެ. އެގޮތުން، ޓުރެފިކުގެ މައްސަލަ ހައްލުކުރަން މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރު ޕްލޭންގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، މިހާރު ވެސް މާލޭ ސަރަހައްދަށް އުޅަނދު ރެޖިސްޓްރީ ކުރެވޭ މިންވަރު ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ކަމަށެވެ. އަދި، އެއީ ކުރު ރާސްތާއެއްގައި ހޯދުނު ކާމިޔާބީއެއް ކަމަށް ވަޒީރު ވިދާލުވިއެވެ.
"ސަރުކާރަށް އައިއިރުގައި މި ސަރަހައްދަށް ރަޖިސްޓްރީވަމުން އައި ވެހިކަލްތައް އާދަޔާހިލާފަށް ގިނަކޮށް ރަޖިސްޓްރީވަމުން ދިއުން. އެބަހުރި ސްޓެޓިސްޓިކްސްއިން ފެންނަން ގާތްގަނޑަކަށް 200 ވަރަކަށް ވެހިކަލް ވެސް ދުވާލެއްގެ މައްޗަށް 300އާ ކައިރިކުރާ އަދަދަކަށް ވެސް ރަޖިސްޓްރީކުރަމުން ދިޔަކަން،" ވަޒީރު ވިދާޅުވިއެވެ.
އެ އަދަދު މިހާރު ވަނީ ގާތްގަނދަކަށް 30 ނުވަތަ 25 އަށް ތިރި ކުރެވިފައި ކަމަށް އަމީން މިއަދު ވިދާޅުވިއެވެ. ވަޒީރު ގަބޫލުކުރައްވާ ގޮތުގައި ކުރިން މާލޭ ސަރަހައްދަށް އެ އިތުރުވަމުންދިޔަ މިންވަރަށް އުޅަނދުފަހަރު އިތުރުވަމުންދިޔަ ނަމަ، މާލެއަކީ މީހުންނަށް ދިރިނޫޅެވޭ ވަރުގެ ތަނަކަށް ބަދަލުވެގެން ދިއުމުގެ ބިރު ވެސް އޮތެވެ.
އެހެންވެ، މާލޭ ސަރަހައްދަށް އެތެރެވާ އުޅަނދުފަހަރު ރެގިއުލޭޓު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
"މި މަސައްކަތްކުރަނީ ވީހާ ވެސް އަވަހަކަށް މާލޭ ސަރަހައްދުގައި އުޅުއްވައި ހުރިހާ ބޭފުޅުންނަށް ވެސް ތަންކޮޅެއް ހިތްހަމަޖެހިލައިގެން ސަލާމަތާއި ރައްކާތެރިކަމާއެކީގައި މި ސަރަހައްދުގައި ދަތުރުފަތުރު ކުރެވޭނެ ކޮންމެ ވެސް ގޮތްތަކެއް ވޭތޯ،" ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން ވަޒީރު ފާހަގަކުރައްވާފައިވާ ގޮތުގައި ނިމުނު އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގައި އެކަނި ވެސް މާލޭ ސަރަހައްދަށް ވަނީ 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްދީފައެވެ.
މާލޭ ސަރަހައްދުގެ ޓުރެފިކް މައްސަލަ އަބަދު ވެސް ބޮޑެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ފަށައިފައެވެ. އެ މަސައްކަތުގެ ތެރެއިން މިއަދު މަސައްކަތް ފެށުނު އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރު ޕްލޭންގެ ދަށުން ޓުރެފިކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.