ބޮލީވުޑްގެ ފިލްމުތަކުން ދެހާހުގެ އަހަރުތަކުގައި ވިދާލި ބަތަލާ ބިޕާޝާ ބާސޫގެ 45ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަ ކޮށްފިއެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ބަތަލާ އުފަންދުވަސް ފާހަގަކުރަން ރާއްޖެ އައިސްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. ފިރިމީހާ ކަރަންގް ސިންގް އަދި އަލަތު ދަރިފުޅު ދޭވީއާ އެކު ބިޕާޝާ އުފަންދުވަސް ފާހަގަ ކޮށްފައިވަނީ ސަން ސިޔާމް އިރުވެލި ރިސޯޓުގައެވެ.
ނިމުނު އަހަރުގެ ނޮވެމްބަރު މަހު ތެރޭ އަހަރު ފުރުނު ދަރިފުޅު ދޭވީގެ އުފަން ދުވަހާ ގުޅިގެން ވެސް ބިޕާޝާގެ ދެމަފިރިން ވަނީ ރާއްޖެ އައިސްފައެވެ. ވަރަށް ގިނައިން ޗުއްޓީ ދަތުރުތަކުގައި ރާއްޖެ ޒިޔާރަތް ކުރާ ބަތަލާއަށް އެންމެ ކަމުދާ މަންޒިލްތަކުގެ ތެރޭ ރާއްޖެ ހިމެނިފައިވާއިރު ބިޕާޝާ ވަނީ އާއިލާގެ މެންބަރުންނާ އެކު ވެސް މީގެ ކުރިން ރާއްޖެ ޒިޔާރަތް ކޮށްފައެވެ. ބިޕާޝާގެ މި ފަހަރުގެ ޒިޔާރަތުގައި މަރުހަބާ ވިދާޅުވެފައި ވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އަދި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ވަޒީރު އިބްރާހިމް ވަހީދެވެ.
ބިޕާޝާ އަދި ކަރަން ސިންގްއާ ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޕޯސްޓެއްގައި މިއީ ބޮލީވުޑްގެ ބަތަލާ ރާއްޖެއަށް ޒިޔާރަތް ކުރި 12ވަނަ ފަހަރު ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ބިޕާޝާގެ ދެމަފިރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު އިތުރުވުން ކަމަށް ޔޫތު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އިއްޔެ އުފަންދުވަސް ފާހަގަކުރި ބަތަލާއާއި ކަރަން ސިންގް ކައިވެނި ކޮށްފައި ވަނީ 2016ވަނަ އަހަރުއެވެ. ބިޕާޝާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު އިއްޔެގެ ވަގުތެއްގައި ބޮލީވުޑްގެ ބައެއް އެކްޓަރުން ވަނީ އިންޑިއާގެ އަމިއްލަ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ސޯޝަލް މީޑިއާގައި ގޮވައިލައިފައެވެ. އޭގެ ތެރޭގައި އެކްޓަރު އަކްޝޭ ކުމާރު، ޖޯން އަބްރަހަމް، ސަލްމާން ޚާން، ޓައިގާ ޝްރޮފް އަދި ބަތަލާ ޝްރަދާ ކަޕޫރުގެ އިތުރުން ކަންގަނާ ރަނާވަތު ހިމެނެއެވެ.
ރާއްޖެއާ ދެކޮޅަށް ފިލްމު އިންޑަސްޓްރީގެ މަގުބޫލު ތަރިން ވާހަކަ ދައްކަން ފަށާފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ރައްދުވާ ގޮތަށް ދިވެހި ސަރުކާރުގެ ބައެއް އިސް ބޭބޭފުޅުން ސޯޝަލް މީޑިއާގައި ވަރަށް ހުތުރުކޮށް ވާހަކަ ދައްކަން ފެށުމުންނެވެ. އެ ތިން ނައިބު ވަޒީރުން ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.